20 ސެޕްޓެމްބަރ 2021 - 07:23

ކުރިމަތިން ފެންނަން ހުރީ ބޮޑު ތާޖެކެވެ؛ މި ފޭބުނީ "ކިންގްސް އައިލެންޑް" އަށް ކަން ސިފަކޮށްދީފައި އޮތްލެއް ހިތްގައިމެވެ. ހުދު ހެދުމުގައި މުންޑު އަނދެ ބޮލުގައި ފޮށާ އަޅައި ތިބީ, ވެރިންނަށް ނުވަތަ ރަސްރަސްކަލުންނަށް އެރުވޭ އެންމެ މަތީ އިއްޒަތުގައި މަރުހަބާއަށް ތައްޔާރުވެގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ރަށަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކުރެއްވި ރަސްމީ ޒިޔާރަތުގައި އެ މަނިކުފާނުގެ ވަފުދަށް މަރުހަބާ ދެންނެވީ އެ ރަށުގެ ތާރީހީ ގޮތަށެވެ. މި ރަށުގައި ފުރަތަމަ ފަހަރަށް ފައި ބީއްސާލި އަހަރެމެން ކަހަލަ މެހްމާނުންނަށް ދޭން ބޭނުންވި މެސެޖަކީ ރާއްޖެއަށް ރަސްކަމުގެ ފެށުން އައިސްފައި އޮތީ މި ފަސްގަނޑުން ކަމެވެ.

މި ރަށަށް ރަސްގެތީމު ނަން ކިއުނީ ބުނެވޭ ގޮތުގައި އަވަށްޓެރި ސްރީ ލަންކާ އިން ދަތުރު ފައްޓަވައި އެ ރަށަށް ވަޑައިގެން އުޅުއްވި ކޮއިމަލާ ރަސްގެފާނާ ގުޅުވަ އެވެ. މިސްރާބެއް ނެތި ފެއްޓެވި ދަތުރުގައި ފުރަތަމަ ބަނދަރުކުރެއްވި ކަމަށް ވަނީ ރަސްގެތީމުގަ އެވެ. މި ރަށުގައި ކޮއިމަލާ ރަސްގެފާނު ހޭދަކުރެއްވި މުއްދަތެއް ތާރީހުން ވެސް މާ ބޮޑަށް އެނގޭކަށެއް ނެތެވެ.

ރަސްގެފާނުގެ އަރިސް ހުރިހާ ބޭކަލުން ތިބި ކަމަށް ވަނީ މި ރަށުގަ އެވެ. އަޅުންގެ ގޮތުގައި މި ރަށަށް ގެނައި އެންމެން ބޭތިއްބީ އަނގޮޅިތީމުގަ އެވެ.

މި ރިޕޯޓުގައި މި ހިމަނާލަނީ މި ރަށުގެ ތާރީހާ ގުޅޭ ގޮތުން އަޑު އިވުނު ޝައުގުވެރި ބައެއް ވާހަކަތެކެވެ.

