ބަރުލަމާނީ ޕެޓިޝަނަށް ލައްކައަކަށް ވުރެ އިތުރަށް ސޮއި ހޯދަން ރަށްތަކަށް
ބަރުލަމާނީ ޕެޓިޝަނަށް ލައްކައަކަށް ވުރެ އިތުރަށް ސޮއި ހޯދަން ރަށްތަކަށް

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރަން ލައްކައެއްހާ ސޮއި ހޯދަން ފެށި މަސައްކަތް ފުޅާކޮށް ރަށްތަކަށް ދަތުރުކުރަން ނިންމައިފި އެވެ.

ބަރުލަމާނީ ޕެޓިޝަނަށް ލައްކައަކަށް ވުރެ އިތުރަށް ސޮއި ހޯދަން ރަށްތަކަށް
ބަރުލަމާނީ ޕެޓިޝަނަށް ލައްކައަކަށް ވުރެ އިތުރަށް ސޮއި ހޯދަން ރަށްތަކަށް

މިދިޔަ މަހުގެ ތެރޭގައި ޕެޓިޝަންގައި ސޮއިކުރަން ފެށީ 100 ދުވަހުގެ ތެރޭގައި 100,000 މީހުންގެ ސޮއި ހަމަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ. ތިން ހަފުތާ ތެރޭގައި އެ ޕެޓިޝަންގައި ސޮއިކުރި އަދަދު ބައި ލައްކައަށް އެރި ކަމަށް އެ ހަރަކާތުގައި އިސްކޮށް އުޅޭ ޓީމުން އޮތީ އިއުލާންކޮށްފަ އެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރަން ބާރުއެޅުމަށް ޕެޓިޝަން ތައްޔާރުކުރުމުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ އަތޮޅުތަކުން ވަރަށް ގިނަ އަދަދަކަށް ފޯމު ލިބިފައި އެބަހުރި ކަމަށެވެ. ޖުމްލަ ސޮއިކުރި އަދަދު ސާފުވާނީ ފޯމުތައް އަޅައި ނިމުމުން ކަމަށާއި ޖަޒުބާތުގައި ޖެހި ޖޯޝުގައި ދެ ފަހަރަށް ސޮއިކޮށްފައި ހުރި ފޯމުތައް ވެސް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

"މިހާރު އެއްލައްކަ ހަމަވުމާ ގާތަށް ދާނެ. އަޅުގަނޑުމެންނަށް މި ހަފުތާ ނިމޭ ހިސާބުގައި އަނެއްކާވެސް ޖުމްލަ ސޮއިގެ އަދަދު އާއްމުކުރާނަން," އޭނާ ވިދާޅުވި އެވެ.

ނިޝާން ވިދާޅުވި ގޮތުގައި ފެށިއިރު އަންދާޒާކުރި ވަރަށް ވުރެން "މާ ވާންކޮށް, ބާރަށް ސޮއި ހިންގާތީ" އަމާޒު މިހާރު ވަނީ ބަދަލުކޮށްފަ އެވެ. ރަށްރަށުން އެދެނީ ޓީމުތައް ގޮސްގެން ސޮއިކުރުން ކުރިއަށް ގެންދަން ކަމަށާއި މަސައްކަތް މިހާރު ކުރަމުން އަންނަނީ ހޭލުންތެރިކުރުމާ އެކު ތާއީދު ހޯދަން ކަމަށް ވިދާޅުވި އެވެ.

"ހއ. ތުރާކުނުން ފެށިގެން އައްޑު އަތޮޅު ގަމާ ދޭތެރޭގައި ހުރިހާ ރަށަކަށް ދަތުރުކޮށްގެން, މިހާތަނަށް ސޮއިނުކޮށް ތިބި މީހުންގެ ސޮއި ހޯދަން މި ވިސްނަނީ،" އޭނާ ވިދާޅުވި އެވެ.

"އެހެންވެ 10000 އަށް ވުރެން ސޮއި އިތުރަށް ހޯދުމަކީ އަޅުގަނޑުމެންގެ ޓާގެޓެއް. އެއަށް ވުރެން އިތުރުވާނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް."

ރާއްޖޭގެ ވޯޓުލާ އާބާދީއަކީ ގާތްގަނޑަކަށް 240,000 ކަމަށާއި އެއަށް އަސަރުކުރާ މިންވަރަށް ސޮއި ހޯދުން އެއީ ވިސްނަމުން އަންނަ ކަމެއް ކަމަށް ނިޝާން ވިދާޅުވި އެވެ.

