19 ސެޕްޓެމްބަރ 2021 - 07:31

ބުދަ ދުވަހާ ގުޅޭ
"ނަޖާތު އެބަ ޖެހޭ ހުއްޓުވަން." ފަޒީލު މަޑުމަޑުން ބުނުއްވިއެވެ.
ސަރުކާރުން ނެރޭ ކެންޑިޑޭޓަކީ މިޝްކާކަން އިއުލާނުކުރި ރޭ، ނަޖާތު ފާޅުގައި ކެންޕޭނުކުރަން ފެށިއެވެ. ބިރުކުޑަކަމާއި، ޖެހިލުންކުޑަކަމާއި، ސާބިތުކަމާ އެކުގައެވެ. ދެ ޕާޓީއަށް ވެސް ނަޖާތު ދިޔައީ ގޮންޖަހަމުންނެވެ. އެންމެ އަންހެނަކު، ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީގެ ފަތިފުށާއި ބަލިފައިތައް ބޭޒާރުކުރަމުންދިޔަ އިރު، ކުޑަމިނުން އޭނަގެ ޕާޓީއެއް ވެސް ނެތެވެ. ނަޖާތު ކުރާނީ ކޮން ކަހަލަ ވެރިކަމެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އެނގޭ މީހަކު ނެތެވެ. ނަޖާތަށް ތާއީދުކުރާ މީހުންނަށް ކަށަވަރުވަނީ އެންމެ ކަމެކެވެ. ނަޖާތަކީ ފިސާރި ކެރޭ އަންހެނެކެވެ. އެ ސިފަޔަށް އިތުބާރުކޮށްފައި ދިވެހިންގެ ގިނަ މީހުން ބޭނުންވީ ނަޖާތަށް ތާއީދުކުރާށެވެ. އެކަނިމާއެކަނި އެތައް ހާސް ރައްޔިތުންނަކާ ހަވާލުވާން ތައްޔާރަށް ހުރި މީހަކަށް، ސަރުކާރެއްގެ އެހީގައި ނުކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟
ރިޔާސީ އިންތިހާބު ކައިރިވަމުން އައި އިރު، މުޅި ރާއްޖޭގައި ނަޖާތުގެ އަޑު ދިޔައީ ގުގުމަމުންނެވެ. ނަޖާތު ކުރަނީ އެންމެ ވައުދެކެވެ. ނަޖާތުގެ ވެރިކަމެއްގައި ދިވެހިންގެ އުފާވެރިކަން ދެ ގުނައަށް އިތުރު ކޮށްދޭނެއެވެ. ކޮށްދޭނެކަމަށް ނަޖާތު ބުނާ ހުރިހައި ކަމެއް ވެސް އަންނަނީ އެ ސުރުހީގެ ދަށަށެވެ. ގަޑީގެ ސިކުންތުކަށި ބުރުހަމަކުރަމުންދިޔަ އިރު، މަންޒަރު ބަދަލުވާން ކިހާ ކައިރިވެއްޖެކަމެއް ނަޖާތަކަށް ނޭނގެއެވެ. ނަޖާތު ހީކުރީ ނަޖާތަށް ހިޔާއަޅައިގެން އޮތީ ނަސީބުގެ ވިލާގަނޑެއްކަމަށެވެ. އާނއެކެވެ. ކަން އޮތީ އެހެންނެވެ. އެކަމަކު ބަދުނަސީބު އޮތީ ހަތަރުފަރާތުން ބައްދައިލައިފައެވެ.
ޓީވީ މޯލްޑިވްސްގެ ޕުރޮގުރާމެއްގެ ވަރަށް ހޫނު ބަހުސެއްގައި ނަޖާތު ބައިވެރިވި ރެޔެކެވެ. އެ ޕުރޮގުރާމުގައި ނަޖާތު ވާހަކަދެއްކީ ގައުމަށް ގެންނާނެ އިޖުތިމާއީ ހެޔޮ ބަދަލާއި، އިގުތިސާދީ ހެޔޮ ބަދަލާ މެދުގައި އެކަންޏެއް ނޫނެވެ. ދީނީ މޫނުމަތި އަޅައިގެން ގައުމު ހަލާކުކުރަން އުޅޭ މީހުންނަށް ނަޖާތު ވަރަށް ވަރުގަދަ އިންޒާރެއް ދިނެވެ. ނަޖާތު ދެއްކި ވާހަކަތަކުން ދޭހަވީ މި މާނައެވެ. އެ ފަދަ މީހުންގެ ވަގުތު ހަމަވެއްޖެއެވެ. އެ އިންޒާރުން، ޓީވީ ބަލަން ތިބި އެތައް ބަޔަކަށް ސިހުން ގެނުވިއެވެ. ބަޔަކު ކިޔެވެ. ނަޖާތަށް އެ ކުޅެވުނީ ނުބައި ކުޅިއެކެވެ. އެ ފުރޮޅައިލެވުނީ ނުބައި ގާކޮޅެކެވެ.
