20 ސެޕްޓެމްބަރ 2021 - 01:01

ލަންޑަން (ސެޕްޓެމްބަރު 19) - ދެވަނަ ހާފުގައި ޓޮޓެންހަމް ކޮޅަށް ޖެހި ގޯލުތަކާ އެކު ޔޫރަޕުގެ ޗެމްޕިއަން ޗެލްސީން އެ ޓީމުގެ ފެންވަރު ދައްކާލައިފި އެވެ. ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޗެލްސީގެ އެއް ނަމްބަރު ކީޕަރު އެޑުއާޑް މެންޑީގެ ބަދަލުގައި ގޯލު ބެލެހެއްޓީ ތާރީހުގައި ވެސް ކީޕަރަކަށް އެންމެ ބޮޑު އަގު ދީގެން ގެނައި ކީޕަރު ކެޕާ އަރިޒަބަލާގާ އެވެ. މިއީ މި ސީޒަނުގައި ކެޕާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ދެވަނަ ހާފު އެއްކޮށް ޑޮމިނޭޓް ކުރީ ޗެލްސީންނެވެ. ޗެލްސީން ދެވަނަ ހާފު ފެށީ މޭސަން މައުންޓްގެ ބަދަލުގައި އެންގޯލޯ ކާންޓޭ ކުޅެން އަރުވައިގެންނެވެ. ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނިޓުގައި މާކޮސް އޮލޮންސޯ ނަގައިދިން ކޯނަރެއް ބޮލުން ޖަހައި ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ޑިފެންޑަރ ތިއާގޯ ސިލްވާ އެވެ. އޭގެ އިރުކޮޅެއް ފަހުން ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ކާންޓޭ އެވެ. އަދި ތިންވަނަ ލަނޑު ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ އެންޓޯނިއޯ ރުޑިގާ އެވެ.
މެޗު ފެށުމުގެ ކުރިން ވަނީ ޗެލްސީ އާއި ޓޮޓެންހަމް އަދި އިނގިރޭސި ގައުމީ ޓީމުގެ ލެޖެންޑް ޖިމީ ގްރީވްސްގެ މަރާ ގުޅިގެން ސުކޫތެއް ގެނެސްފަ އެވެ. ގްރީވްސް ވަނީ ކްލަބް ލެވެލްގައި އެއް ސީޒަނެއްގައި މި ދެޓީމަށް ވެސް ލީގުގައި ރެކޯޑް އަދަދަކަށް ގޯލު ޖަހައިދީފަ އެވެ. ޗެލްސީ އަށް 1960-1961 ސީޒަނުގައި 41 ގޯލު ޖަހައިދިންއިރު 1962-1963 ވަނަ ސީޒަނުގައި އޭނާ ވަނީ ޓޮޓެންހަމްގެ ޖޯޒީގައި 37 ލަނޑު ޖަހައިދީފަ އެވެ. އަދި އޭނާއަކީ 266 ގޯލާ އެކު ޓޮޓެންހަމްގެ ތާރީހުގައި ވެސް އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ވެސްޓް ހޭމް ޔުނައިޓެޑާއި އިޓަލީގެ އޭސީ މިލާނަށް ވެސް ކުޅުނު ގްރީވްސް އަކީ އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ހެޓްރިކް ވެސް ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ އެވެ. އުމުރުން 81 އަހަރުގައި މަރުވި ފޯވަޑް ވަނީ ގައުމީ ޖޯޒީގައި ހަ މެޗެއްގައި ހެޓްރިކް ހަދައިފަ އެވެ.
މިރޭގެ މޮޅާއެކު ޗެލްސީ އޮތީ 13 ޕޮއިންޓާ އެކު ޕްރިމިއަ ލީގު ތާވަލުގެ އެއްވަނައިގަ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލިވަޕޫލް ދެވަނައިގައި އޮތްއިރު ތިންވަނައިގައި އޮތީ މެންޗެސްޓަ ޔުނައިޓެޑެވެ. ޔުނައިޓެޑު ވެސް ތިންވަނައިގައި އޮތީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ.
ޗެލްސީއަތުން ބަލިވެ ޓޮޓެންހަމް އޮތީ ނުވަ ޕޮއިންޓާ އެކު ތާވަލުގެ ހަތްވަނައިގަ އެވެ. ފުރަތަމަ ތިން މެޗު ވެސް ޓޮޓެންހަމް 1-0 އިން ކާމިޔާބު ކުރި ނަމަވެސް ފަހު ދެމެޗުން އެޓީމު ބަލިވެފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
ޓޮޓެންހަމް އެންމެ ފަހުން ލީގުގައި ޗެލްސީގެ މައްޗަށް ކުރިހޯދާފައި ވަނީ 2018 ވަނަ އަހަރު ވެމްބްލީގައި ކުޅުނު މެޗުންނެވެ.