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމެއް ކަނޑައަޅަން 2007 ގައި ނެގި އިންތިހާބުގައި ރައްޔިތުންގެ ތާއީދު ލިބުނީ ރިޔާސީ ނިޒާމަށެވެ. އެއީ ސައްހަ 154,123 ވޯޓުގެ 62 ޕަސެންޓެވެ.

ޕެޓިޝަނުން ނެރެން ބޭނުންވާ ނަތީޖާ އަކީ ނިޝާން ވިދާޅުވި ގޮތުގައި ބަރުލަމަނީ ނިޒާމަކުން ވެރިކަން ހިންގަން އެމްޑީޕީން ކަނޑައެޅި ވައުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުއްދެވުމަށް ބާރު އެޅުމެވެ.

"ނިޒާމީ ވޯޓަކަށް ދާނެ. އެ މަންޒަރު އެބަ ފެނޭ, ގާނޫނީ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުވާނެ،" އޭނާ ވިދާޅުވި އެވެ.

ޕެޓިޝަންގައި "ދޮޅު އަހަރުން އެކުލެވޭ ސަރުކާރުގައި ބޮޑުވަޒީރަކާއި އޭނާގެ ކެބިނެޓް މަޖިލީހުގެ ތެރޭގައި ހިމެނޭނެ ނިޒާމެއް ގާއިމްކުރުމުގެ ވައުދު" ވެފައިވާ ކަމަށް އޮތްއިރު އެއީ ހަމައެކަނި އެމްޑީޕީގެ ވައުދެކެވެ. ސަރުކާރުން މިހާރު ތަންފީޒުކުރަމުން މި އަންނަނީ ކޯލިޝަން ވެރިކަމަކަށް އެކުލަވާލި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އެވެ. އެކަމަކު އެކަން ގަބޫލުކުރަން ނިޝާން ދެކޮޅެވެ.

"ބައްލަވާލައްވާ ޖަޒީރާ މެނިފެސްޓޯގައި އެހެރީ އެ ވާހަކަތައް ލިއެފައި. ފަހުން ކޯލިޝަނެއް ހަދައިގެން މި ވާހަކަ ދެއްކުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން. ރިޔާސީ ނިޒާމއްގެ ތެރޭގައި ކޯލިޝަން ހަދައިގެން ވެރިކަން ކުރުމަކީ ދިވެހި ޖުމްހޫރިއްޔާ ދަންނަ ކަމެއް ނޫން." ނިޝާން ވިދާޅުވި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި އޮތް ވާހަކައެއް ތަންފީޒުކުރަން އަމިއްލަ ގޮތުން މަސައްކަތް ކުރަނީ ކީއްވެތޯ އާއި ޕެޓިޝަން ރަސްމީ ސިފައެއްގައި ޕާޓީން ބަލައިނުގަންނަ ސަބަބަކީ ކޮބައިތޯ ދެންނެވުމުން ނިޝާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ އިތުރުން ވެސް ގިނަ މެމްބަރުންތަކެއް ވަނީ ސޮއިކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ބަރުލަމާނީ ވެރިކަމަކަށް ރާއްޖެ ބަދަލުކުރާނެ ކަމަށާއި މިކަން ކާމިޔާބުކޮށްފައި ނޫނީ އަޅުގަނޑުމެން ގެއަކަށް ނުވަންނާނަން" ކަމަށެވެ.

ޕެޓިޝަނަށް ސޮއި ހޯދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން މި ވިސްނުމުގައި ތިއްބެވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފަހުން ވެސް ވިދާޅުވެފައި ވަނީ ނިޒާމް ބަދަލުކުރަން ވަގުތެއް އެމަނިކުފާނަށް ނެތް ކަމަށެވެ. ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުން ވަނީ ވައުދު ފުއްދެވުމަށް ކަމަށެވެ.

ކޯލިޝަން ސަރުކާރުގެ ތިން ޕާޓީ, އެމްއާރުއެމް އާއި އަދާލަތާއި ޖުމްހޫރީ ޕާޓީން ވެސް ބަރުލަމާނީ ނިޒާމާ ދެކޮޅެވެ. ވެރިކަން އެކުލަވާލަން އެއްބަސްވިއިރު ވެސް ބަރުލަމާނީ ނިޒާމަކަށް ލީޑަރުންގެ މަޝްވަރާ އިން ގޮތެއް ނުނިމޭ ކަމަށް އެމްއާރުއެމް އާއި އަދާލަތުން ވަނީ ބުނެފަ އެވެ.