ޕުރޮގުރާމު ނިންމައިފައި ނަޖާތު ގެއަށް އައީ ރޭގަނޑު އެގާރަޖަހަނިކޮނެވެ. އެއީ ވިއްސާރަ ރެޔެކެވެ. ދަންވަރު މާލެއިން ދެ ފަހަރަކު ކަރަންޓުދިޔައެވެ. ކޮންމެ ފަހަރަކު ދިހަ ވަރަކަށް މިނެޓުވިއެވެ. މާލޭގައި ހުރި އެންމެ ދިގު އެންޓަނާއަށް ހޮނުއެޅިއެވެ. އެ ވަރުން ވެސް ނިމުނީކީ ނޫނެވެ. ބިންހެލުމެއްގެ އަސަރު އިހުސާސްކުރެވުނުކަމުގައި ވެސް ބަޔަކު ކިއެވެ.
ޖެހިގެން އައި ދުވަހު ވަރަށް ފަތިހާ ނަޖާތު ކުއްލިއަކަށް ބަލިވިއެވެ. އެއީ ހަމަ ކުއްލިއަކަށް ދިމާވި ކަމެކެވެ. އެންބިއުލާންސަށް ގުޅައި ވާހަކަދެއްކީ މުންސިރުއެވެ. އޭނަގެ އަޑު ތުރުތުރުއަޅައެވެ.
"އަޅުގަނޑުގެ އަންހެނުންނަށް ކޮންމެވެސް ކަމެއް ވެއްޖެ!" މުންސިރު ބުންޏެވެ. "އޭނަ ނޭވާލާހެނެއް ހިޔެއްނުވޭ!"
ހެނދުނުހެނދުނާ ނަޖާތުގެ ގެއަށް އެންބިއުލާންސު އައި އިރު ނަޖާތު ކިރިޔާ ދިރި އޮތް ކަމެވެ. އެންބިއުލާންސާ އެކުގައި ހާއްސަ ޑަކުޓަރަކާއި ނަރުހެއް ވެސް އައެވެ. އިމަޖެންސީގައި ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި، އެ ވަގުތަށް ދެވޭނެ އެންމެ ފުރިހަމަ އެހީތެރިކަން ނަޖާތަށް ދިނެވެ. ބޭރުފުށުން އެއްވެސް އަނިޔާއެއްގެ އަސަރު ފެންނަން ނެތް ނަޖާތަށް ވީ ކިހިނެއްކަމެއް ސިއްހީ އެހީތެރިންނަކަށް ވެސް ނޭނގެއެވެ. އެންބިއުލާންސް ތެރެއިން އައިބު މަންޒަރެއް ވެސް އެހީތެރިންނަށް ފެނުނެވެ. އެކަމަކު، ހާލަތުގެ ގޮތުން އެ މީހުން އެ ވާހަކައެއް ނުދައްކައެވެ.
ނަޖާތު ވެއްދީ އައިސީޔޫއަށެވެ. ޑަކުޓަރު ބުނި ގޮތުގައި ނަޖާތަށް ކުރިމަތިވީ ހާޓްއެޓޭކެކެވެ. އަޖައިބެއް ކަހަލަ ހާޓްއެޓޭކެކެވެ. އެންޖީއޮގްރާމެއް ހަދައިގެން ބެލި އިރު، އެއްވެސް ލޭހޮޅިއެއް ބެދިފައިވާކަމުގެ އަލާމާތެއް ނެތެވެ. އެހެންނަމަވެސް، ނަޖާތުގެ ހާލު ދިޔައީ ހައްތަހާ ގޯސްވަމުންނެވެ. ގަދަނުވާނެކަން ހުދު ނަޖާތަށް ވެސް ޔަގީންވި ކަހަލައެވެ. ވީމާ، ކުރަންވީ ހުރިހައި ވަސިއްޔަތެއް ވެސް ނަޖާތު ކުރިއެވެ. ފެންކަޅިވެފައިވާ މުންސިރު ހުރީ ނަޖާތު ކައިރީގައެވެ. ސިކުންތަކަށް ވެސް ދުރަށް ދާން މުންސިރު ދެކޮޅުހެދިއެވެ. ޑަކުޓަރެއްގެ ހައިސިއްޔަތުން ވެސް މުންސިރު ބޭނުންވީ، ހުރިހައި ވަގުތަކު ނަޖާތު ކައިރީގައި ހުންނާށެވެ.
