17 ސެޕްޓެމްބަރ 2021 - 11:23

ކޮންމެ އިންސާނަކުވެސް އެ މީހެއްގެ އަމިއްލަ ނަފްސާމެދު ވިސްނައި ފިކުރުކޮށްލައިފި ނަމަ ފާހަގަކުރެވޭނެ އެއް ކަމަކީ، އިންސާނުންނަށް ވަރަށް ގިނަ ބާރުތަކެއް ޤުދުރަތުން ދެއްވާފައިވާ ކަމެވެ. އަދި މި ބާރުތައް ބޭނުންކުރުމަށް ވަރަށްގިނަ ވަސީލަތްތަކެއް ވެސް ޤުދުރަތުން ހަދިޔާކޮށްފައިވާ ކަމެވެ. ވީމާ މިބާރުތަކާއި ވަސީލަތްތަކުގެ ބޭނުން އޭގެ އެންމެ ހެޔޮގޮތުގައި އިންސާނާ ހިފަން ޖެހެ އެވެ. އަދި މިއާ މެދު އިހުމާލު ވެގެންނުވާނެ އެވެ. މިކަމަށް އޮތް އެންމެ އެކަށީގެންވާ މަގަކީ އިސްލާމީ ޝަރީޢަތެވެ.
އިންސާނާއަށް ޤުދުރަތުން ލިބިފައިވާ ބާރުތަކުގެ ތެރޭގައި ބުއްދި ލިބިފައިވެ އެވެ. ބޭނުންތަކާއި އެދުންތަކެއް ލިބިފައިވެ އެވެ. އިވުމާއި ފެނުމާއި ރަހަ އިޙްސާސް ކުރެވެއެވެ. އަތާއި ފައިން އެކިއެކި ކަންތައް ކުރުމުގެ ބާރު ލިބިފައިވެއެވެ. ރުޅިއައުމާއި ފޫހިވުމާއި ޝައުޤުވެރިވުމާއި ލޯބިވުމާއި ބިރުގަތުމާއި ދަހިވެތިވުމާއި މިނޫންވެސް މިފަދަ އެތައް ޝުޢޫރުތަކެއް އިންސާނާގެ ނަފްސުގައި ވެއެވެ. މި ބާރުތަކަކީ ބޭކާރު ގޮތުގައި ޤުދުރަތުން ލައްވާފައިވާ ބާރުތަކެއް ނޫނެވެ. އެކަމަކު އެއީ އިންސާނާގެ ދިރިއުޅުމުގެ ހަޔާތަށްޓަކައި ނުހަނު ބޭނުންތެރި ބާރުތަކެކެވެ. އިންސާނާގެ ހަޔާތުގައި ކާމިޔާބުވުން ބިނާވެފައިވަނީ އޭނާ އެދޭ ކަންތައްތައް ފުރިހަމަވުމުގެ މައްޗަށެވެ. މިކަންތައްތައް ފުރިހަމަ ވުމަށްޓަކައި މިދެންނެވި ބާރުތަކަށް ހަމަ ކޮންމެހެން ބޭނުން ޖެހެއެވެ.
