ވޯލްޑް ކަޕުގެ ކުރިން ޔޫއޭއީގައި އައިޕީއެލް ފުރިހަމަ ކުރަނީ
ވޯލްޑް ކަޕުގެ ކުރިން ޔޫއޭއީގައި އައިޕީއެލް ފުރިހަމަ ކުރަނީ

ދުބާއީ (ސެޕްޓެމްބަރު 19) - އަންނަ އޮކްޓޯބަރު މަހު ފަށާ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ޓީ20 ވޯލްޑް ކަޕްގެ ކުރިން، އިންޑިއަން ޕްރިމިއަ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ ބާކީ މެޗުތައް ދުބާއީގައި މިރޭ ފަށާނެ އެވެ.

މިއަހަރުގެ އޭޕްރީލް 9 އިން މެއި 2 އާ ހަމައަށް އިންޑިއާގައި މުބާރާތް ކުރިޔަށްދިޔަ ނަމަވެސް، 29 މެޗަށް ފަހު މުބާރާތް މެދުކަނޑާލަން ޖެހުނީ ޓީމުތަކުގެ "ބަބްލް" ތެރޭ ކޮވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމުންނެވެ.

އައިޕީއެލްގެ "އެލް ކްލެސިކޯ" ގެ ނަމުން މަޝްހޫރުވެފައިވާ މުމްބާއީ އިންޑިއަންސް އަދި ޗެންނާއީ ސުޕަ ކިންގްސް ބައްދަލުކުރާ ވާދަވެރި މެޗުން މުބާރާތް އަލުން ފަށާއިރު، މިރޭގެ މެޗަކީ މުމްބާއީ އިންޑިއަންސް އަށް މޮޅުވުން މުހިއްމު މެޗެކެވެ. މިހާތަނަށް ކުޅުނު ހަތް މެޗުން ހަތަރު މެޗު ކާމިޔާބުކޮށްގެން އެޓީމު މި ވަގުތު ޕޮއިންޓް ތާވަލުގެ ހަތަރު ވަނައިގައި އޮތްއިރު، ހަތް މެޗުން ފަސް މެޗު ކާމިޔާބުކޮށްގެން ޗެންނާއީ މި ވަގުތު އޮތީ ތާވަލުގެ ދެވަނައިގަ އެވެ.

އައިޕީއެލްގައި މުމްބާއީ އިންޑިއަންސް ވަނީ ޗެންނާއީއާ ދެކޮޅަށް 22 މެޗުގައި ކުޅެ، 14 މެޗު ކާމިޔާބުކޮށްފަ އެވެ. އޭގެތެރޭން ފައިނަލުގައި މި ދެ ޓީމު ބައްދަލުކުރި ހަތަރު ފަހަރުގެ ތެރެއިން ތިން ފަހަރު ކާމިޔާބު ހޯދީ މުމްބާއީ އިންޑިއަންސް އެވެ. މުމްބާއީ އިންޑިއަންސް އަކީ މުބާރާތުގެ އެންމެ ކާމިޔާބު އަދި އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އެ ޓީމުން ވަނީ 2008 ވަނަ އަހަރު ފެށި އިންޑިއަން ޕްރިމިއަ ލީގު ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.

ލީގު ބުރުގެ ކުޅުން ނިމޭނީ އޮކްޓޯބަރު 8 ވަނަ ދުވަހުގެ ރެ އެވެ. ގަދަ ހަތަރު ޓީމާ އެކު އޮކްޓޯބަރު 10 ވަނަ ދުވަހު ޕްލޭއޮފް ފަށަން ހަމަޖެހިފައިވާއިރު ފައިނަލް އޮންނާނީ 15 ވަނަ ދުވަހުގެ ރޭ ދުބާއީގަ އެވެ. އަދި ޓީ20 ވޯލްޑް ކަޕް ފަށާނީ އޭގެ ތިން ދުވަސް ފަހުން އޮކްޓޯބަރު 18 ވަނަ ދުވަހު އެވެ.

ސަޕޯޓަރުން ދަނޑަށް ނުވައްދާ މި އަހަރުގެ މުބާރާތް އިންޑިއާގައި ފެށި ނަމަވެސް، ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އަދި އެމިރޭޓްސް ކްރިކެޓް ބޯޑް (އީސީބީ) މަޝްވަރާ ކޮށްގެން، ޔޫއޭއީގައި ކޮންމެ މެޗަކަށް ވެސް ސްޓޭޑިއަމްގެ 60 ޕަސެންޓް ސަޕޯޓަރުންނަށް ވަނީ ހުޅުވާލައިފަ އެވެ. މިދިޔަ އަހަރުގެ އައިޕީއެލް މުބާރާތް ޔޫއޭއީގައި ކުރިޔަށް ގެންދިޔައީ ސަޕޯޓަރުންނާ ނުލަ އެވެ.