ރާއްޖޭގައި އެ ވަގުތު ތިބި އެންމެ މޮޅެތި ޑަކުޓަރުން ގެނެސް، ޑަކުޓަރުންގެ ޓީމަކުން އެހީތެރިވަމުން ދަނިކޮށް ނަޖާތު ކޯމާއަކަށް ދިޔައެވެ. ހުރިހައި ހަރަކާތެއް ހުއްޓުނެވެ. އެ ވަގުތު އައިސީޔޫ ހީވަނީ ހަނގުރާމައިގެ މައިދާނެއްހެންނެވެ. އެންމެންގެ ހަރަކާތް ހުރީ އަވަސްވެފައެވެ. ނަޖާތުގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި މެސިނުގެ އެހީތެރިކަން ހޯދަން މަޖުބޫރުވިއެވެ. އެ ވަރުން ވެސް ނަޖާތު ގަދަވާނެކަމުގެ އެއްވެސް ޔަގީންކަމެއް ޑަކުޓަރުން ނުދެއެވެ. މުންސިރަށް ކޯލުތައް އަންނަ ވަރުން މުންސިރަށް މަޖުބޫރުވީ އައިސީޔޫއިން ނުކުންނާށެވެ. ވަޒީރުންނާއި، އިދިކޮޅު ޕާޓީގެ އެކި ފެންވަރުގެ ވެރިންނާއި، ބޭރުގެ ބައެއް ނޫސްވެރިން ވެސް މުންސިރަށް ގުޅިއެވެ. ޚަބަރު އެހާ އަވަހަށް، އެހާ ދުރަށް ފެތުރުނީތީ މުންސިރު ހުރީ ހައިރާންވެފައެވެ.
ގަޑިން ހެނދުނު އަށެއް ޖަހަން ތިން މިނެޓު ހުއްޓައި ނަޖާތު ނިޔާވިއެވެ. އޭރު، ރާއްޖެއިން ބޭރަށް ނަޖާތު ގެންދިޔުމަށް ޓަކައި، އެއަރ އެންބިއުލާންސް އޮތީ ވައިތެރޭގައެވެ. ރާއްޖެ ފެންނަ ހިސާބުގައެވެ. އައިސީޔޫގައި ތިބި ބައެއް ޑަކުޓަރުންގެ މޫނުމަތިން ފެނުނީ ހިތާމައިގެ އަސަރެވެ. އަނެއްބައި ޑަކުޓަރުންގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ނަޖާތަށް ޖެހުނު ކަހަލަ ހާޓްއެޓޭކެއް ޖެހުނު އެހެން މީހަކު، އެއްވެސް ޑަކުޓަރަކަށް ފެނިފައެއް ނުވެއެވެ. އަޖައިބުކުރަނިވި އެތައް ކަމެއް ޑަކުޓަރުންނަށް ފާހަގަވިއެވެ.
