19 ސެޕްޓެމްބަރ 2021 - 23:49

އިމްތިހާނަކާ ނުލައި، ބައެއް ގައުމުތަކުގެ ރައްޔިތުންނަށް ރާއްޖޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމާފައިވާ ލިސްޓަށް ބަންގްލަދޭޝް މީހުން މިއަދު އިތުރުކޮށްފި އެވެ.
ބަންގްލަދޭޝްއާ އެކު މިހާރު މި ލިސްޓުގައި ޖުމްލަ 26 ގައުމެއް ހިމެނެ އެވެ.
އެއްގަމު އުޅަނދުފަހަރާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވަނީ އެ މިނިސްޓްރީ ގަބޫލުކުރާ ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން ސައްހަ ލައިސަންސް އޮތް މީހުންނަށް ދާއިމީ ލައިސަންސް ދިނުމުގެ ބާރު ލިބިފަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އެ އޮތޯރިޓީން ގަބޫލުކުރާ ގައުމުތަކުން ދޫކުރާ ސައްހަ ލައިސަންސް އޮތް މީހުންނަށް އިމްތިހާނެއް ހެދުމެއް ނެތި ދާއިމީ ލައިސަންސް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެ ގައުމުތަކަކީ ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ، ނޭޕާލް، ޕާކިސްތާން، އަފްގާނިސްތާން، ބޫޓާން، ބުރުނާއީ، ކެމްބޯޑިއާ، އިންޑޮނީޝިއާ، ލާއޮސް، މެލޭޝިއާ، މިއަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލޭންޑް، ވިއެޓްނާމް، ޖަޕާން، އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޔޫއޭއީ، ސްވިޒަލޭންޑް، ސައޫދީ އަރަބިއްޔާ، ބެލްޖިއަމް، އަދި ޖަރުމަންވިލާތެވެ.
ޓްރާންސްޕޯޓްގެ އުސޫލުގައިވާ ގޮތުން މި ގައުމުތަކުގެ ލައިސަންސް އޮންނަ ދިވެހިންނަށް ވެސް އިތުރު އިމްތިހާނަކާ ނުލައި ރާއްޖޭގައި ލައިސަންސް ދޫކުރާނެ އެވެ.
ލައިސަންސާ ގުޅޭ ކަންކަމަށް 250ރ. ގެ ފީއެއް ނަގާއިރު، ބިދޭސީ ލައިސަންސްގެ ސައްހަކަށް ކަށަވަރު ކުރާނީ އޮންލައިންކޮށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެ އެވެ. އަދި ލައިސަންސްގެ ސައްހަކަން އޮންލައިންކޮށް ކަށަވަރު ނުކުރެވޭ ނަމަ، އެ މީހަކު ނިސްބަތްވާ ގައުމުގެ އެމްބަސީގެ ލިޔުމެއް ހުށަހަޅަން ޖެހޭ ކަމަށް އުސޫލުގައި ކަނޑައަޅާފައިވެ އެވެ.