ޖައްވީ ޓޫރިސްޓުން އެނބުރި ބިމަށް
ޖައްވީ ޓޫރިސްޓުން އެނބުރި ބިމަށް

ޖައްވީ ޓޫރިސްޓުންގެ ގޮތުގައި، އެމެރިކާގެ ސްޕޭސްއެކްސް ކުންފުނީގެ ޑްރެގަން ނަމަކަށް ކިޔާ އުޅަނދުގައި ޖައްވަށް ދިޔަ ހަތަރު މީހުން، ޖައްވުގައި ތިން ދުވަސް ހޭދަކުރުމަށް ފަހު، ރޭ އެނބުރި ބިމަށް އަތުވެއްޖެ އެވެ.

ޖައްވީ ޓޫރިސްޓުން އެނބުރި ބިމަށް
ޖައްވީ ޓޫރިސްޓުން އެނބުރި ބިމަށް

ޖައްވީ ފަޅުވެރިން ގޮވައިގެން ދަތުރުކުރި ޑްރެގަން ކެޕްސޫލް ފްލޮރިޑާގެ އައްސޭރި ފަށުން ކަނޑުގެ ތެރެއަށް ތިރިކުރީ އެމެރިކާ ގަޑިން ރޭ އިރާކޮޅު 7:00 ހާއިރެވެ. އެއީ ރާއްޖޭ ގަޑިން މިއަދުގެ ފަތިހު 4:00 ހާއިރެވެ.
މިއީ، ޖައްވީ ފަޅުވެރިން ނުވަތަ އެސްޓްރޮނޯޓުން ފިޔަވައި، އާންމުންގެ ބަޔަކު ޖައްވަށް ދިޔަ ފުރަތަމަ ދަތުރެވެ.

ޑްރެގަން ކެޕްސޫލް ޖައްވުގެ ތެރޭގައި ދުނިޔެ ވަށައިގެން ބުރުޖަހަމުން ދިޔަ އޯބިޓުން ނެއްޓި، މި ބިމުގެ ވައިގެ ފަށަލައިގެ ތެރެއަށް ވަނުމަށް ފަހު، އޭގެ ދުވެލި މަޑުކުރުމަށްޓަކައި ދެ ވައިކުޑަ ހުޅުވައިލި އެވެ. އެ ދެ ވައިކުޑައިގެ އެހީގައި ވަކި ހިސާބަކަށް ތިރި ކުރުމަށް ފަހު، އެއަށް ވުރެ ބިޔަ ދެ ވައިކުޑަ ހުޅުވާލައި، އޭތި ތިރިވާ ދުވެލި ވަރަށް ބޮޑަށް ދަށްކޮށްލި އެވެ. އެއަށް ފަހު ކަނޑުގެ ލޮނުގަނޑުގައި ޖެހުމުން، އެކަމަށް ހާއްސަކޮށްފައިވާ އުޅަނދަކަށް ކެޕްސޫލް ނެގީ އެވެ.

ޑްރެގަން ކެޕްސޫލްގެ މިދަތުރަށް ހާއްސަކުރި ހަތަރު ޖާގައަކީ ވެސް، އެމެރިކާގެ ބިލިއަނަރު ޖެރެޑް އިސާކްމަން ފައިސާ ދީގެން ގަނެފައިވާ ހަތަރު ޖާގަ އެވެ. ނަމަވެސް މި ދަތުރަށް އޭނާ ހަރަދުކުރީ ކިހާ ވަރެއް ކަމެއް، އޭނާ ވެސް އަދި ސްޕޭސްއެކްސްގެ ފަރާތުން ވެސް ހާމައެއް ނުކުރެ އެވެ.

ސްޕޭސްއެކްސް އަކީ އެމެރިކާ ބިލިއަނަރު އެލަން މަސްކު އަމިއްލަ އަށް އުފައްދައި ހިންގަމުން އަންނަ ކުންފުންޏެކެވެ. މިދިޔަ ބުދަ ދުވަހު ޖައްވަށް ފުރި މި ހަތަރު ދަތުރުވެރިން ޖައްވުގައި ހޭދަކުރި މުއްދަތުގައި، ބައެއް ބާވަތުގެ ސައެންޓިފިކް ދިރާސާތައް ކުރި އެވެ. ނަމަވެސް އެއީ، ކަމެއް ނެތި ޖައްވުގައި ތިން ދުވަހު ތިބެން ޖެހުމުން މާބޮޑަށް ފޫހިވެދާނެ ކަމަށްޓަކައި އިންތިޒާމުކުރި ކަމެކެވެ.

ބިލިއަނަރު ޖަރެޑް އިސާކްމަންގެ އިތުރުން މި ދަތުރުގައި އޭނާ ބައިވެރިކުރީ އެމެރިކާގެ ޖިއޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ސިއާން ހޭލޭ ޕްރޮކްޓާ އާއި އެމެރިކާގެ އެހެން ދެ ރައްޔިތެއް ކަމަށްވާ ހޭލޭ އާސެނޯޒް އާއި ކްރިސްޓޮފާ ސެމްބްރޮސްކީ އެވެ.