ނަޖާތަކީ، އެތަކެއް ދިވެހީންނެއްގެ އުންމީދެވެ. ހިތުގެ ވިންދެވެ. އޭނަ ނިޔާވުމުގެ ޚަބަރަކީ މުޅި ރާއްޖެއަށް ސިހުން ގެނައި ޚަބަރަކަށް ވިއެވެ. ދައުލަތުގެ ހުރިހައި ވަޒީރުންނާއި، ރައީސުލް ޖުމްހޫރިއްޔާ ވެސް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވިއެވެ. ހިތްވަރު އެލި، ދެ ލޯ ރަތްވެފައިވާ މުންސިރުއަށް ހިތްވަރުދެއްވިއެވެ. ނޫސްވެރިންނާއި އާންމުން ހޮސްޕިޓާ ސަރަހައްދު ފުރައިލިއެވެ. ހީވަނީ ގައުމެއްގެ ރައީސަކު އަވަހާރަވެގެން އުޅޭހެންނެވެ. ސިއްހަތު ސަލާމަތުން ހުރި މީހަކު، ހަމަ ކުއްލި ގޮތަކަށް ނިޔާވެދާނެ ހެއްޔެވެ؟ މީހުން ސުވާލު އުފެއްދިއެވެ. ޖަވާބު ވަރަށް ސާދާއެވެ. އާނއެކެވެ. ކޮންމެ ވަގުތަކު ވެސް މީހާ މަރުވެދާނެއެވެ. އެއީ އެހެން އޮންނަ ކަމެކެވެ. މަރުވުމަށް ޓަކައި ބަލިވާކަށް ނުވަތަ ހާދިސާއެއް ކުރިމަތިވާކަށް ނުޖެހެއެވެ. ވަގުތު ޖެހުނީމައި ޖެހޭނީ ދާށެވެ.
ހޮސްޕިޓާ ކުރިމަތީގައި މުންސިރު ނޫސްވެރިންނާ ބައްދަލުކުރިއެވެ. ކެމެރާތަކުގެ ކުރިމަތީގައި ސުވާލުތަކަށް ޖަވާބުދިނެވެ. ވަށައިގެން ސުވާލުތައް އޮހެމުންދިޔައެވެ. ކޮންމެ މީހަކު ވެސް ބޭނުންވަނީ ގަބޫލުކުރެވޭ ކަހަލަ ސަބަބެއް ހޯދާށެވެ. ނަޖާތު ނިޔާވީ ކިހިނެއް ހެއްޔެވެ؟ އެންމެ ފަހު މިނެޓުކޮޅުގައި ކަންކަން ހިނގައިދިޔައީ ކިހިނެއް ހެއްޔެވެ؟ ޝައްކު ކޮށްފައި ނުކުރާނެ މީހަކު ނޫސްވެރިންނަކަށް ވެސް ނޭނގެއެވެ. އެއީ ސަރުކާރުން ނުވަތަ އިދިކޮޅުން ހިންގި މުޑުދާރު ޢަމަލެއް ހެއްޔެވެ؟ ނުވަތަ ހަރުކަށި ފިކުރާ އެއްވެސް ގުޅުމެއް އެބަ އޮތް ހެއްޔެވެ؟ ކިތަންމެ އުނދަގުލުން ނަމަވެސް، ކެތްތެރިކަމާ އެކުގައި މުންސިރު ވާހަކަދެއްކިއެވެ.
"ނަޖާތަށް ހާޓްއެޓޭކް ޖެހުނު ދުވަހު އަޅުގަނޑު ތަންކޮޅެއް ކުރިން ހޭލިން،" މުންސިރު ކިޔައިދިނެވެ. "އޭރު ނަޖާތު އޮތީ ނިދައިފަ. އެހެންޏާ ވެސް ކަންކުރާ އުސޫލުން، ގޭތެރޭގަ ކުރަން ހުރި ކުދިކުދި ކަންތައްތައް ކޮށްލައިފަ، ކޮފީތަށްޓެއް ހަދައިގެން އަޅުގަނޑު ވަނީ ކޮޓަރިއަށް. ކޮންމެ ދުވަހަކު ވެސް އަޅުގަނޑުމެން ދެމީހުން އެކީ ކޮފީބޯނީ. އަޅުގަނޑުމެންނަކީ ވަރަށް ސިންޕަލް ދިރިއުޅުމެއް އުޅޭ ބައެއް. ނަޖާތަށް ގޮވާލައިފަ އަޅުގަނޑު ވަނީ ފާހާނާއަށް. އެހެންޏާ އަޅުގަނޑު ފާހާނައިން ނުކުންނަ އިރު ނަޖާތު އިންނާނީ ކޮފީބޯން. އެކަމަކު މިއަދު އެހެނެއް ނުވި. އޭނަ އެއްވެސް ހަރަކާތެއް ނެތިފަ އެނދުގަ އޮތީ. ކައިރިއަށް އައިސް ބެލި އިރު އޭނަ ޚަބަރު ހުސްވެފަ އޮތީ. ނޭވާލާތޯ ބެލި އިރު ނޭވާގެ އިހުސާސެއް ..."
