17 ސެޕްޓެމްބަރ 2021 - 11:27

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މި ފަހަކަށް އައިސް މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އިތުރުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީގައި ކަސްޓަމްސްގެ ނޯތު ރީޖަނަލް ހެޑް އޮފީސް ރަސްމީކޮށް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ ކަސްޓަމްސް އިން ކުރާ މަސައްކަތަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ބުރަ މަސައްކަތެއް ކަމަށެވެ.
އެގޮތުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރެވޭ މަސައްކަތުގައި ކަސްޓަމްސްގެ މުއައްޒަފުންގެ ހުނަރުވެރިކަމާއި ކުޅަދާނަކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ކަސްޓަމްސް އޮފިސަރުންގެ ހީވާގި މަސައްކަތުން މި ފަހަކަށް އައިސް އަތުލައިގެންފައިވާ މަސްތުވާތަކެތި އިތުރުވެފައިވާކަން ފާހަގަ ކުރަން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ކަސްޓަމްސްގެ ނޯތު ރީޖަނަލް އޮފީހުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއާ ކުރުމަށް ހޭދަވާ ވަގުތު ކުޑަ ވާނެ ކަމަށާއި ވިޔަފާރީގެ ހަރަދުވެސް ކުޑަވެ ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ގަންނަން މަގުފަހި ވާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ކަސްޓަމްސްގެ ކޮމިޝަނާ ޖެނަރަލް އަބްދުﷲ ޝަރީފް ވެސް ވަނީ ގާނޫނަށް ގެނައި ބަދަލާއެކު ސަރަހައްދީ ބަނދަރުތަކުން އެތެރެ ކުރާ މުދަލުން 50 ޕަސަންޓު ޑިއުޓީ މާފު ކުރަން ހަމަޖެހިފައިވާ ކަން ފާހަގަ ކުރައްވައިފަ އެވެ. އޭގެ ސަބަބުން ވިޔަފާރިވެރިންނަށް އިތުރު ލުއިތަކެއް ލިބި މާލޭގެ ކޮމާޝަލް ބަނދަރުގެ ޓްރެފިކަށް ވެސް ލުޔެއް ލިބޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ އިތުރުން، ހއ. އުލިގަމުގައި ހަދާފައިވާ ކަސްޓަމްސްގެ އޮފީސް ވެސް މިއަދު ވަނީ ރަސްމީކޮށް ހުޅުވައިފަ އެވެ.