19 ސެޕްޓެމްބަރ 2021 - 15:39

ކުނިން ހަކަތަ އުފެއްދުމަށް ރާއްޖޭގައި ހިންގާ އެންމެ ބިޔަ މަޝްރޫއަށް ކުރިމަތިލީ ކުންފުނިތަކުގެ ތެރެއިން ބީލަން ކާމިޔާބުވި ކުންފުނި ހޮވުމުގައި ބޮޑެތި އޮޅުވާލުމާއި ކޮރަޕްޝަން އެކުލެވިގެންވާ ކަމުގެ ތުހުމަތާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

މި މައްސަލަ ބަލައިދޭން އޭސީސީ އަށް ހުށަހެޅީ އެ ޕްރޮޖެކްޓަށް ކުރިމަތިލީ ކޮރެއާގެ ޓެކްކްރޮސް ކުންފުނިންނެވެ. އެންމެ ކުޑަ އަގެއް އަދި މަޝްރޫއަށް ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައި އޮއްވައި އެހެން ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމުގައި އޮޅުވާލުމާއި ކޮރަޕްޝަން ހިމެނޭ ކަމަށް އެ މީހުން ތުހުމަތު ކުރެ އެވެ. މި ތުހުމަތަށް ބާރުދެމުން ބުނީ މި މައްސަލައިގައި ރަސްމީ އިދާރާތަކާ ބައްދަލުކުރަން ކުރި މަސައްކަތަށް އެއްވެސް އިދާރާއަކުން ޖަވާބު ނުދިނުމަކީ ވެސް ކަމެއް ފޮރުވަން އުޅުން ކަމަށެވެ.

އެ ކުންފުނީގެ އިސްވެރިން "މިހާރު" އަށް ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީން ވެސް އެ ކުންފުންޏާ ބައްދަލެއް ނުކުރި އެވެ.
އޭސީސީން ބުނީ މި މައްސަލަ ހުށަހަޅާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. މައްސަލަ ތަހުގީގުކުރަން ނުފަށާ ކަމަށާއި އަދި އޮތީ ދިރާސާކުރުމުގެ މަރުހަލާގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ޓެކްކްރޮސްއަކީ އިލެކްޓްރޯނިކް ސާމާނު އުފެއްދުމުގައި މަޝްހޫރު އެލްޖީގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
އެ ކުންފުނި 2000 ވަނަ އަހަރު އުފެދުމަށް ފަހު އަންނަނީ އިޔާދަކުރަނިވި ހަކަތަ އާއި ކުނި މެނޭޖްކުރުމުގެ ތަފާތު ޕްރޮޖެކްޓްތައް ހިންގަމުންނެވެ. އެ ކުންފުނިން ވަނީ އޭޑީބީގެ 10 ޕްރޮޖެކްޓެއްގައި މަސަައްކަތްކޮށްފަ އެވެ.
އެ ކުންފުނީގެ އިސް އޮފިޝަލުންތަކެއް ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެންވަޔަރުމަންޓް މިނިސްޓަރު ފާތިމަތު ޝައުނާ އަށް ވެސް މި ޕްރޮޖެކްޓްގެ ބިޑިން ޕްރޮސެސްގައި ހުރި މައްސަލަތައް އަންގައި ސިޓީ ފޮނުވައިފަ އެވެ.
އަދި މިކަން އޮޅުންފިލުވަން ބައްދަލުވުމަކަށް އެދުނު ނަމަވެސް އެއްވެސް ފަރާތަކުން ބައްދަލުވުމެއް ހަމަޖައްސައި ނުދިން ކަމަށާއި އީމެއިލް މެދުވެރިކޮށް ތަފްސީލަށް އެދުމުން ވެސް ޖަވާބު ދީފައި ނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ޕްރޮޖެކްޓަށް އެންމެ ކުޑަ އަގެއް ހުށަހަޅައި ކާމިޔާބު ނުވި ސަބަބު އޮޅުން ފިލުވަން ކުރި މަސައްކަތް ކޮޅެއްގައި ނުޖެހުމުން އެ މީހުން މިހާރު ވަނީ އެނބުރި ގައުމަށް ފުރައިފަ އެވެ.
މި ކުންފުނީގެ ތުހުމަތާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދަން ތިން ދުވަސް ވަންދެން "މިހާރު"ން މަސައްކަތް ކުރިއިރު ވެސް އެ މިނިސްޓްރީން ޖަވާބެއް ނުދިނެވެ.
ޓެކްކްރޮސްގެ އޮފިޝަލް ވިދާޅުވީ، ޕްރޮޖެކްޓްގެ ޕްރައިޒް ބިޑް ހުށަހެޅީ އޭޕްރީލްގައި ކަމަށެވެ. އޯޕަން ބިޑިން ޕްރޮސެސްއެއް ކަމުން އެންމެންނަށް ވެސް އެންމެ ކުޑަ އަގު ހުށަހެޅި ފަރާތް އެނގެ އެވެ.