ވާހަކަ ނުދެއްކިގެން މުންސިރަށް ޖެހުނީ ވާހަކަ ނިންމައިލާށެވެ. ހިތަށް ކުރި އަސަރަކުން އަޑު ބެދުނީއެވެ. މުންސިރު އަނެއްކާ ވެސް ވަނީ ހޮސްޕިޓަލަށެވެ. ނޫސްވެރިންނަށް އިތުރު ތަފުސީލުތައް ފަހުން ލިބުނެވެ. އެންބިއުލާންސަށް ގުޅައިފައި، ނަޖާތަށް އެ ވަގުތަށް ދެވޭނެ ފަރުވާ ވެސް މުންސިރު ދެމުން ގެންދިޔައެވެ. ނަޖާތު ނޭވާލެއްވުމަށް ޓަކައެވެ. މުންސިރަކީ ގާބިލު ޑަކުޓަރެކެވެ. އެ ފަދަ މަންޒަރު މުންސިރަށް އަލެއް ނޫނެވެ. އެކަމަކު، އެންބިއުލާންސު އައި އިރު ވެސް މާ ބޮޑު ކާމިޔާބެއް މުންސިރަކަށް ނުހޯދުނެވެ.
ނޫސްތަކުން އެކި ކަހަލަ ސުވާލުތައް އުފައްދަން ފެށިއެވެ. ނަޖާތު މަރުވީ ގުދުރަތީ މަރަކުން ހެއްޔެވެ؟ ނުވަތަ އެއީ ބަޔަކު ރާވައިގެން ކުރި ކަމެއް ހެއްޔެވެ؟ ނަޖާތުގެ މަރާއި ވެރިކަންކުރާ ޕާޓީ ނުވަތަ އިދިކޮޅު ޕާޓީ ނުވަތަ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުމެއް ނެތް ހެއްޔެވެ؟ ޓީވީ މޯލްޑިވްސް އިން ދެއްކި ޕުރޮގުރާމު ނިންމައިފައި ގެއަށް އައުމާ ދެމެދުގައި، ނަޖާތަށް އެއްވެސް އެއްޗެއް ކާންދިން ހެއްޔެވެ؟ ސަޔެއްގައި ނަޖާތު ބައިވެރިވި ހެއްޔެވެ؟
ދައުލަތުގެ މީޑިޔާއިން ނެރުނު ނޫސްބަޔާނެއްގައި ހާމަކުރި ގޮތުގައި، ޕުރޮގުރާމު ނިންމައިފައި ނަޖާތު ބުއީ ކޮފީއެވެ. އެއީ، އެ ޕުރޮގުރާމަށް އަންނަ ކޮންމެ މެހުމާނަކަށް ވެސް ދޭ އެއްޗެކެވެ. ނަޖާތަށް ދިން ފެންތަށިން ނަޖާތު ބުއީ، ދެބައިކުޅަ އެއްބައެވެ. ކޮފީއާއި ފެނަކީ، އަބަދުވެސް ތަނުގައި ހުންނަ އެއްޗެކެވެ. އެ ރޭ އޮތް އެހެން ޕުރޮގުރާމެއްގައި ބައިވެރިވާން އައި މެހުމާނަކަށް ވެސް ދިނީ ހަމަ އެ ފަދަ ކޮފީއަކާއި ފެނެއެވެ. އޭނައަކަށް އެއްވެސް ކަމެއް ނުވެއެވެ.
އެ ނޫސްބަޔާން ނެރުނު ފަހުން ޒާތެއްގެ ފޮޓޯއެއް މީސްމީޑިޔާގައި ދައުރުވާން ފެށިއެވެ. އެ ފޮޓޯއިން ފެންނަނީ ތަބަކެއްގައި ހުރި ތަށްޓެއްގައި އޮތް ތިން މާރީ ބިސްކޯދެވެ. އެއް ބިސްކޯދުގެ ދެބައިކުޅަ އެއްބަޔެއް ނެތެވެ. ފޮޓޯގަނޑުގައި ލިޔެފައިވާ ގޮތުގައި، ކޮފީޔާ އެކުގައި ނަޖާތަށް ބިސްކޯދު ދިނެވެ. ނަޖާތު ބިސްކޯދެއްގެ އެއް ފަޅި ކެޔެވެ. ނޫސްބަޔާނުގައި އެ ވާހަކަ ނެތީ ކީއްވެގެން ހެއްޔެވެ؟
ނުނިމޭ