21 ސެޕްޓެމްބަރ 2021 - 07:59

ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ބޯޑަރުތައް ބަންދުކުރަން ޖެހުމަކީ އިގުތިސާދީ ގޮތުން ރާއްޖެ އަށް ސުނާމީއެއް ފަދަ ކަމެކެވެ. ގާތްގަނޑަކަށް މުޅި އިގުތިސާދު ޓޫރިޒަމަށް ބިނާކޮށްގެން ތިއްބާ އައި ކުއްލި ހުއްޓުމެކެވެ.

އެ ބަލިމަޑުކަން އަވަހަށް ކޮންޓްރޯލްކޮށް، އިގުތިސާދުގެ އިންޖީނު އަލުން ހިންގައިލެވުނީ ވެކްސިން ޖެހުމަށް ރާއްޖޭން ދިން ހާއްސަ ސަމާލުކަމުގެ ސަބަބުންނެވެ. އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީ، ޓޫރިސްޓުންނަށް ރައްކާތެރި ތަނަކަށް ރާއްޖެ ހެދުމުގެ މައިގަނޑު ސަބަބަކީ، ބައިނަލް އަގުވާމީ ދުނިޔެ އާއި، ރާއްޖެއާ ދެމެދު މިހާރު އޮތް ރަނގަޅު ގުޅުމެވެ.

ރާއްޖެ އަށް ބޭނުންވާ ބައިނަލްް އަގުވާމީ އެހީތެރިކަމާއި އެއްބާރުލުން ވެކްސިނާ ހިސާބަކުން އަދި ނުނިމެ އެވެ. ޓޫރިޒަމާއި ފޮރިން އިންވެސްޓްމެންޓްގެ ދާއިރާއިން އެ އެހީތެރިކަމާއި އެއްބާރުލުން މިއަށްވުރެ މުހިއްމު އެހެން ވަގުތެއް ފަހުގެ ތާރީހުގައި އަދި ނާދެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކްއަޒީޒް ވިދާޅުވި ގޮތުގައި އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމެރިކާ އަށް ފެއްޓެވި ދަތުރުފުޅު މިހާ މުހިއްމު ވަނީ އެހެންވެ އެވެ.

"ދުނިޔޭގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މިވަނީ އެނގިފައި. ކޮވިޑްގެ ވެކްސިނާއި ބަލިމަޑުކަން ކޮންޓްރޯލްކޮށް މެނޭޖްކުރަން ބޭނުންވާ އެހެން ގިނަ ވަސީލަތްތައް ހޯދުނީ ބައިނަލްއަގުވާމީ ދުނިޔެއާ އޮތް ގުޅުމުގެ ރަނގަޅުކަމުން. އެހެންވީމާ، އެހެން ފަހަރުތަކަށް ވުރެ ވެސް ޔޫއެންޖީއޭގެ މުހިއްމުކަން މިފަހަރު ބޮޑު،" އޭނާ ވިދާޅުވި އެވެ.
މިފަހަރުގެ ދަތުރުފުޅު އެތައް ގޮތަކުން ހާއްސަވާއިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އދ.ގައި ރާއްޖެ އަށް މިހާރު ލިބިފައިވާ މަގާމެވެ. އާއްމު މަޖިލީހުގެ ރިޔާސަަތު މިހާރު ބަލަހައްޓަވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެ މަޖިލީހުގެ ރިޔާސަތުގައި، ރާއްޖޭގެ ބޭފުޅަކު އިންނަވަނިކޮށް، ތަގުރީރުކުރައްވާ ފުރަތަމަ ރައީސަކަށް ވުމުގެ ޝަރަފު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިފަހަރު ލިބިވަޑައިގަންނަވާ އެވެ.
މިފަހަރުގެ ޖަލްސާގައި ތިން ވަަނަ އަށް ވާހަކަފުޅު ދައްކަވާނީ ރައީސެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމަށް ޓަކައި ފިޔަަވަޅުތައް އެޅުން އަވަސްްކުރަން ގައުމުތަކަށް ބާރު އެޅުމަށާއި ރާއްޖޭން ބޭނުންވާ އެހެން ކަންކަމުގައި ލޮބީކުރަން ކުރިއަށް ވުރެ އެތައް ތަނަކުން ފަސޭހަވެފައި އޮތް އޮތުމަކީ ރައީސްގެ މި ދަތުރުފުޅު ހާއްސަވާ ސަބަކެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި، އެކި ގައުމުތަކާއި އެކު ބާއްވަން ރާއްޖޭން އެދޭ ބައިލެޓްރަލް ބައެއް ބައްދަލުވުންތައް މިހާރު ވެސް ހުރީ ހަމަޖެހިފަ އެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން ފިޔަވަޅު އެޅުމަކީ އެ ފަދަ މަޝްވަރާ ބައްދަލުވުންތަކުގެ އެެޖެންޑާގެ އެންމެ ކުރީގައި އޮންނާނެ ކަމެކެވެ.
