ގުދަނުގައި އަލިފާން ރޯވި ސަބަބެއް އަދި ނޭނގޭ: ފުލުހުން
ގުދަނުގައި އަލިފާން ރޯވި ސަބަބެއް އަދި ނޭނގޭ: ފުލުހުން

މއ. ކަފިދޫގޭގައި ހުރި ބްރަދަހުޑް ގްރޫޕްގެ ގުދަނުގައި މިދިޔަ ހޯމަ ދުވަހު އަލިފާން ރޯވި ސަބަބު އެނގިފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ދަގަނޑު ހޮޅި އާއި ޓިނުން ހަދާފައި ހުރި ފަސް ބުރީގެ ގުދަނުގައި ރޯވި ބިޔަ އަލިފާންގަނޑު ފެތުރި ކައިރި ގެތަކަށާއި އެމްއެސް ކާޕެންޓްރީއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ނަމަވެސް އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވަން އުޅުނު ސިފައިންގެ ދެ މީހަކަށް ފިޔަވައި އިތުރު މީހަކަށް އަނިޔާއެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގުދަނުގައި އަލިފާން ރޯވި ސަބަބު ހޯދަން ތަހުގީގު ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

"ރޯވި ސަބަބު އަދި ނޭނގޭ، އެކަން ބެލުމުގެ މަސައްކަތް ކުރަމުން މިދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެއަށް ގިނަ އަދަދަކަށް ކޮސްމެޓިކްސް ސާމާނާއި އަންނައުނާއި އިލެކްޓްރިކް އަދި އިލެކްޓްރޯނިކްސް އުފެއްދުންތައް އެތެރެކޮށް ވިއްކާ ބްރަދަހުޑްގެ އޮފިޝަލަކު ހާދިސާ ހިނގި ދުވަހު ވިދާޅުވީ ގުދަނުގައި 40 ހަކަށް މިލިއަން ރުފިޔާގެ މުދާ ހުންނާނެ ކަމަށެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ވިއްސަށްވުރެ ގިނަ މީހުންނަށް ސަރުކާރުން ވަނީ ވަގުތީ ހިޔާ ފޯރުކޮށްދީފަ އެވެ. އަދި ގެދޮރު ހަލާކުވި މީހުންނަށް، ގެދޮރު އިމާރާތް ކުރަން ލުއި ފަސޭހަ ގޮތަކަށް ސަރުކާރުން ލޯނު ހަމަޖައްސައިދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.