ޓެކްކްރޮސް އިން ހުށަހެޅީ 294 މިލިއަން ޑޮލަރު (4.5 ބިލިއަން ރުފިޔާ) އެވެ. ދެން ބިޑް ހުށަހެޅި ސްޕެއިންގެ އުރްބާސާ ހުށަހެޅީ 303 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) އަދި ޗައިނާގެ އެންފީ އިންޖިނިއަރިން އިން ހުށަހެޅީ 390 މިލިއަން ޑޮލަރު (6 ބިލިއަން ރުފިޔާ) އެވެ.
ޕްރޮޖެކްޓްގެ ޓެކްނިކަލް ބިޑުން ހޮވުނު ތިން ކުންފުނީގެ ތެރޭގައި ހިމެނޭ ޓެކްކްރޮސްގެ ތުހުމަތުތައް ރައީސް އޮފީހަށް ވެސް ހުށަހެޅި އެވެ. ދެ ހަފުތާވި އިރު އެ އިދާރާއިން ވެސް އަދި މިހާތަނަށް ޖަވާބެއް ނުދެ އެވެ.
ތިލަފުށީގައި ވޭސްޓްމެނޭޖްމަންޓްގެ ޕްރޮޖެކްޓަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހަރަދު ކުރާ އިރު އެއިން 35.1 މިލިއަން ޑޮލަރު (540 މިލިއަން ރުފިޔާ) ހަރަދުކުރާނެ އެވެ. މީގެ އިތުރުން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) މެދުވެރިކޮށް 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގެ ލޯނެއް ނަގާފައިވެ އެވެ. މީގެ އިތުރުން ޖަޕާނުގެ އެހީގައި 10 މިލިއަން ޑޮލަރު ( 150 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ. މީގެ އިތުރަށް 38.2 މިލިއަން ޑޮލަރު (590 މިލިއަން ރުފިޔާ)ގެ ލޯނެއް އޭޑީބީ މެދުވެރިކޮށް ނަގާފައިވެ އެވެ. މި ލޯނު ނެގީ 1.5 ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި 24 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. މި ޕްރޮޖެކްޓަށްވާ ބާކީ ބައި ހޯދަނީ ސަރުކާރުގެ ބަޖެޓުންނެވެ.
ޓެކްކްރޮސްއަކީ އޭޑީބީގެ ޕްރޮޖެކްޓްތަކަށް އާ ކުންފުންޏެއް ނޫނެވެ. އެހެންވެ އެ ކުންފުންޏަށް އޭޑީބީގެ ޕްރޮކިއުމެންޓް އުސޫލުތައް ވަރަށް ފުރިހަމައަށް އެނގެ އެވެ. އޭޑީބީގެ ޕްރޮކިއުމަންޓް އުސޫލުތަކުގައިވާ ގޮތުން ދެފުށްފެންނަ އިންސާފުވެރި އުސޫލުތަކަކަށް ތަބާވާން ޖެހެ އެވެ. އަދި ޕްރޮޖެކްޓް ކާމިޔާބު ނުކުރާ ޕާޓީތަކަށް ސަބަބު ކިޔައިދިނުމުގައި އުޒުރެއް ނުދެއްކޭނެ އެވެ.
މިހެން އޮއްވާ އޮގަސްޓް މަހު ފިނޭންސް މިނިސްޓްރީން ވަނީ އެންމެ ކުޑަ އަގު ހުށަހެޅި ޓެކްކްރޮސް އަށް ބިޑް ކާމިޔާބު ނުވާކަން އަންގައިފަ އެވެ. މިކަން އަންގައި، ފިނޭންސުން ކުރި އީމެއިލްގައި އޮތީ އެންމެ ޖުމްލައެކެވެ. ހަމައެކަނި ބުނެފައި ވަނީ ހުށަހެޅި ބިޑް ކާމިޔާބު ނުވާ ކަމަށް ކަމަށެވެ. އެހެންވެ ޓެކްކްރޮސް އިން ވަނީ ބިޑް ކާމިޔާބު ނުވި ސަބަބު ކިޔައިދިނުމަށް އެދިފަ އެވެ.
އެކަމަކު ތިން ހަފްތާ ގާތްގަނޑަކަށް ވެގެން ދިޔައިރު ވެސް ފިނޭންސް މިނިސްޓްރީން ބުނަނީ ބިޑް ކާމިޔާބު ނުވާ ސަބަބުތައް އެނގޭ 'ޑިބްބްރީފިން' އެއް އެކުލަވާލަމުން އަންނަ ކަމަށެވެ.