އިންސާނާގެ ނަފްސުގައިވާ މި ބާރުތަކުގެ އިތުރަށް އޭނާގެ ވަށައިގެންވާ މާހައުލުން ތަފާތު ވަސީލަތްތަކެއް ވެސް ވަނީ އޭނާއަށްޓަކައި ކިޔަމަންކުރެވިފަ އެވެ. މިގޮތުން އިންސާނާ ފަދަ އެހެން އިންސާނުންގެ ފަރާތުން ޚިދުމަތް ލިބެ އެވެ. އެކިއެކި ހައިވާނުންގެ ފަރާތުން ޚިދުމަތް ލިބެއެވެ. ގަސްގަހާގެއްސާއި މަސްމަހާމެހި އަދި ވަޔާއި ފެނާއި އަލިކަމާއި ހޫނުކަމާއި މިހެންގޮސް އަދަދުވެސް ނުކުރެވޭހާ ގިނަ ތަކެތި ވަނީ އިންސާނާގެ ޚިދުމަތުގަ އެވެ. މާތް ﷲ މިހުރިހާ ކަމެއް މިގޮތަށް މެދުވެރި ކުރައްވާފައި އެވަނީ އިންސާނާ މި ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކަ އެވެ. ކުޅިވަރާއި މަޖަލަކަށް ނޫނެވެ. މި ވަސީލަތްތަކާއި އިންސާނާ އަށް ﷲ ދެއްވަވާފައިވާ އެކިއެކި ބާރުތައް އޭގެ އެންމެ ހެޔޮގޮތުގައި ބޭނުން ކުރި ކަމަށް ވާނީ ހުރިހާ ގޮތަކުން ބަލާއިރު ވެސް އެންމެ ފައިދާ ހުރި ގޮތަށް ބޭނުން ކުރީމަ އެވެ. ގެއްލުން ހުރި ގޮތަށް ބޭނުންކޮށްފި ނަމަ ހެޔޮގޮތުގައި ބޭނުން ހިފީ ކަމަކަށް ނުބެލެވޭނެ އެވެ. ސަބަބަކީ އިންސާނަކު ޚުދު އޭނާގެ އަމިއްލަ ނަފްސަށް ވިއަސް ގެއްލުން ލިބޭ ގޮތަކަށް، ނުވަތަ ތިމާ އަށް ފައިދާއެއް ލިބި އެހެން މީހަކަށް ނުވަތަ ބަޔަކަށް ގެއްލުން ލިބޭ ގޮތަކަށް މި ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ކުރިއަސް، ނުވަތަ މުޅިން އިހްމާލުކޮށްލިއަސް މިއިން ކޮންމެ ގޮތެއްވެސް ގޯސް ކަމަށް ވާތީ އެވެ. އެއީ އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބޭތީ އެވެ. ނުވަތަ އެންމެ ކުޑަމިނުން އެއިން ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވާތީ އެވެ.
ދުނިޔޭގައި އުޅޭ އިންސާނުންނަށް ބަލާއިރު އިންސާނުންނަށް ލިބިފައިވާ އެކިއެކި ބާރުތަކާއި ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ނުކުރާ މީސްތަކުން މައިގަނޑު ދެބަޔަކަށް ބެހެ އެވެ. އެއް ބަޔަކީ، ބާރުތަކާއި ވަސީލަތްތައް ގަސްތުގައި ނުބައިކޮށް ބޭނުންކުރާ މީހުންނެވެ. އެއީ އެމީހުންގެ އަމިއްލަނަފްސަށް ނުވަތަ އެހެން މީހުންނަށް ގެއްލުން ލިބެނިވި ގޮތެއްގައި ގަސްތުގައި ބޭނުންކުރާ ނުވަތަ ގަސްތުގައި އިހްމާލުވާ މީހުންނެވެ. ދެވަނަ ބަޔަކީ، އެމީހުންނަށް ނޭނގި ތިބެ ބާރުތަކާއި ވަސީލަތްތަކުން ގެއްލުންލިބެނިވި ގޮތެއްގައި ބޭނުންކުރެވެމުންދާ މީހުންނެވެ. މީގެ ތެރެއިން ފުރަތަމަ ބާވަތަކީ އަނިޔާވެރި ނުލަފާ މީހުންނެވެ. މިފަދަ މީހުން މައިތިރި ކުރުމަށްޓަކައި ހަރުކަށި ގަވައިދުތައް ހިންގުމާއި ނުކިޔަމަންތެރިވާ ނަމަ އަދަބުދިނުން ފަދަ ކަންކަން ކުރަން ޖެހެއެވެ. ދެވަނަ ބާވަތަކީ ޖާހިލުންނެވެ. މިފަދަ މީހުންނަށް ޖެހޭނީ އެމީހުންގެ ބާރުތަކާއި ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ހިފަން ދަސްކޮށްދޭށެވެ. މި މީހުންނަށް ބޭނުންވަނީ ޢިލްމާއި ހޭލުންތެރިކަމެވެ.
