ޔާމީންގެ ހުށަހެޅުންތައް ނިމިއްޖެ، ދެން އޮތީ ދައުލަތުގެ ވާހަކަ
ޔާމީންގެ ހުށަހެޅުންތައް ނިމިއްޖެ، ދެން އޮތީ ދައުލަތުގެ ވާހަކަ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ ނުކުތާތައް ސުޕްރީމް ކޯޓުގައި ހުށަހަޅައި ނިންމާލައިފި އެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނިންމާލެވުނީ ފަސް އަޑުއެހުމުންނެވެ.

މިއަދު އަޑުއެހުން ނިންމާލި އިރު އަޑުއެހުމަށް ކަނޑައެޅި ވަގުތުން ބާކީ އޮތީ 15 ވަރަކަށް މިނެޓެވެ. އެހެންވެ، ދައުލަތުގެ ރައްދު ދިނުން މިއަދު ނުފަށައި ދެން އޮންނަ އަޑުއެހުމަކުން އެ ބައި ފަސްކުރަން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ނިންމެވި އެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ.

ދެ ފަރާތުން މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކުމަށް ފަހު ޔާމީން ކަފާލާތުގެ ދަށުން ދޫކުރުމާއި، ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރާ ބެހޭގޮތުން ވެސް ވާހަކަ ދައްކާނެ އެވެ.

މިއަދު އެންމެ ފުރަތަމަ ވާހަކަ ދެއްކީ މިދިޔަ ބުރާސްފަތި ދުވަހު ނުނިމި އޮތް ނުކުތާއަކާ ބެހޭގޮތުންނެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވާއިރު، ލޯންޑާ ކުރީ ކޮން ކުށަކުން ހޯދި ފައިސާ ކަމެއް ދައުލަތަށް ބުނެނުދެވޭ ކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ. ޔާމީންގެ ވަކީލުން ވިދާޅުވާ ގޮތުގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާނީ އެއާ ގުޅިފައިވާ، ފައިސާ ހޯދަން ހިންގި އެހެން ކުށެއް ވެސް އޮވެގެންނެވެ.

މަނީ ލޯންޑަރިންގެ ގާނޫނުގައިވާ ގޮތުން ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގި ހުރެ ނުވަތަ ކުށް ކޮށްގެން ހޯދާފައިވާކަން އެކަށީގެންވާ ވަރަށް ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާ އަތުގައި ބެހެއްޓުމަކީ ކުށެކެވެ.

ޖަމާވީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޔާމީނަށް ޝައްކު ކުރެވޭ ހާލަތެއް އޮތް ކަމަށް ދައުލަތުން ބުނެ އެވެ. އެކަމާ ގުޅިގެން މިއަދު ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ، އަދީބު އަތުގައި ހުރި ޔާމީންގެ ފައިސާ ހޯދަން އެދިވަޑައިގަތް އިރު އެމްއެމްޕީއާރްސީ މައްސަލައާ ގުޅޭ އޮޑިޓް ރިޕޯޓަކީ ވުޖޫދުގައި ނެތް އެއްޗެއް ކަމަށާއި އެ ރިޕޯޓުން ވެސް އެއީ ކުށް ކޮށްގެން ހޯދި ފައިސާއެއް ކަމުގެ ޝައްކެއް އެ މަނިކުފާނަށް ނޯންނާނެ ކަމަށެވެ. އެ ރިޕޯޓުގައި ވެސް ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓު ދައުލަތަށް ލިބެންޖެހޭ ކަމަށް ބަޔާންކޮށްފައި ނެތް ކަމަށާއި އެ ރިޕޯޓުން ޝައްކު އުފެދޭނެ ގޮތެއް ނެތް ކަމަށް ވެސް ޝިޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭގެ ފަހުން އައި މަރުހަލާތަކުގައި ވެސް ޝައްކު އުފެދޭނެ ހާލަތެއް ނެތެވެ.

އެ މަނިކުފާނަށް ކުރި ހުކުމުގައި ޑޮލަރުން ޖޫރިމަނާ ކޮށްފައި ވުމުން އެކަން ވެސް މިއަދު ފާހަގަކުރި އެވެ. ޔާމީންގެ ވަކީލުން ވިދާޅުވި ގޮތުގައި ޖޫރިމަނާ ކަނޑައަޅަން ޖެހޭނީ ރުފިޔާއިންނެވެ. އަދި ކޯޓުތަކުން އަމަލުކުރާ އާންމު އުސޫލަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.

ޔާމީން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ޖަމާކުރީ އެމަނިކުފާނަށް ސިޔާސީ ބޭނުނަށް އެކި ފަރާތްތަކުން ދީފައިވާ ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުގައި ހުރި ފައިސާ ދިނުމަށް އޭނާ ގާތުގައި އެދިވަޑައިގަތުމުންނެވެ. ނަމަވެސް، އެ މަނިކުފާނު ވިދާޅުވާ ގޮތުގައި ވަކި ގޮތަކަށް ފައިސާ ދޭން އެއްވެސް އިރަކު އެދިވަޑައިގެންފައެއް ނުވާނެ އެވެ. ފައިސާ ދޭން އަދީބު ގާތުގައި އެދިވަޑައިގެންފައި ނޯންނާނެ ކަމަށާއި އެސްއޯއެފް މެދުވެރިކޮށް އެ ފައިސާ ފޮނުވީ އެ މަނިކުފާނަށް ނޭނގި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެސްއޯއެފުން ފޮނުވާ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ޔާމީންގެ ފަރާތުން ބުނެ އެވެ. އެއީ އެސްއޯއެފަކީ ސައްހަ ވިޔަފާރީގެ މުއާމަލާތްތައް ވެސް ކުރާ ކުންފުންޏަކަށް ވާތީ އެވެ. އަދި އެ ކުންފުނީގެ ފައިސާ އަކީ ކުށް ކޮށްގެން ހޯދާ ފައިސާ ކަމަށް އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނެތް ކަން ވެސް އެ މަނިކުފާނުގެ ފަރާތުން ފާހަގަކުރެ އެވެ.

ޔާމީންގެ ކަރަންޓް އެކައުންޓަށް އެސްއޯއެފުން ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ޖަމާކުރުމުން، އެ ފައިސާ އެ މަނިކުފާނުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކުރެއްވީ އެވެ. އަދި އެ ފައިސާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެންގުމުން، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަށް ޖަމާކުރި ފައިސާގެ ބަދަލުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މެދުވެރިކޮށް ހޯއްދެވި އެހެން އެއް މިލިއަން ޑޮލަރެއް އެސްކްރޯ އެކައުންޓަށް ޖަމާކުރުމަކީ ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑާކުރުން ކަމަށް ދަށު ކޯޓުން ނިންމި އިރު އެކަމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

މީގެ ކުރިން ބައެއް ދުވަސްދުވަހު ހެނދުނު އެއް އަޑުއެހުން އަދި މެންދުރު އެއް އަޑުއެހުން ބާއްވާ ގޮތަށް މައްސަލަ ތާވަލު ކުރި ނަމަވެސް، ޔާމީން އުނަގަނޑަށް ތަދުވާތީ ޝަކުވާ ކުރެއްވުމުން މެންދުރު ފަހު އަޑުއެހުންތައް ނުބާއްވާ ގޮތަށް މިއަދު ވަނީ ނިންމާފަ އެވެ.

މަހާޒް ރިޔާސަތު ބަލަހައްޓަވާ މި މައްސަލައިގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.