01 ޑިސެމްބަރ 2016 - 14:53

ރައީސް އަބްދުﷲ ޔާމީން، މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ދެމެދު އޮތް ގުޅުން ފާހަގަ ކުރައްވައި، މި ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި، ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ މޫސާ ޒަމީރާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލާއި ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ފަހުމީ ހަސަން ބައިވެރިވެވަޑައިގަތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ޔާމީން މެލޭޝިއާ އަށް ވަޑައިގަތީ، އެ ގައުމުގެ ވެރިކަން ކުރާ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ)ގެ އަހަރީ އާންމު ބައްދަލުވުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތަށެވެ. މި ރަސްމިއްޔާތު އޮތީ މެލޭޝިޔާގެ ޕުޓްރާ ވޯލްޑް ޓްރޭޑް ސެންޓަރުގަ އެވެ.
މިދިޔަ މެއި މަހު ވެސް ރައީސް ޔާމީންގެ ދެކަނބަލުން ވަނީ މެލޭޝިޔާއަށް ވަޑައިގަތެވެ.
މެލޭޝިއާގައި ބޭއްވި "ޕަމާޓާ އިންޓަނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ"ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި އެ ދަތުރުފުޅުގައި ވެސް ބޮޑުވަޒީރު ނަޖީބާ ރައީސް ޔާމީން ވަނީ ބައްދަލުކުރައްވައިފަ އެވެ.