ބަންގްލާދޭޝްގެ އަމިއްލަ އެންމެ ބޮޑު އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ
ބަންގްލާދޭޝްގެ އަމިއްލަ އެންމެ ބޮޑު އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ބަންގްލާދޭޝްގެ އަމިއްލަ އެއާލައިނެއް ކަމަށްވާ ޔޫއެސް-ބަންގްލާ އިން އެ ގައުމުގެ ވެރިރަށް ޑާކާ އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

ބަންގްލާދޭޝްގެ ބައެއް ނޫސްތަކުން ޔޫއެސް-ބަންގްލާ އެއާލައިނާ ހަވާލާދީ ބުނީ ރާއްޖެއަށް ދަތުރުތައް ފަށާނީ ނޮވެމްބަރު މަހުގެ ތިން ވަނަ ހަފްތާ ތެރޭ ކަމަށާއި ދަތުރުތައް ފަށާއިރު ކޮންމެ ހަފްތާއަކު ހަތަރު ދަތުރުކުރަން ހަމަޖައްސާފައިވާ ކަމަށެވެ.

މި ދަތުރުތަކަށް ބޭނުންކުރާނީ ބޮއިން 737-800 ގެ ބޯޓެވެ. މިއީ 189 ސީޓް ހިމެނޭ މޮޑެލްއެކެވެ.

ޔޫއެސް-ބަންގްލާ އިން ބުނީ ބަންގްލާދޭޝް އާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރަން ބޭނުންވެފައި ތިިބި މީހުންނަށް ފަސޭހަ ދަތުރުތަކެއް ފަހިކޮށްދިނުމަކީ މުހިންމު މަގްސަދެއް ކަމަށެވެ. އަދި މި ދަތުރުތަކާ އެކު، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލާދޭޝް މީހުންނަށް ވެސް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ބުންޏެވެ.

މި އެއާލައިނުން ސްރީ ލަންކާ އާއި ސައޫދީ އަށް ވެސް ދަތުރުތައް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.

ޔޫއެސް-ބަންގްލާ އަކީ 2014 ވަނަ އަހަރު ފެށި، ބަންގްލާދޭޝްގެ އެންމެ ފެންވަރު ރަނގަޅު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެއާލައިނެކެވެ. އަދި މިއީ އެ ގައުމުގެ އަމިއްލަ އެއާލައިންތަކުގެ ތެރެއިން އެންމެ ގިނަ ބޯޓު ނުވަތަ އެންމެ ބޮޑު ފްލީޓް ވެސް އޮތް އެއާލައިނެވެ. އެއީ 12 ބޯޓާ އެކުގަ އެވެ. އަދި އާ ބޯޓުތައް ވެސް އެންމެ ގިނައީ މި އެއާލައިނުގަ އެވެ.