އޮށްކެޔޮ ފަޅަން ހެދި ދައްޗަކަށް ބޮޑު ތަރުހީބެއް
އޮށްކެޔޮ ފަޅަން ހެދި ދައްޗަކަށް ބޮޑު ތަރުހީބެއް

ބ. ދަރަވަންދޫގައި އުޅޭ އިބްރާހީމް ފަޔާޒަށް އޭނާގެ އެކުވެރިޔަކު އުޑަފައިން އިނދެގެން ފުރޮޔަކުން ކޮންމެ ދުވަހަކު އޮއްކެޔޮ ފަޅާތަން ފެންނަން ފެށުމުން ބޭނުންވީ އެކުވެރިޔާ އަށް އެކަމުގައި ލުއިކޮށްދޭށެވެ. އޭނާ ހައްލަކަށް ހޯދީ އޮށްކެޔޮ ފަޅާނެ މެޝިނެކެވެ.

އޮށްކެޔޮ ފަޅަން ހެދި ދައްޗަކަށް ބޮޑު ތަރުހީބެއް
އޮށްކެޔޮ ފަޅަން ހެދި ދައްޗަކަށް ބޮޑު ތަރުހީބެއް

ފަޔާޒް، ދަގަނޑު ހޮޅި އާއި ފިލާ ބޭނުންކޮށްގެން ތައްޔާރުކުރި މި ދައްޗަކީ މާފަސޭހަ އެއްޗަކަށް ވެއްޖެ އެވެ. ބިންމަތީގައި ފިލާގަނޑެއް ބާއްވައި އޭގެ މަތީ އޮށްކެޔޮ ބާއްވައި ފުރޯ އިން ތަޅާކަށް ނުޖެހެ އެވެ. ފަޔާޒް ހެދި ދަތީގެ މެދުގައި އޮންނަ ފިލާގަނޑުގެ މަތީގައި އޮށްކެޔޮ ބޭއްވުމަށް ފަހު، އަތްގަނޑުގައި ހިފައި ތިރިއަށް ކޮއްޕާލުމުން ހައްޓަށް ބުރައެއް މަދު ނެގެ އެވެ.

އުޑަފައިން އިށީނދެގެން އިނުމުގެ ބަދަލުގައި ގޮނޑިއެއްގައި ހަމަޖެހިލައިގެން އެ މަސައްކަތް މިިހާރު ވާނެ އެވެ.

އުމުރުން 56 އަހަރުގެ ފަޔާޒަކީ އިންޑިއާގެ ހައިދަރުއާބާދުން މެކޭނިކަލް އިންޖީނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ މީހެކެވެ. ރަށުގައި ވޯކްޝޮޕެއް ހިންގަމުން އަންނަ ފަޔާޒު، "މިހާރު" އަށް ކިޔައިދިން ގޮތުގައި މި ދަތީގެ ވާހަކަ ގިނަ މީހުންނަށް އެނގި އެ ވާހަކަ ދައްކަން ފެށީ އެއިން އޮށްކެޔޮ ފަޅަނިކޮށް ނަގާފައިވާ ވީޑިއޯއެއް ފޭސްބުކްގައި އާންމުކުރުމުން ކަމަށެވެ.

މީގެ ހަތަރު ދުވަހެއް ކުރިން ފޭސްބުކަށްލި ވީޑިއޯއަށް އެތައް ހާސް ވިއުސްއެއް ލިބިފައި ވާއިރު އޭގެ ދަތި ހަދަން ފަޔާޒަށް މިހާރު 13 އޯޑަރު ވެސް ލިބިއްޖެ އެވެ. އޭނާ މީގެ ދައްޗެއް ހަދައިދެނީ 1،000ރ، އަށެވެ.

"ރީސައިކަލް އެއްޗެހި ބޭނުންކޮށްގެން އަޅުގަނޑު ތައްޔާރުކުރި ފުރަތަމަ ދަތި ހެދީ. އެކަމަކު މިހާރު އޯޑަރުތައް ލިބޭތީ އެއްޗެހި ގަނެގެން ދަތި ތައްޔާރުކުރަމުން މިދަނީ،" ދަރަވަންދޫގައި ދިރިއުޅޭ، މާލެއަށް އުފަން ފަޔާޒު ކިޔައިދިނެވެ.

ކުރިން ފަޔާޒު މިފަދަ ސާމާނު އުފައްދަމުން އައީ ގޭގައި އަޖުމަ ބެލުމުގެ ގޮތުންނެވެ. އެކަމަކު އޭނާގެ ފުރަތަމަ އުފެއްދުމަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބޭތީ ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. ފަޔާޒު ބުނި ގޮތުގައި އޭނާއަށް ރަށުން ބޭރުން ގިނަ އޯޑަރުތަކެއް މިހާރު އެބަ ލިބެ އެވެ.

ފަޔާޒުގެ އުފެއްދި ދަތި ބޭނުންކުރަމުން އަންނަ އޭނާގެ އެކުވެރިޔާ ބުނި ގޮތުގައި އޮށްކެޔޮ ފެޅުން މިހާރު އެތައް ގުނައެއް ފަސޭހަވެއްޖެ އެވެ. ބޭނުން ތަނަކަށް އެ ގެންދެވޭތީ ވަރަށް ފަސޭހަ ކަމަށް ބުންޏެވެ.

"ފުރޯއިން ފަޅާފަޅާ އިނީ ފަރިތަވެފަ. އެކަމަކު އަލަށް މިދަތި ބޭނުންކުރަންވީމަ އުނދަގޫވި. މިހާރު ވަރަށް ފަސޭހަ ބޭނުންތަނެއްގައި އިނދެގެން ހަމަ މިކަން ކުރަންވީ. އިއްޔެ ވެސް ދެ މީހަކު އައިސް ފަޅާފަ ބުނީ ވަރަށް ރަނގަޅޭ. ފަސޭހައޭ،" ފަޔާޒުގެ އެކުވެރިޔާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި ދަތި އޭނާ ބައިންދަނީ ގޭގެ ބޭރުގަ އެވެ. އެއީ ބޭރުންދާ މީހުންނަށް ވެސް ދަތި ފެނި، އެ ދައްޗަށް ޝައުގުވެރިކުރުމަށެވެ.

"ވަރަށް ފަސޭހަ ބޭނުންތާކަށް ގެންދެވޭތީ. އެހެން ނޫނީ އިންނަން ޖެހޭނީ ލަކުޑި ގަނޑެއް ވަޅުލައިގެން. އޭތި އިންނަންޏާ ވަރަށް އުނދަގޫ،" އޭނާ ކިޔައިދިނެވެ.

ފަޔާޒުގެ ވިސްނުން ހުރީ މިފަދަ އާ އުފެއްދުންތަކާ އެކު އެހެން މަސައްކަތްތަކަށް ވެސް ލުއިކޮށްދޭށެވެ.