މިނިމަމް ވޭޖަކީ ކަންބޮޑުވުންތައް މައިތިރި ކުރަން ސަރުކާރުން ތަޅާ "ބޯޅަ"އެއް: އިދިކޮޅު
މިނިމަމް ވޭޖަކީ ކަންބޮޑުވުންތައް މައިތިރި ކުރަން ސަރުކާރުން ތަޅާ "ބޯޅަ"އެއް: އިދިކޮޅު

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖަކީ ސިވިލް ސާވިސްއާ އެހެން އިދާރާތަކުގެ މުވައްޒަފުން ފާޅުކުރާ ކަންބޮޑުވުންތައް މައިތިރިކުރަން ސަރުކާރުން ތަޅާ "ބޯޅަ" އެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

ސިވިލް ސާވަންޓުންގެ މުސާރައިގެ މައްސަލައިގައި އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ،ސަރުކާރު ހިންގުމުގެ މައިގަނޑު މަސައްކަތްތައް ކުރަނީ ސިވިލް ސާވިސް މުވައްޒަފުން ކަމަށެވެ.

ނަމަވެސް، މި ސަރުކާރުން ސިވިލް ސާވަންޓުންނާ މެދު އަމަލު ކުރަނީ ދެ ވަނަ ދަރަޖައިގެ މުވައްޒަފުންގެ ގޮތުގައި ކަމަށާއި އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ރަނގަޅު ކޮށްދޭނެ ކަމުގެ ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ މަތިމައްޗަށް ސިޔާސީ މަގާމުތައް އުފައްދައިގެން އުޅޭތަން ކަމަށް ބަޔާނުގައި ވެ އެވެ.

"ސިވިލް ސާވިސްގައި ހިމެނޭ ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު އޮފީސް މާހައުލުގައި މަސައްކަތްކު ރަމުން ގެންދަނީ ވަޒީފާގެ ބިރުވެރިކަމާއި ސަރުކާރުގެ ވެރިންގެ ޖިންސީ ފުރައްސާރައިގެ ބިރުވެރި ކަމުގައި ތިބެކަން ފާހަގަކުރެވިފައިވެ އެވެ،" ބަޔާނުގައި ވެ އެވެ.

"ވީމާ، ސިވިލް ސާވިސް މުވައްޒަފުންނާ މެދު ސަރުކާރުން ހިންގަމުން މި ގެންދާ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށާއި އެ މުވައްޒަފުންގެ ހައްގުތައް ވަގުތުން އިއާދަކޮށްދިނުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި މި ކޯލިޝަންގެ ފަރާތުން ސިވިލް ސާވިސް މުވައްޒަފުންނާއެކު ތިބިކަން ޔަގީންކޮށްދެމެވެ."

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ ވޭޖު ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ. އެއީ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތައް ހިމެނޭ ގޮތަށް އުފައްދާފައިވާ މިނިވަން ބޯޑެކެވެ.

އެ ބޯޑުގެ ބައްދަލުވުމެއް އަންނަ ބުދަ ދުވަހު ބާއްވައި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ ވަރެއް ކަނޑައަޅާނެ އެވެ.

މުސާރައިގެ މައްސަލައިގައި ހިމޭންކަމުގެ މުޒާހަރާ ކުރުމަށް ސިވިލް ސާވެންޓުން އިއްޔެ އޮފީހަށް ނުކުތީ ވެސް ކަޅު ހެދުމުގަ އެވެ. އެ ކަންކަމަށް ސަރުކާރުން އެދެވޭ ޖަވާބެއް ނުލިބުމުން ބައެއް އޮފީސްތަކުން މިއަދު ނިންމާފައިވަނީ ހިދުމަތް ނުދޭގޮތަށެވެ.