އދ.އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވިގޮތުގައި ރާއްޖެއަކީ މެދު އާމްދަނީގެ ގައުމަކަށް ވިޔަސް، އިޖުތިމާއީ ދާއިރާ އަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ޓަކައި ބައިނަލް އަގުވާމީ އެހީތެރިކަން ރާއްޖެ އަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ގައުމެކެވެ. އޭގެ އެއް ދާއިރާއަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އާއްމު ސިއްހަތުގެ ދާއިރާ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު ރާއްޖޭގެ އާއްމު ސިއްހަތުގެ ދާއިރާ އަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުން އެނގެނީ އެ ދާއިރާއިން މިހާރަށް ވުރެ މާ އިތުރަށް ރާއްޖޭން އިންވެސްޓްކުރަން ޖެހޭ ކަމެވެ. ހާއްސަކޮށް އިންސާނީ ވަސީލަތް އިތުރުކުރަން ޖެހޭތީ މިއީ ބައިނަލް އަގުވާމީ މުޖުތަމައުގެ ފަންނީ އެހީ ވަރަށް ބޮޑަށް ބޭނުންވާ ދާއިރާ އެކެވެ.
ޓެރަރިޒަމްގެ ބިރަކީ ކުރިއަށް ވުރެ އެތައް ގުނަޔަކުން ރާއްޖެ އަށް ބޮޑުވެފައިވާ މައްސަލަ އެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން، އައިއީޑީއެއް ގޮއްވާލައިގެން މިދިޔަ މޭ މަހު ބަޔަކު ދިން ހަމަލާއަކީ ނުރައްކާތެރިކަން ގޮސްފައިވާ ހިސާބު ދައްކައިދޭ ކަމެކެވެ.
"ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަން ދުރާލައި ދެނެގަތުމަށް ޓަކައި އެނަލައިޒްކުރުމާއި މޮނިޓާ ކުރުމަށް ބޭނުންވާ ގާބިލުކަން އދ. އިން ތަރައްގީކުރަން ޖެހޭ،" ޑރ. ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން، ތަރައްގީވަމުން އަންނަ ގައުމުތަކަށް މިހާރަށް ވުރެ ފަސޭހަ ގޮތަކަށް ލިބެން ޖެހެ އެވެ. ހާއްސަކޮށް ވޯލްޑްބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ އިދާރާތަކުންނެވެ. އެހެންވީމާ މިއީ ރާއްޖޭގެ ފަރާތުން ރައީސް އަޑު އުފުއްލަވަން މުހިއްމު ކަމެކެވެ.
"ލޯނުތައް ދައްކަން މިހާރަށް ވުރެ ފަސޭހަ ގޮތްތައް ހަމައްސައިދޭންޖެހޭ. ގްރޭސްޕީރިއަޑް އިތުރުކޮށްދިނުން، ދަރަންޏަށް ލުއިތަކެއް ދިނުން. މިހާރަށް ވުރެ ފަސޭހަ ޝަރުތުތަކަކާ އެކު ފައިސާ ނެގޭނެ ގޮތްތައް ހަމަޖެއްސުން މީގެ ތެރޭގައި ހިމެނޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުގެ ސަަބަބުން އަލަށް އުފެދުނު އިގުތިސާދީ ހަރަކާތްތަކާއި އެ ފިޔަވަޅުތަކުގެ ސަބަބުން ކުރިއަރަން ފެށި ހަރަކާތްތަކެއް ވެސް އެބަހުއްޓެވެ. އޮންލައިން ވިޔަފާރިތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީ އަދި އޭއައި ޓެކްނޮލޮޖީއަކީ އެފަދަ ބައެއް ދާއިރާތަކެވެ ވަހީދު ވިދާޅުވި ގޮތުގައި އެފަދަ ކަންތައްތައް ކުރިއެރުމަށް ޓަކައި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) ފަދަ އެޖެންސީތައް މެދުވެރިކޮށް މަސައްކަތް ކުރަން ޖެހެ އެވެ.
"ވިޔަފާރީގެ ހަމަހަމަ އުސޫލައް އުފައްދައި، ޑަބްލިއުޓީއޯ މެދުވެރިކޮށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަކީ [ބާރުއަޅަން ޖެހޭ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެެ.
- މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން ފިޔަަވަޅުން އެޅުން
- ބަލިމަޑުކަމަށް ފަހު އިގުތިސާދުތައް ކޮޅަށް ޖެހުމަށް ގުޅިގެން މަސައްކަތް ކުރުން
- މިފަަދަ އެހެން ބަލިމަޑުކަމެއް ކުރިމަތިވިޔަ ނުދިނުދޭން މަސައްކަތްކުރުން.
މަބްރޫކް ވިދާޅުވި ގޮތުގައި ރާއްޖެ އަށް ވަރަށް ފަހި ފުރުސަތެއް އޮވެގެން ކުރިއަށް ކުރިއަށްދާ އާއްމު މަޖިލީހުގައި، ރައީސް ކުރައްވާ ތަގުރީރުގައި މިވަގުތަށް މުހިއްމު ގިނަަ ކަންތައްތަކަށް އަލިއަޅުއްވައިލައްވާނެ އެވެ. އޭގެ އެއްކަމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގެ މަސައްކަތެވެ.
"މިފަދަ ޕެންޑެމިކެއް އަލުން ކުރިމަަތިވިޔަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކަށް އަލައިއަޅުވައިލައްވާނެ،" އޭނާ ވިދާޅުވި އެވެ.
ގައުމުތަކާ ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެ އަށް ކޮވިޑްގެ ވެކްސިނާއި މެޑިކަލް އެހެން ތަކެތި ހޯދަން ފަސޭހަވި އެވެ. އެހެންވީމާ، ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ރައީސްގެ ތަގުރީރުގައި ބާރު އަޅުއްވާނެ އެވެ.
"މޫސުމަށް އަންނަަ ބަދަލުތަކުގެ ގެއްލުމާއި ތިމާވެށީގެ މައްސަލަތަކަކީ ރާއްޖޭން އަބަދުވެސް އިސްކަންދޭ ކަންތައްތައް. އައިސީސީޕީން މިހާރު އެބުނަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި، ފިޔަވަޅުތައް އެޅުން ކުރިއަށް ވުރެ އަަވަސްކުރަން ޖެހެޔޭ. މިއީ ވެސް ރައީސް އިސްކަންދެއްވާނެ ދާއިރާއެއް،" މަބްރޫކް ވިދާޅުވި އެވެ.
އދ.ގެ އާއްމު މަޖިލީހުގައި 2019 ވަނަ އަހަރު ކުރެއްވި ތަގުރީރުގައި، ފާޑުކިއުން އަމާޒުވާ ފަދަ އެތައް ވާހަކަތަކެއް ހިމެނުނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރަށް ފާޑުވިދާޅުވުމަކީ އެފަދަ އެއް ވާހަކަފުޅެވެ. އެހެން ނަމަވެސް ރައީސް އެފަހަރު އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަން ވަޑައިގެންނެވި އިރު އޮތީ ވެސް އެފަދަ ހާލަތެކެވެ.
އެމަނިކުފާނު އެފަހަރު ވަޑައިގެންނެވި އިރު އދ.ގެ އާއްމު މަޖިލީހުގައި ރާއްޖޭގެ ވެރިއަކު ތަގުރީރުނުކުރައްވާތާ ފަސް އަހަރު ވެއްޖެ އެވެ. ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަން ވަޑައެއް ނުގަަންނަވަ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ބައިނަލްއަގުވާމީ ބައެއް ޖަމާއަތްތަކާ ރާއްޖެއާ ދެމެދު އޮތް ގުޅުން އޮތީ ކަނޑާލައިފަ އެވެ.
އެ ހުރިހާ ކަމަކާ އެކު ރާއްޖޭގެ ނަން އޭރު އޮތީ ކޮންމެ ވެސް ވަރަކަށް ކިލަނބުވެފައޭ ބުނެވިދާނެ އެވެ.
އެކަމަކު މިހާރު އެ ހާލަތެއް ނެތެވެ. ބައިނަލް އަގުވާމީ މުޖުތަމައުގައި ރާއްޖޭގެ ނަން މިހާރު އަނެއްކާ ވެސް ވިދަ އެވެ. އާއްމު މަޖިލީހުގެ ރިޔާސަތުގައި ޝާހިދު އިންނެވުމަކީ މީގެ ހެއްކެކެވެ. އެހެންވީމާ އެތެރޭގެ ސިޔާސީ ވާހަކަތައް އދ.ގެ ޕޯޑިއަމަށް ގެންދާ ވަރަށް ވުރެ ތަސައްރުފު ފުދިފައިވާ ގައުމަކަށް ރާއްޖެ ވާން ޖެހެ އެވެ. ރައީސްގެ ތަގުރީރުން އެކަން ފެންނާނެ ކަމަށް އުއްމީދު ކުރެވެ އެވެ.