އަތިރިމަތީގައި ހުންނަ މި ދެ ޒިޔާރަތް ނިސްބަތްވަނީ ރަސްގެތީމަށް ދިޔަ ދެ ވަލީވެރިއަކަށެވެ. މިސްކިތް މަގާ ދިމާލުން ރަށަށް އެރީ ކަޅު ހިލަ ދައެއްގައި ދަތުރުކޮށްފައި އައިސް ކަމަށް ވެ އެވެ.
އެ ދެ މީހުންގެ އެދުމުގެ މަތިން ރަށަށް އަރުވައި މާ ގިނަ ދުވަސްތަކެއް ނުވެ މަރުވުމުން ވަޅުލައި ދެ ޒިޔާރަތެއް ހެދީ އެވެ. އެ މީހުން ރަށަށް އެރި ދައި ވަރަށް ޒަމާންވަންދެން އަތިރީ ޒިޔާތުގައި ބާއްވާފައި އޮތް ކަމަށް ބުނެ އެވެ. އެކަމަކު ފަހުން ގެއްލުނީ އެވެ.
ދެ މީހުންގެ މައުލޫމާތު އެނގޭ ގަލެއް އެ ރަށުގައި އޮތަސް އަދި އެކަށީގެންވާ ގޮތެއްގައި ދިރާސާކޮށްފައެއް ނުވެ އެވެ.
ކުރިން ދެ ޒިޔާރަތުގައި ވެސް ހުންނަނީ, ދުވަސްވީ މީހުން ކިޔައިދިން ގޮތުގައި, އީޓު ޖަހައި ހައި ވަކަރުން ދޮރުތައް ޖަހައި މުށި ގޮބުތަކެއް ލައިފަ އެވެ. އެކަމަކު ހިމާޔަތްނުކޮށް ބަހައްޓާފައި ހުރުމުން ދެ ޒިޔާރުގެ ވެސް އަސްލު ވަނީ ގެއްލިފަ އެވެ. ދިދަތައް އާކޮށް އެތަން ރަނގަޅަށް ބެލެހެއްޓުން ވެސް އޮތީ ދޫކޮށްލައިފަ އެވެ.
ކާށިދޫ ކަނޑާ ގުޅިފައިވާ ކަމަށް ބުނާ ފުން ވަޅުގެ ވާހަކަ ސިކުނޑީގައި ބަހައްޓައި ވަޅުތެރެއަށް ބޯ ދިއްކޮށްލި އިރު އެ ވަޅުގައި މިހާރު ފެނެއް ނެތެވެ. ގަލާއި ވެލި ފަދަ އެއްޗެހި އަޅައި އޮތީ ހިއްކައިފަ އެވެ.
ދުވަސްވީ މީހުން ބުނަނީ ކުރިން ނަމަ ފެނުނީހީ ގަދަ ނޫކުލައިގެ ފެންގަނޑެއް ކަމަށެވެ. އެ މީހުން އަދިވެސް ބޮޑަށް ބުރަވަނީ އެ ވަޅު ހުންނަނީ ކާށިދޫ ކަނޑާ ގުޅިފައި ކަމަށް ދައްކާ ވާހަކައަކީ ހަގީގަތެއްގެ ގޮތުގަ އެވެ.
ވަޅުގެ ފުން މިން ނޭނގުމަކީ އެގޮތަށް އޭރު ގަބޫލުކުރެވުނު ސަބަބެކެވެ. އަޖައިބުކުރުވި އެ ވަޅަށް ކުރީޒަމާނުގައި ނަދުރު ބުނެ އުޅެ އެވެ. ރަށްރަށުން މާބަނޑު މީހުން މި ރަށަށް އައިސް ފެންވަރައި ހެދި އެވެ. އެއީ ވިހަން ފަސޭހަ ވާނެ ކަމަށް ގަބޫލުކޮށްގެންނެވެ. ބޮޑެތި ބަލިތަކުގައި އުޅުނު މީހުން ވެސް ވަޅު ކައިރިއަށް ގެންގޮސް ފެންވަރުވައި ހެދި އެވެ.
އެކަމަކު ވަޅަށް ނަދުރު ބުނެއުޅުން ކޮންމެވެސް ހިސާބަކުން ހުއްޓައިލީ އެވެ.
ދުވަސްވީ މީހަކު ކިޔައިދިން ގޮތުގައި އަދި ކައުންސިލުގެ ރަސްމީ މައުލޫމާތުތަކުގައިވާ ގޮތުގައި އެ ވަޅުގެ ހަގީގަތެއް ނޭނގެ އެވެ. އެނގޭ ކަމަކީ އާދަޔާ ހިލާފަށް ފުން ވަޅެއް ކަމެވެ.
އެ ވަޅުގެ ފުން މިން ބަލަން މީހުން ފޭބި އެވެ. ކިޔައި އުޅޭ ގޮތުގައި އަޑިއަށް ފައިބައި ހަތް ފޫޓަށް ވުރެން ފުނަށް ވެސް ދެވެ އެވެ. އެކަމަކު ފޭބި މީހުން ބިރުން އެއަށް ވުރެން ދުރަށް ދާކަށް ނުކުރެ އެވެ.
ވަޅާ މެދު ދުވަސްވީ މީހުންގެ ގަބޫލުކުރުންތަކުގެ މައްޗަށް އިލްމީ ގޮތުން ރަށުގެ ޒުވާނުންގެ ވިސްނުން ވަނީ ގަދަކޮށްފަ އެވެ. ކާށިދޫ ކަނޑާ ވަޅު ގުޅިދާނެ ކަމަށް ގަބޫލެއް ނުކުރެ އެވެ.
މި ތަނުގައި ވަޅުލާފައި އޮތީ ކާކު ކަމެއް ބުނެދޭކަށް އެ ރަށުގެ ދުވަސްވީ މީހުންނަކަށް ނޭނގެ އެވެ. އެކި މީހުންގެ ފުށުން ވާހަކަތައް އައިސްފައި އޮތީ އެއީ ވަރަށް ވަރުގަދަ ދަންނަކަލޭފާނެއް ކަމެވެ.