އިސްލާމީ ޝަރީޢަތަކީ މި ދެންނެވި ދެބާވަތުގެ މީހުން ވެސް ހަމަ މަގަށް ގެނެސް ގުދުރަތުން ދެއްވާފައިވާ ބާރުތަކާއި ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުން ހިފަން ދަސްކޮށްދޭ ޝަރީއަތެކެވެ. މިގޮތުން ކޮންމެ އިންސާނަކު ވެސް އޭނާގެ އަމިއްލަ ނަފްސަށާއި އޭނާއާ އެކު މުޖުތަމަޢުގައި އުޅޭ އެހެންމީހުންނަށްވެސް ފައިދާ ލިބެނިވި ގޮތެއްގައި ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ހިފާނެގޮތް ދަސްކޮށްދެ އެވެ. އިސްލާމްދީން އިންސާނާގެ އެއްވެސް ބާރެއް އިހުމާލެއް ނުކުރެ އެވެ. އަދި އިންސާނާގެ އެއްވެސް ބޭނުމެއް ނުވަތަ އެދުމެއް މުޅިން ފުހެލާކަށް މަސައްކަތެއް ނުކުރެއެވެ. އިންސާނާގެ އެއްވެސް ޝުޢޫރެއް އިންކާރެއް ނުކުރެ އެވެ. އެހެންކަމުން އިންސާނާ ދުނިޔެވީ އުފާތައް ދޫކޮށްލައި، ފަރުބަދަތަކާއި ހޮހަޅަތަކުގައި އެކަހެރިވެގެން ދިރިއުޅުން ވޭތުކޮށްލާކަށް އިސްލާމް ދީން ނޭދެ އެވެ. ނަފްސުގެ އެދުންތައް ފުނޑުފުނޑުކޮށްލައި ނިކަމެތިކޮށްލައި މުޞީބާތްތަކާއި ޙާލުގައިޖެހިގެން އުޅޭކަށް އަމުރެއް ނުކުރެ އެވެ. ދުނިޔޭގެ ޒީނަތްތެރިކަމާއި ނިޢުމަތްތަކުން މުޅިން މަޙްރޫމްވާކަށްވެސް ގޮވައެއް ނުލަ އެވެ.
އިސްލާމީ ޝަރީޢަތަކީ އިންސާނާ ހައްދަވައި އިންސާނާގެ ނަފްސުގައި އެކިއެކި ބާރުތައް ލެއްވެވި ފަރާތުގެ އިލާހީ ޤާނޫނެކެވެ. ވީއިރު އެފަރާތުން އިންސާނާގެ ކިބައިގައި ލައްވަވާފައިވާ ބާރުތައް އެއީ ބޭކާރުގޮތުގައި ލައްވަވާފައިވާ ބާރުތަކަށް ވުމަށް ރުހިވޮޑިގަންނަވާނެތޯ އެވެ؟ އެއްވެސް ޝައްކެތް ނެތް ގޮތުގައި އެކަލާނގެ އެދިވޮޑިގެންވަނީ ކައުނޭ މިކިޔާ ތަން އެކަލާނގެ ތަދުބީރު ކުރައްވައި ރާއްވަވާފައިވާ ގޮތަށް ދެމިއޮތުމެވެ. އެތަނުގައި އިންސާނުން އެމީހުންގެ ފައިދާއާއި މަންފާއަށްޓަކައި މަސައްކަތް ކުރުމެވެ. އެތަނުގައިވާ ތަފާތު އެކިއެކި ވަސީލަތްތަކުގެ ބޭނުން އިންސާނުން ހިފުމެވެ. އެބޭނުންތައް ހިފަން އެކަލާނގެ ރުހިވޮޑިގަންނަވަނީ އިންސާނާ އޭނާގެ އަމިއްލަ ނަފްސަށާއި އަދި އެނޫން މީހުންނަށްވެސް ގެއްލުމެއް ނުލިބޭ ގޮތަކަށެވެ. މިކަން މިމަގުން ދިއުމަށްޓަކައި މާތް ﷲ ވަނީ ފުރިހަމަ ޝަރީޢަތެއް ބާވާލައްވައިފަ އެވެ. އެޝަރީޢަތުގައި ބައެއް ކަންތައްތައް ޙަރާމް ކުރައްވާފައިވެ އެވެ. އަދި އަނެއްބައި ކަންތައްތައް މަކްރޫހަ ކުރައްވާފައިވެ އެވެ. ނަމަވެސް ދިރިއުޅުމުގެ ހަޔާތުގައި އިންސާނާއަށް އުފާވެރިކަމާއި ބާއްޖަވެރިކަން ލިބޭ ގިނަކަންތައްތައް ވަނީ ޙަލާލު ކުރައްވައިފަ އެވެ. ޙަރާމް ނުވަތަ މަކްރޫހަ ކުރައްވާފައިވަނީ އެކަންކަމުގެ ސަބަބުން ގެއްލުން ލިބެނިވި ކަންތައްތަކެވެ.
