މެސީގެ ހޯމް ޑެބިއުގައި އިކާޑީ ޕީއެސްޖީ މޮޅު ކޮށްދީފި
މެސީގެ ހޯމް ޑެބިއުގައި އިކާޑީ ޕީއެސްޖީ މޮޅު ކޮށްދީފި

ޕެރިސް (20 ސެޕްޓެމްބަރު) - މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ކުޅެން އަރައި މައުރޯ އިކާޑީ ޕީއެސްޖީ މޮޅު ކޮށްދީފި އެވެ.

އަމިއްލަ ދަނޑުގައި އޮލިމްޕިކް ލިއޯން އާ ދެކޮޅަށް ކުޅުނު މިމެޗު ޕީއެސްޖީން ކާމިޔާބުކުރީ 2-1 އިންނެވެ. މިމެޗަކީ ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ފަހުން އެޓީމުގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.

މެސީއާއެކު ނޭމާ އާއި ކިލިޔަން އެމްބާޕޭ ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެހެންނަމަވެސް ލިއޯން އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ލޫކަސް ޕަކޭޓާ ވަނީ މެޗުގެ 53 ވަނަ މިނިޓުގައި ލިއޯން އަށް ލީޑު ނަގައިދީފަ އެވެ.

ޕީއެސްޖީން އެއްވަރުކުރީ މެޗުގެ 66 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ނޭމާ އެވެ. މިއީ ލިއޯންގެ އޭރިއާ ތެރެއިން ނޭމާއަށް ފައުލް ކޮށްގެން އެޓީމަށް ލިބުނު ޕެނަލްޓީއެކެވެ. ނޭމާ ޕީއެސްޖީއަށް އެއްވަރު ކޮށްދިންތާ ދިހަ މިނިޓް ފަހުން އެޓީމުގެ ކޯޗު ޕޮޗެޓިނޯ ވަނީ މެސީގެ ބަދަލުގައި އަޝްރަފް ހަކީމީ ކުޅެން އަރުވައިފަ އެވެ.

ޕީއެސްޖީ މޮޅުކޮށްދިން ލަނޑު، މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި އެމްބާޕޭ ނަގައިދިން ހުރަހެއް އޭރިއާތެރޭގައި ހުހަށް ހުރެ ބޮލުން ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ އެންހެލް ޑިމާރިއާގެ ބަދަލުގައި ކުޅެން އެރި އިކާޑީ އެވެ.

މި މޮޅާއެކު ޕީއެސްޖީން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށް، ލީގު ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއް މެޗު މަދުން ކުޅެގެން 13 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ރޭގެ މެޗުގައި 2-0 އިން ރެނެސް ބަލިކުރި އޮލިމްޕިކް މާސޭ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިލް އޮތީ ކުޅުނު ހަ މެޗުން ލިބުނު ފަސް ޕޮއިންޓައެކު ތާވަލުގެ 15 ވަނައިގަ އެވެ.