ޕީޕީއެމުން އަނެއްކާވެސް ޖަލްސާއެއް ބާއްވަނީ
ޕީޕީއެމުން އަނެއްކާވެސް ޖަލްސާއެއް ބާއްވަނީ

ކާނިވާ ސަރަހައްދުގައި އަންނަ ހުކުރު ދުވަހު އަނެއްކާވެސް ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތައްޔާރުވާން ފަށައިފި އެވެ.

އިދިކޮޅުން އެންމެ ފަހުން ބޮޑު ޖަލްސާއެއް ބޭއްވީ މި މަހުގެ 3 ވަނަ ދުވަހު އެވެ. ކާނިވަލުގައި ބޭއްވި "އައްޑަނަ" ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ.

އިދިކޮޅުގެ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ކޮމިޓީން މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރަކު ވިދާޅުވީ އެ ކޮމިޓީގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކާނިވާ ސަރަހައްދުގައި އިތުރު ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާ ކަމަށެވެ.

ފެއްސާއި ރަތާއި ހުދު ރަމްޒުވާ ގޮތަށް ފަށާ މި ކެމްޕެއިނަކީ ގައުމުގެ މިނިވަންކަން ނަގާލަން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ތެދުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބާއްވާ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވަނީ ފާއިތުވި ދުވަސްތަކުގައި ކްލަބްހައުސްގައި ބޭއްވި ސެޝަންތަކާ އެކު އެފަދަ ހަރަކާތެއް ކުރިއަށް ގެންދަން އެތައް ބަޔަކު ބޭނުންވެފައިވާކަން އެނގޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރުން ހަދާފައިވާ "ގޮތްނޭނގޭ" އެގްރީމަންޓުތަކާ ގުޅޭ މައުލޫމާތުތަކެއް އަންނަ ހުކުރު ދުވަހު އާންމުކުރާނެ ކަމަށް ވިދާޅުވި އެވެ.