19 ސެޕްޓެމްބަރ 2021 - 20:52

މާލޭގެ ގެސްޓް ހައުސްއެއްގައި ފިރިހެނަކު ބަރަހަނާކޮށް، އެ މީހާ އަށް އަނިޔާކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފިރިހެނަކު ބަރަހަނާކޮށް ބާއްވައިގެން އޭނާ އަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ.
ތިން މީހަކު ވެގެން އެ މީހާ ބަރަހަނާ ހާލަތުގައި ބިންމައްޗަށް ވައްޓާލައި، ފައިން އެ މީހާގެ ގައިގެ އެކި ތަންތަނުގައި ތަޅައި އަނިޔާކުރާތަން އެ ވީޑިއޯ އިން ފެނެ އެވެ. އެ މީހާ އަށް ތަފާތު އިންޒާރުތައް ދީ، އޭނާގެ ލަދުވެތި ގުނަވަން ދައްކަން ބުނާ އަޑު ވެސް އިވެ އެވެ. ދެ ވަނަ ފަހަރަށް ވެސް އޭނާ ބަރަހަނާކޮށްލާނެ ކަމަށް ބުނެ، އެ މަންޒަރުތައް އަނިޔާކުރި މީހުން ދިޔައީ ވީޑިއޯކުރަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއް ވެސް މި ތަހުގީގުގެ ތެރެއިން ބަލާނެ ކަމަށް ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ގޮތް މައްސަލަ ހުށަހެޅި މީހާއާ ހިއްސާކުރަމުން ގެންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.