01 ޑިސެމްބަރ 2016 - 14:02

ގޮތް ނޭނގޭ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ އިބްރާހިމް ޒާހިލް އަށް ބެންކޮކުގައި މިހާރު ފަރުވާ ދެމުން އަންނަ އިރު، އޭނާގެ ހާލު ގޯސް ނޫން ކަމަށާއި އެކަމަކު އޮޕަރޭޝަން ކުރެވޭނީ ބަރުދަން އިތުރުކޮށްގެން ކަމަށް، ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން މިއަދު ބުނެފި އެވެ.

މިހާރު އުމުރުން 17 އަހަރު ވެފައިވާ ޒާހިލްއަށް ހަރުއެއްޗެއް ނުކެވޭތާ އެތައް އަހަރެއް ވެއްޖެ އެވެ. މިހާތަނަށް އޭނާއަށް ދެމުން އަންނަނީ ބަނޑުން ލޯވަޅެއް ތޮރުފައި، ގޮހޮރަށް ހޮޅިއެއް ލައްވައިގެން ހަމައެކަނި ދިޔާ އެއްޗެއްސެވެ. އެހެންވެ، އޭނާގެ ހަށިގަނޑު ވަނީ އަނަރޫފަ ވެފަ އެވެ.
އާއިލާއިން ބުނީ ޒާހިލަށް އާ އެއްވެސް ފަރުވާއެއް ދޭން އޮޕަރޭޝަން ކުރެވޭނީ މަހެއްހާ ދުވަސް ފަހުން ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ. އެއީ އޭނާގެ ބަރުދަން 20 ކިލޯއަށް ވުރެ އިތުރުކޮށްގެންނެވެ.
"މިހާރު އޭނާގެ ހުންނަނީ 16 ކިލޯ. އެހެންވެ، މި ބަލަނީ މަހެއްހާ ދުވަހުގެ ތެރޭގައި ހަތަރު ކިލޯވަރު ބަރުވާނެ ކަމަށް. ފަހަރެއްގައި އެއަށް ވުރެ ގިނަ ދުވަސް ވެސް ވެދާނެ،" މާލޭގައި ހުރި ޒާހިލްގެ ބޭބެއަކު ބުންޏެވެ.
ޒާހިލަށް ބޭނުންވާ ހާއްސަ އޮޕަރޭޝަން ކުރުމުގެ ކުރިން އޭނާގެ ބަރުދަން މަތިކުރެވޭތޯ މީގެ ކުރިން ވެސް ބެންކޮކް ހޮސްޕިޓަލުން ވަނީ މަސައްކަތްކޮށްފަ އެވެ. އެގޮތުން ބަނޑަށް ގުޅާފައިވާ ހޮޅީގެ ބަދަލުގައި، ކަރުތެރެއިން އޭނާގެ ގޮހޮރަށް ހޮޅިއެއް ގުޅި އެވެ.
އެކަމަކު ވަކި ހިސާބަކުން އެ ހޮޅި ބެދޭތީ، އެކަން ކާމިޔާބު ނުވެގެން މިހާރު އޭނާއަށް އަނެއްކާވެސް ކާންދެމުން އަންނަނީ ބަނޑުން ބޭރަށް ނެރެފައި ހުންނަ ހޮޅިއެއް ބޭނުންކޮށްގެންނެވެ.
އާއިލާއިން ބުނީ އެންމެ އުފާވެރިކަމަކީ ޒާހިލްއަށް ނުކެވެން މެދުވެރި އިންފެކްޝަން ދެނެގަނެ އެ ނައްތާލެވުން ކަމަށެވެ. އެހެންވެ، އޭނާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށް އާއިލާއިން ބުންޏެވެ.
ޒާހިލް އަށް އެހީވުމަށް އެކި ފަރާތްތަކުން ހިންގި ހަރަކާތްތަކުގައި 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. އެކަމަކު އޮޕަރޭޝަން ކުރުމަށް ފަހު، ގިނަ ދުވަސްތަކެއް ވާންދެން ބެންކޮކްގައި މަޑުކުރަން ޖެހިދާނެ ކަމަށް ލަފާކުރެވޭތީ އިތުރު ފައިސާ ބޭނުންވާނެ ކަމަށް އާއިލާ އިން ބުންޏެވެ.