"މިއީ އަސްލު އެންމެ ބޮޑަށް މައްސަލަ އެއް އުޅޭ ކަން ޝައްކުވި ސަބަބު. އެންމެ ރަނގަޅު ބިޑެއް ނަގާ އިރު ނުހޮވޭ ކުންފުނިތައް ނުހޮވުނީ ކީއްވެގެންކަން އެނގޭނެ. އެކަމުގެ ސަބަބު ފަހުން އެކުލަވާލާކަށް ނުޖެހޭނެ. މިކަމުން ވެސް ހީވަނީ ބިޑް ރަނގަޅަށް އިވެލުއޭޓް ނުކޮށް ޕާޓީއެއް ނަގާފައި އޮތް ކަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބިޑް ކާމިޔާބު ކުރިކަން އަންގާ ސްޕެއިންގެ އުރްބާސާ އަށް އަންގާފައިވާކަން އެނގިފައިވާ ކަމަށެވެ. އުރްބާސާއަކީ ސްޕެއިންގެ ކުންފުންޏެއް ނަމަވެސް، އެ ކުންފުނީގެ މި ސަރަހައްދުގެ އޮތަރައިޒްޑް އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަނީ އިންޑިއާގެ ކުންފުންޏެކެވެ. މިކަން ޔަގީން ކުރަން ފިނޭންސް މިނިސްޓްރީ އަށް ގުޅުމުން ޖަވާބެއް ލިބިފައެއް ނުވެ އެވެ.
މިފަދަ ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ޓެކްނިކަލް ބިޑިން އިން ކާމިޔާބު ކުރާ ޕާޓީތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ޕްރޮޖެކްޓް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ. އެހެން ނަަމަވެސް ޕްރޮޖެކްޓް ދިނުމުގައި މަސައްކަތް ނިންމާ ތާރީހަށް ވެސް ބެލޭނެ އެވެ.
"އެނގޭ ބިޑިންގައި ކޮންމެވެސް އެއް ބައެއްކަން ވިން ވާނީ. އެކަމަކު ވިން ނުވާ ޕާޓީތަކަށް އެކަމުގެ ސަބަބު ކިޔައިދެން ޖެހޭނެ. އެކަމަށް އެދިގެން އެހާ ދުވަސް ވާން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރެވޭ،" އޭނާ ބުންޏެވެ.
'މިހާރު' އާ ވާހަކަދެއްކެވި މިފަދަ ޕްރޮޖެކްޓްތައް ހިންގުމުގައި ކުރިން އުޅުނު ފަރާތަކުން ކިޔައިދެއްވި ގޮތުގައި އޯޕަން ބިޑިންގެ ތެރެއިން ކަންކަން ކުރާ ނަމަ ބިޑިން ހުރިހާ ޕްރޮސެސްއެއް ވަރަށް ސާފު ވާނެ އެވެ. އަދި ބިޑް ކާމިޔާބުނުކުރާ ފަރާތްތަކަށް ސަބަބުތައް ކިޔައިދިނުމުގައި ފަސް ޖެހިގެން ނުވާނެ އެވެ.
"މި ޕްރޮޖެކްޓްގައި މި ޑީލް ކުރަނީ އިންޓަނޭޝަނަލް ޕާޓީތަކާ. އެހެންވީމަ ފިނޭންސުން މިއަށް ވުރެ ބޮޑަށް ޕްރޮފެޝަނަލް ވާން ޖެހޭނެ. ބިޑް ކާމިޔާބު ނުވާ ސަބަބު ކިޔައިދޭން ދިގު ދަންމައިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ޓެކްކްރޮސް އަކީ ވަރަށް ވަރުގަދަ ކުންފުންޏެއް ކަމަށާއި ޕްރޮޖެޓް ހަވާލުކުރުމުގައި މައްސަލައެއް އުޅޭކަން އޭޑީބީއާ ހަމައަށް ހިނގައްޖެ ނަމަ މި ޕްރޮޖެކްޓް ކެންސަލްވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ޕާޓީތައް ހިމެނޭ ޕްރޮޖެކްޓްތަކުގައި ފިނޭންސުން އެހާ 'އަން-ޕްރޮފެޝަނަލް' ކޮށް ކަންކަން ކުރުމަކީ ހިތާމަކުރި ކަމެކެވެ. މިއީ، ބޭރުގެ ފަރާތްތަކުގެ އިތުބާރު ސަރުކާރަށް ގެއްލޭނެ ކަމެއް ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"މިއީ، ވަރަށް ދެރަކޮށް ހިންގާ ކަންކަން. އޭޑީބީ ފަދަ މާލީ އިދާރާތަކުން ފައިނޭންސް ހޯދައިގެން ހިންގާ ޕްރޮޖެކްޓްތަކުގައި އުސޫލުތަކުގައި ހިފަހައްޓަން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއްވެސް ޕާޓީއަކަށް ބިޑިން ޕްރޮސެސްއާ މެދު ޝައްކުވާ ކަންކަން ހުރެގެން ނުވާނެ ކަމަށެވެ. ބިޑް ކާމިޔާބު ނުކުރާ ފަރާތްތަކުން އަބަދުވެސް ހިތްހަމަނުޖެހޭނެ ކަން މިއީ ގަބޫލުކުރަން ޖެހޭ ކަމެއް ކަމަށާއި އެހެން ނަމަވެސް އެ ފަރާތްތަކަށް ވެސް ބޭނުންވާ މައުލޫމާތުތައް ދިނުމުގައި އެހާ ދިގު ދެންމުމުން، ކޮރަޕްޝަންގެ ތުހުމަތު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.