އިސްލާމީ ޝަރީޢަތް ބިނާވެފައިވަނީ ވަރަށް މުހިންމު މަތިވެރި އުޞޫލުތަކެއްގެ މަތީގަ އެވެ. މީގެ ތެރެއިން އެއް އަޞްލަކީ އިންސާނާއަށް އޭނާގެ އެދުންތަކާއި ބޭނުންތައް ފުއްދުމުގެ ޙައްޤު ލިއްބައިދީފައި ވުމެވެ. ދެވަނަ އަޞްލަކީ، އިންސާނާއަށް ފައިދާ ލިބެނިވި ކަންކަން ކުރުމުގެ މިނިވަންކަން ދީފައި ވުމެވެ. ނަމަވެސް މި ޙައްޤާއި މިނިވަންކަން ލިބެނީ ވަކި ހައްދެއްގެ ތެރޭގަ އެވެ. އެއީ އެހެންމީހުންގެ ހަމަ އެޙައްޤާއި މިނިވަންކަން ނުގެއްލޭނެ މިންވަރަށެވެ. އެހެންކަމުން ގަސްތުގައި ވިއަސް ނުވަތަ ޖާހިލުކަމުން ވިއަސް މީހެއްގެ ހައްގެއް ގެއްލިގެން ނުވާނެ އެވެ. އަދި މީހެއްގެ މިނިވަންކަމަށް އަރައިގަނެވިގެން ނުވާނެ އެވެ. އަދި ފައިދާއާއި ގެއްލުމާ ދެބައި އެކުލެވިފައިވާ ކަންކަމުގައި ކުޑަ ގެއްލުމެއް ލިބުނަސް ބޮޑަށް ފައިދާ ލިބެނިވި ކޮޅަކަށް އަނެކަކު ދޫކޮށްލުން އެއީ އިސްލާމީ ޝަރީޢަތުގެ އެހެން އަޞްލެކެވެ.
އިންސާނުންނަށް އެންމެ ގެއްލުން ހުރިގޮތާއި އެންމެ ފައިދާ ހުރިގޮތް ދެނެގަތުމަށް އިންސާނާ ކުރާ އިޖުތިހާދުގައި ބައެއް ފަހަރު ކާމިޔާބު ވިއަސް ވަރަށް ގިނަ ފަހަރު ނާކާމިޔާބުވެ އެވެ. އެހެންނަމަވެސް އިންސާނާއަށް އެންމެ ފައިދާހުރިގޮތް އިންސާނާ ހެއްދެވި ފަރާތުން މޮޅަށް ދެނެވޮޑިގެންވެ އެވެ. އެ ފަރާތުން އިސްލާމީ ޝަރީޢަތް ބާވާލައްވާފައި ވަނީ އިންސާނުންނަށް ގެއްލުންހުރި ކަންތައްތަކުން ދުރުހެލިވެ ފައިދާ ލިބެނިވި ކަންތައްތައް ކުރުމަށް ބާރުއެޅޭ ފަދަ ގޮތެއްގަ އެވެ. ވީމާ އިންސާނާއަށް ޤުދުރަތުން ލިބިފައިވާ ބާރުތަކާއި ދިރިއުޅުމުގެ ވަސީލަތްތައް އެންމެ ހެޔޮ ގޮތުގައި ބޭނުން ހިފޭނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ޢަމަލު ކުރުމުންނެވެ.