މި ފަހަރުގެ ޓީމާ މެދު ޓޫކިލޯ އަށް އޮތް އިތުބާރު މާބޮޑު
މި ފަހަރުގެ ޓީމާ މެދު ޓޫކިލޯ އަށް އޮތް އިތުބާރު މާބޮޑު

ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި ދިވެހި ސަޕޯޓަރުންގެ އަޑު ގުގުމަމުން ދިޔަ އެވެ. އަމިއްލަ ދަނޑުގައި މެޗު ކުޅެމުންދާ ކަމުގެ އިހްސާސް ކުރެވެ އެވެ. މުޅި ދަނޑު ކުއްލިއަކަށް ގުގުމައިގެން ދިޔައީ، މުހުތާރު ނަސީރު (ޓޫކިލޯ) ފޮނުވާލި ބާރު ބޯޅަ އިންޑިއާގެ ގޯލްގެ ތެރެއަށް ވަނުމުންނެވެ. އެ ގޯލަކީ ދިވެހި ފުޓްބޯޅައިގައި އަދިވެސް އެންމެ ހާއްސަ ގޯލެވެ. ފުޓްބޯޅައިގައި ދިވެހިން ފުރަތަމަ ޗެމްޕިއަންޝިޕެއް ކާމިޔާބު ކުރި ގޯލަށް އެ ގޯލް ވެގެންދިޔަ އެވެ.

މި ފަހަރުގެ ޓީމާ މެދު ޓޫކިލޯ އަށް އޮތް އިތުބާރު މާބޮޑު
މި ފަހަރުގެ ޓީމާ މެދު ޓޫކިލޯ އަށް އޮތް އިތުބާރު މާބޮޑު

ރާއްޖެ އާއި ލަންކާ ގުޅިގެން ބޭއްވި ސާފް ޗެމްޕިއަންޝިޕު ރާއްޖެއިން ކާމިޔާބުކޮށް، ދިވެހި ކުޅުންތެރިންގެ ކޮނޑުމަތީ ޓޫކިލޯ އުފުލައިގެން އުފާފާޅުކުރި މަންޒަރަކީ ޝަރަފުވެރި މަންޒަރެކެވެ. އަލުން ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕު ބާއްވާއިރު މިއޮތީ ފުޓްބޯޅައިގެ އާ ޖީލެކެވެ.

ރާއްޖެ އަކީ އެންމެ ފަހުގެ ސާފް ޗެމްޕިއަނެވެ. އޭރު ރާއްޖެއިން މުބާރާތް ކާމިޔާބު ކުރީ އެވްރެޖް އުމުރު 23 އަހަރުން ދަށުގެ ޓީމަކުންނެވެ. މިފަހަރު ރާއްޖޭގެ އެވްރެޖު އުމުރަކީ 26 އަހަރެވެ. ޓޫކިލޯ ދެކޭ ގޮތުގައި މިފަހަރުގެ ޓީމާމެދު މާ ބޮޑަށް އިތުބާރު އެބައޮތެވެ.

"އެންމެ ފަހުން 2018 ގައި ސާފް ނެގި އިރު ވެސް ރާއްޖޭގެ ޓީމު ވަރުގަދަ. އޭރު އެ ޓީމުގައި ދަގޭ [އަލީ އަޝްފާގް، ދަގަނޑޭ] ވެސް ނެތް. މިފަހަރު ޓީމު އެކުލަވާލާފައި އޮތީ ބަދަލުތަކާއެކު. ދަގޭ ވެސް މިފަހަރު އެބަހުރި. ބައެއް އެހެން މަގާމުތައް ވެސް ބަދަލު އަތުވެއްޖެ،" ޓޫކިލޯ ބުންޏެވެ.

"އޭރު [2018] ގައި މުބާރާތް ކާމިޔާބު ކުރި ޓީމަށް ވުރެ މިފަހަރު އޮތް ސްކޮޑް މާ ވަރުގަދަކޮށް އެބަ ފެނޭ. އެހެންވީމަ އަހަންނަށް އިތުބާރު ކުރެވޭ ވަރަށް ބޮޑަށް މިފަހަރު ވެސް."

އޭނާ ބުނީ ސަރަހައްދީ މުބާރާތްތަކުގައި ދިވެހި ސަޕޯޓަރުންގެ ފޯރި އަބަދުވެސް ވަރަށް ބޮޑަށް ފެނިގެން ދިއުމަކީ ކުޅުންތެރިންނަށް ލިބޭ އިތުރު ހިތްވަރަކަށްވާ ކަމަށެވެ. ސާފް ޗެމްޕިއަންޝިޕަށް ދިވެހި ސަޕޯޓަރުން އަބަދުވެސް ބޮޑު އުންމީދެއް ކުރެ އެވެ. އެހެން މުބާރާތްތަކުގައި މެޗު ބަލަން ދަނޑަށް ނުވަންނަ ވަރަށް ދިވެހިން ދަނޑަށް ވަދެ ސަޕޯޓް ދެ އެވެ.

"ސަޕޯޓަރުން އެވަރަށް ފޯރި ނަގާތަން ފެނުނީމަ ވަރަށް ބޮޑު ކިކެއް އާދޭ މެޗުގައި. ސަޕޯޓަރުން ވަދެ ދަނޑު ފުރާލުން ވަރަށް މުހިންމު. އެ ވާނެ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް، އެކަން ތަޖުރިބާ ކުރެވިފައި ހުރީމަ ބުނާ އެއްޗެއް މިއީ،" ޓޫކިލޯ ބުންޏެވެ.

އޭނާ ބުނީ ހާއްސަކޮށް ރާއްޖޭގެ ދަނޑުގައި މުބާރާތް ކުޅޭތީ ތަށި ދިފާއު ކުރަން މިއަށްވުރެ ރަނގަޅު ފުރުސަތެއް ރާއްޖެ އަށް ނުލިބޭނެ ކަމަށެވެ. އަމިއްލަ ދަނޑުގައި ކުޅެން ލިބުމުން ވެސް ފޯރި އާއި ޖޯޝް ޓީމަށް އަންނާނެކަން އޭނާ ފާހަގަކުރި އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމުން މިހާރު ދަނީ ގަތަރުގެ ވެރިރަށް ދޯހާގައި ޓްރޭނިން ހަދަމުންނެވެ. ޓްރޭނިން ކޭމްޕަށް ފަހު ޓީމު މާލެ އަންނާނީ މި މަހު 28 ގަ އެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހު 1 ވަނަ ދުވަހުގެ ރޭ ނޭޕާލްއާ ދެކޮޅަށެވެ.

- އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ދިވެހިރާއްޖެ

- އޮކްޓޯބަރު 7 (ރޭގަނޑު): ރާއްޖެ - ބަންގަލަދޭޝް

- އޮކްޓޯބަރު 10 (ހަވީރު): ރާއްޖެ - ސްރީ ލަންކާ

- އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ރާއްޖެ

މުބާރާތުގައި ވާދަކުރާނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ޓީމެވެ. އެހެންވެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ އޮކްޓޯބަރު 16 ގަ އެވެ. ބޫޓާން މުބާރާތުގައި ވާދަނުކުރަނީ އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން ޓީމު ގައުމުން ބޭރަށް ފުރައިގެންދާން ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.