04 ޑިސެމްބަރ 2016 - 08:33

"މުސްލިމުންނާ މެދު އާންމުން ވިސްނާ ގޮތް ތަފާތު ކުރަން ބޭނުން،" ސޮމާލިއާ އަށް ނިސްބަތްވާ، އެމެރިކާގައި ދިރިއުޅޭ 19 އަހަރުގެ ހަލީމާ އެޑެން އެމެރިކާގެ ނޫސް އޭބީސީ އަށް ބުންޏެވެ.

މިސް ޔޫއެސްއޭ މުބާރާތުގައި މިނެސޯޓާ ރަމްޒުކޮށްދޭން ހަލީމާ ވާދަކުރި އެވެ. ބުރުގާ އަކީ މުސްލިމެެއްކަން އަންގައިދޭ ނިޝާނެއް ކަމަށާއި ބުރުގާ އެޅީ އަމިއްލަ އަށް އިހުތިޔާރުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ހަލީމާ ބޭނުންވީ "ކިޔުޓްވެފައި މޮޑެސްޓް" ވެސް ވެވޭނެކަން އަންގައިދޭށެވެ. އެކަމަކު ރީތިގެ ރާނީ ހޮވާ މުބާރާތެއްގައި ވާދަކުރާތީ އޭނާގެ އާއިލާ، ހާއްސަކޮށް މަންމަ އެކަމާ ހިތްހަމަނުޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް، ހަލީމާ ބޭނުންވީ ދީނީ ހަމަތަކާ ހިލާފު ނުވާ ގޮތަކަށް މުބާރާތުގައި ތަމްސީލު ކުރާށެވެ.
މިސް ޔޫއެސްއޭ މުބާރާތް ބާއްވާ ޖަމިއްޔާގެ އެސިސްޓަންޓް ޑިރެކްޓަރު ލިބީ ވޮޓްކިންސް ބުނިގޮތުގައި އެ ޖަމިއްޔާއިން އަބަދުވެސް ބަލަނީ ނަސްލީ އަދި ދީނީ ތަފާތުތައް ނައްތާލައި، އެންމެންނަށް ވެސް ބައިވެރިވެވޭ މުބާރާތަކަށް ހެދުމަށެވެ.
މުބާރާތުގައި ބައިވެރިވެ، ހަލީމާ އަށް ދެވުނީ ޓޮޕް 15އާ ހަމައަށެވެ. އެކަމަކު މިއީ ކާމިޔާބެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ. ހަމަ އެއާ އެކު އޭނާގެ އަށް އެ މުބާރާތުގެ ވަރަށް ގިނަ ބައިވެރިންގެ ފަރާތުން ހިތްވަރު ލިބުނެވެ. އޭނާ ބުނާ ގޮތުން އޭނާ ބޭނުން ވަނީ ޔޫއެންގެ އެމްބެސެޑަރަކަށް ވާށެވެ. މިއީ، އޭނާ ގަބޫލު ކުރާ ގޮތުގައި ހިތްވަރާ އެކު މަސައްކަތް ކޮށްގެން ނުލިބޭނެ އެއްޗެއް ނޫނެވެ.