19 ސެޕްޓެމްބަރ 2021 - 14:05

ތ. ހިރިލަންދޫ ސްކޫލުގައި ކިޔަވައިދެމުން އަންނަތާ 31 އަހަރު ވީއިރު، އެ ސްކޫލުގައި ހުރި މައްސަލަތައް އިންތިހާ އަށް ގިނަވެ ޝަކުވާތަކުން ފުރިއްޖެ އެވެ.

އެ ސްކޫލުގެ ބާއިމާރާތުގައި ހަދާފައި ހުރި ކުލާސްރޫމުތަކަށް ވާރޭ ވެހޭތީ، ދަރިވަރުންނަށް ކިޔަވައިދޭން އުނދަގޫވުން އެއީ އެއް މައްސަލަ އެވެ. މައްސަލަތައް ގިނަވެ، އެ ސްކޫލުގެ ބައެއް ބެލެނިވެރިން ވަނީ މިދިޔަ ހަފުތާގައި އިހުތިޖާޖު ވެސް ކޮށްފަ އެވެ. އޭގެ ތެރެއިން އެއް ބެލެނިވެރިޔަކު ހިފައިގެން ހުރި ބޯޑެއް އާންމުންގެ ސަމާލު ކަމަށް ވެސް ވަނީ އައިސްފަ އެވެ.

"51 ސްޓާފުންނަށް އެއް ފާހާނާ. އެ ފާހާނާ ވެސް ހަލާކުވެފައި،" އެ ބޯޑުގައި ލިޔެފައިވެ އެވެ.
މިއީ ތެދު ވާހަކައެއް ކަން "މިހާރު" އާ ވާހަކަދެއްކި ހިރިލަންދޫ ސްކޫލުގެ މުވައްޒަފަކު ވަނީ ޔަގީންކޮށްދީފަ އެވެ. އޭނާ ބުނީ ސްޓާފްރޫމުގެ ތެރޭގައި ހުރި އެ ފާހާނާގެ އެކި އެއްޗެހި ހަލާކުވެފައި ހުންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ.
"ބައެއް ފަހަރު ފްލަޝްގެ މައްސަލަ ޖެހޭނެ. ޝަވަރުގެ މައްސަލަ ޖެހިދާނެ. އަބަދު ވެސް އެކަހަލަ ކޮންމެވެސް މައްސަލައެއް ޖެހިފައި ހުންނަނީ،" އޭނާ ބުންޏެވެ.
އެކަމަކު ވެސް ސްޓާފުން އަދިވެސް އެ ފާހާނާ ބޭނުންކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.
ހިރިލަންދޫ ސްކޫލުގެ ބާވެފައިވާ އެ އިމާރާތަކީ 1990 ވަނަ އަހަރު ހަދާފައި ހުރި ތަނެކެވެ. އެ ތަނަކީ ރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށާއި އިމްތިހާނުތައް ބޭއްވުމަށް ބޭނުންކުރަމުން އަންނަ ހޯލެވެ. އެކަމަކު އެ ސްކޫލަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައި ވާތީ އެތަނުގައި ޕާޓިޝަން ޖަހައިގެން ހަތަރު ކްލާސްރޫމް ހުރީ ހަދައިފަ އެވެ.
މި ކްލާސްރޫމުތަކަށް ވާރޭވެހި، ކިޔަވައިދޭން ދަތިވާތީ ބެލެނިވެރިން ނިކުމެ އެ ސްކޫލު ބަންދުކޮށްފަ އެވެ. އޭގެ ފަހުން ބެލެނިވެރިން ދަރިވަރުން ސްކޫލަށް ވެސް ނުފޮނުވާއިރު، މިއަދު ވެސް ސްކޫލަށް ދިޔައީ އެންމެ ދެ ކުދިންނެވެ.
މިއަދު ވެސް ބެލެނިވެރިން ވަނީ އެ ސްކޫލު ދޮށުގައި މުޒާހަރާކޮށްފަ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް "މިހާރު" އަށް ކުރިން ވިދާޅުވެފައި ވަނީ ވިއްސާރަ ވެއްޖެ ނަމަ، ބާ އިމާރާތުގެ ކްލާސްރޫމްތަކުގައި ފެންބޮޑުވެ، ކިޔަވަން ގެންގުޅޭ ފޮތްތައް ވެސް ތެމޭ ކަމަށެވެ. އެކަމުގެ ޝަކުވާ ބެލެނިވެރިން ކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެތައް ދުވަހެއް ވެއްޖެ މިކަމުގެ ޝަކުވާ ކުރާތާ. މިއަދު [މިދިޔަ ބުދަ ދުވަހު] ވެސް ހެނދުނު ވިއްސާރަ ވެހިގެން ކްލާސްރޫމަށް ފެންވަދެ މި މައްސަލަތައް ދިމާވީމަ ކުދިން ގެއަށް ދިޔަ ވަގުތު ބެލެނިވެރިން އައިސް ބަންދުކުރީ ސްކޫލު. ޓީޗަރުން އިންޓަވަލް ގަޑި ނިމުނީމަ އެބަތިބި އައިސް. އެކަމަކު އޭރު ބެލެނިވެރިން ގޭޓް ބަންދުކޮށް އެ ސަރަހައްދުގައި ތިބީ،" ޖަލާލް ވިދާޅުވި އެވެ.
އޭނާ ވިިދާޅުވި ގޮތުގައި ބެލެނިވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މި ދަނޑިވަޅުގައި ވެސް ހިރިލަންދޫ ސްކޫލަށް ވުރެ މާ ހާލަތު ރަނގަޅަށް ހުރި ސްކޫލުތަކުގައި އާ އިމާރާތް އެޅުމަށް މިނިސްޓްރީން ހަވާލުކުރަމުން ދިޔުމެވެ.
އެ ރަށު ސްކޫލުގައި އާ އިމާރާތެއް އެޅުމަށް މިދިޔަ އަހަރާއި މި އަހަރުގެ ބަޖެޓްގައި ހިމެނިޔަސް، އިމާރާތް އެޅުމަށް އިއުލާނުކޮށް ގިނަ ދުވަސް ވާތީ ބެލެނިވެރިން ހިތްހަމައެއްނުޖެހެ އެވެ.
މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމިނެންޓް ސެކްރެޓަރީ އަހުމަދު އަލީ "މިހާރު" އަށް ވިދާޅުވީ ބެލެނިވެރިންގެ ޑިމާންޑަކީ ވީހާ ވެސް އަވަހަކަށް އެ ސްކޫލުގައި މަލްޓިޕާޕޯސް ހޯލެއް އަޅަން އިއުލާންކުރުން ކަމަށާއި އެ މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. އެ އިއުލާން ކުރެވެންދެން ވެސް ކިޔެވުން ކުރިއަށް ގެންދަން އެދިފައިވާ ކަމަށް ވިދާޅުވި އެވެ.