އެތަން ހުރަސްކުރާ ނަމަ ދޮންވެލި މުށެއް އެއްލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ގަބޫލުކުރެވިފައި އޮތެވެ. މުވާސަލާތީ ހިދުމަތް ނެތް އެ ޒަމާނުގައި ރަށުން މާލެ ދިޔަ ބައްތެއްޔެއް ވެސް ރަށަށް އައުން ލަސްވެއްޖެ ނަމަ އެތަނަށް ނަދުރު ބުނެ އުޅެ އެވެ. މަސްވެރިކަން ދަށްވުމުން އޮޑިވެރިޔާ ވެސް އެތަނަށް ގޮސް ނަދުރު ބުނުމުން މަސް ތިޔާގިވާ ކަމަށް ވެ އެވެ.
"އެކަމަކު މިހާރުގެ މީހުން ގަބޫލުކުރާ ކުރުމެއް ނޫން އެއީ. އޭރު ކަންކުރި ގޮތެއް," ކައުންސިލްގެ ކުރީގެ ޒިންމާދާރުވެރިޔާ ހުސެއިން އިބްރާހިމް ވިދާޅުވި އެވެ.
މި ރަށުގެ ކޮންމެވެސް ސަރަހައްދެއްގައި ރަންގުޅިއެއް ވެއްޖެ ކަމަށްވެ އެވެ. މި ވާހަކަ ހުސެއިންއާ ހަމައަށް ވެސް ވާސިލްވީ އިހުޒަމާނުއްސުރެން އެ ރަށާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ތެރެއިންނެވެ. އެކަމަކު މިހާތަނަށް އެއްވެސް މީހަކަށް ރަންގުޅިއެއް ނުފެނެ އެވެ.
"އެވެސް ހުންނާނެ ކޮންމެވެސް ތާކު. މިގޮތަށް ވާހަކަ ދެކެވޭ ގިނަ އެއްޗެހި ފެނިފައި އެބަހުރި," އެއީ ހަގީގަތެއް ނޫން ކަމަށް ގަބޫލުކުރާކަށް ހުސެއިން ވެސް ބޭނުމެއް ނުވެ އެވެ.
މި ރަށުގެ ފަސްގަނޑުގެ ތެރެއިން އާސާރީ ގިނަ ތަކެތި ފެންނަ ކަމުގެ މިސާލެއްގެ ގޮތުގައި ހުސެއިން ދެއްކެވީ ވަރަށް ފަހުން ވެސް ކޮންމެވެސް ސަރަހައްދެއް ކޮނުނު އިރު އިހުގައި ބޭނުންކުރި ބައެއް ތަކެތި ފެނިފައި ވުމެވެ. މިގޮތަށް ކޮނުނު ވަރަކަށް އަސާރީ ހަޒާނާއެއް ކަން ސާބިތުވާނެ ކަމަށް ހުސެއިން ވިދާޅުވި އެވެ.
އޭނާ ކަންބޮޑުވެވަޑައިގަންނަވަނީ މިގޮތަށް ފެންނަ ތަކެތި އެކަށީގެންވާ ގޮތެއްގައި ރައްކާކުރެވޭނެ ގޮތެއް ނެތުމެވެ.
"ސަރުކާރުން އެބަޖެހޭ, ތާރީހު ޒަމާންތަކަށް ދެމިގެންދާ ގޮތަށް ރައްކާތެރިކޮށްދޭން.
"ބައެއް އެއްޗެހި ފެނުނުތަންތަން އިތުރަށް ކޮނެފި ނަމަ ވެސް އަޅުގަނޑު ގަބޫލުކުރަނީ އެހެން އެއްޗެހި ވެސް ފެންނާނެ ކަމަށް."
މި ރަށުގެ ރައްޔިތުން ބޭނުން ވަނީ ރަސްގެތީމުގެ ތާރީހު ދައްކުވައިދޭން ކަލްޗަރަލް ސެންޓަރެއް އެޅުމެވެ. އެ ރަށަށް ކަލްޗަރެއް ސެންޓަރެއް މުހިއްމު ވަނީ ހުސެއިން ވިދާޅުވި ގޮތުގައި އެގޮތަށް ފެންނަ ތަކެތި ހިމާޔަތްކޮށް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭތީ އެވެ.
ކޮއިމަލާ ރަސްގެފާނު ރަސްގެތީމުގައި އުޅުއްވި ނަމަވެސް ގަނޑުވަރެއް ބިނާކުރެއްވި ކަމެއް ތާރީހުގައި ލިއެފައި ނެތެވެ. ސަރަހައްދެއް ކަނޑައެޅުނު ކަމަށް ކިޔައި އުޅެ އެވެ. ރަށުގެ ބައެއް ސަރަހައްދުތަކުގައި ހުރި އުސް ވެލިފުނިތައް ގަނޑުވަރު ބިނާކުރަން ކުރި މަސައްކަތާ ގުޅިދާނެ ކަމަށް ލަފާކުރެ އެވެ. އެކަމަކު އޭގެ މާބޮޑު ހަގީގަތެއް ނޭނގެ އެވެ. ކޮއިމަލާ ރަސްގެފާނު މި ރަށުން ފުރާވަޑައިގަތީ ގެންގުޅުއްވި ދޫންޏެއްގެ އިރުޝާދަށް ކަމަށް ކިޔައި އުޅެ އެވެ.
ރަސްގެތީމުން ބޭނުން ވަނީ އެ ރަށުގެ ތާރީހު ދިރުވައި ޖީލުތަކަށް ވާސިލްކޮށްދޭށެވެ. އެ ރަށު ރައްޔިތުންގެ ބައިވެރިވުމާ އެކު މީގެ ހަފުތާއެއްހާ ދުވަސްކުރިން ރަށުން އެ ދިނީ އެ މެސެޖެވެ.
"މުޅި ކޮންސެޕްޓް ރައްޔިތުން އެގޮތަށް ރޭވި ބޭނުމަކީ އާސާރީ ތަންތަނާއި ތަކެތި ހިމާޔަތްކުރުމުގެ މުހިއްމުކަން ބުނެދޭން،" ހަސަން ވިދާޅުވި އެވެ.