ރޭގަނޑު ބޭރަށް ނުކުތުން މަނާކޮށް އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފި
ރޭގަނޑު ބޭރަށް ނުކުތުން މަނާކޮށް އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފި

އައިއެސް ޖަމާއަތުން ރާއްޖެއަށް ކަނޑައަޅާފައިވާ އަމީރު ކަމަށް ދައުލަތުން ބުނާ މުހައްމަދު އަމީން ރޭގަނޑު ބޭރަށް ނުކުތުން މަނާކޮށް، އޭނާގެ މައްޗަށް މޮނިކޮން އަމުރެއް ހައިކޯޓުން ރޭ ނެރެފި އެވެ.

އަމީންގެ މައްޗަށް ހައިކޯޓުން ނެރުނު މޮނިކޮން އަމުރުގެ ދަށުން އޭނާއަށް، އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ބޭރަށް ނުކުމެ އުޅުން މަނަލެވެ. އަދި މާލެއިން ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެންނެވެ.

އަމީނަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އެވެ.

ނަމަވެސް މި މަހު 16 ވަނަ ދުވަހު ހައިކޯޓުން ވަނީ އަމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބާތިލުކޮށް، އޭނާ މިނިވަންކޮށްފަ އެވެ. ހައި ކޯޓުން އެގޮތަށް ނިންމީ ދައުވާކުރަން ކަނޑައެޅި މުއްދަތުގައި ދައުވާ ނުކުރެވުމުގެ ސަަބަބުންނެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ އޮފީހުން ބުނި ގޮތުގައި ހައިކޯޓުގެ ނިންމުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކަށް ރިއާޔަތްކޮށްފައި ނުވެ އެވެ. އަދި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) ހައިކޯޓުގެ ނިންމުމުގައި މާނަކޮށްދީފައި ވަނީ ރަނގަޅަށް ނޫން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މޮނިކޮން އަމުރަކީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން، ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުން މޮނީޓާކޮށް ބަލަހައްޓަން ހޯމް މިނިސްޓްރީ އަށް ބާރު ލިބޭ ގޮތަށް ހައި ކޯޓުން ނެރެދޭ އަމުރެކެވެ. މި އަމުރުގެ ދަށުން ވަކި ވަގުތުތަކެއްގައި ބޭރަށް ނުކުމެ ނޫޅެވޭ އިރު، މީހަކު ވަކި ތަނެއްގައި ބެހެއްޓުމާއި އެ މީހާ ހުންނަ ތަންތަނާއި ދާ ތަންތަން ބަލައި ފާސްކުރުމަށް ފުލުހުންނަށް ބާރު ލިބިދެ އެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ.

މީގެ އިތުރުން 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ފުލުހުން ހޯދަން އުޅުނު މީހެކެވެ. އޭރު އަމީން ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ސްރީލަންކާގައި އުޅެނިކޮށް 2011 ވަނަ އަހަރު އެވެ. އޭގެފަހުން އޭނާ ރާއްޖެ ގެނެސް ދޫކޮށްލާފައި ބެހެއްޓުމަށް ފަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރީ 2019 ވަނަ އަހަރު އެވެ.