ކުނީގެ ހަނގުރާމަ: ސިޓީ ކައުންސިލުން ވެސް ވެމްކޯއަށް 30 މިލިއަން ދޭންޖެހޭ!
ކުނީގެ ހަނގުރާމަ: ސިޓީ ކައުންސިލުން ވެސް ވެމްކޯއަށް 30 މިލިއަން ދޭންޖެހޭ!

މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަން ޖެހޭ 30.5 މިލިއަން ރުފިޔާ ނުދައްކާ އެބަ އޮތް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ކުނީގެ ހަނގުރާމަ: ސިޓީ ކައުންސިލުން ވެސް ވެމްކޯއަށް 30 މިލިއަން ދޭންޖެހޭ!
ކުނީގެ ހަނގުރާމަ: ސިޓީ ކައުންސިލުން ވެސް ވެމްކޯއަށް 30 މިލިއަން ދޭންޖެހޭ!

ކުނި އުކުމުގައި ވެމްކޯ ފެއިލްވެ، މާލެތެރޭ ކުނި ޖަމާވެފައިވާ ކަމަށް ބުނެ ކައުންސިލުން މިއަދު ކުނިތައް ނަގައި ވެމްކޯ ސައިޓް ކުރިމައްޗަށް އަޅާލި މައްސަލަ ހޫނުވެފައި ވަނިކޮށް އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ކައުސިލާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ހިދުމަތް ދިނުމުގައި އާއްމު ހިދުމަތްތަކުގެ އަގުތަކަށްވުރެ ކުޑަ އަގެއް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލުން މިހާތަނަށް ގިނަ އަދަދެއްގެ ބިލުތައް ނުދައްކާ އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ވެމްކޯއިން ބުނި ގޮތުގައި އެންމެ ފަހުގެ ރެކޯޑުތަކަށް ބަލާއިރު ސިޓީ ކައުންސިލުން ދައްކަން ޖެހޭ ބިލުގެ އަދަދު ވަނީ 30.5 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. އަދި ކޮންމެ މަހަކު އެ ފައިސާ ދައްކަން އަންގާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"350 ކިލޯ ލޮރީއަކަށް ކައުންސިލަށް ނަގާނީ 200ރ. އާއްމު ފަރާތަކަށް 250ރ. ނަގާނެ. 1.5 ޓަނުގެ ލޮރީއަކަށް 450ރ. އަދި ދެ ޓަނުގެ ލޮރީއަކަށް 650ރ. ނަގަނީ. ސިޓީ ކައުންސިލުން އެންމެ ފަހުން ދެއްކި ބިލެއް، މިހާރު ޕެންޑިންގައި ހުރީ ކިހާވަރެއްތޯ ސާފުކޮށްލަންވީނޫންތޯ،" އާދަމް ވިދާޅުވި އެވެ.

އާދަމް ވަނީ ގެތަކުން ކުނި ނެގުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރި ކަމަށް ބުނެ ސިޓީ ކައުންސިލުން ދައްކަމުން އަންނަ ވާހަކަތައް ވެސް ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހާ ކުނި ނެގުމާ ގުޅޭ އެއްބަސްވުމެކެވެ. އަދި މިގޮތަށް ވެވުނު އެންމެ ފުރަތަމަ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިހާރުގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލެ ސިޓީ ކައުންސިލާއެކު އަޅުގަނޑުމެން ސޮއި ކުރީ އެންމެ އެގްރީމެންޓެއްގައި. މި އެގްރީމެންޓުގެ ޕްރިންސިޕަލް އެގްރީމެންޓުގައި ސޮއި ކުރީ 2018 ވަނަ އަހަރު. އެއީ މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި، ކުނި ނަގައި، ކުނި އުކާލުމާ ގުޅޭ އެގްރީމެންޓެއް. ސަރުކާރު ބަދަލުވެ އަނެއްކާ ސިޓީ ކައުންސިލާ އެކު ހަމަ މި އެގްރީމެންޓުގައި އަޅުގަނޑުމެން ސޮއި ކުރީ. އެހެންކަމުން ހައުސް ހޯލްޑް ވޭސްޓް ކަލެކްޝަނާ ގުޅޭ އެއްވެސް އެބަސްވުމެއްގައި ކައުންސިލާ އެކު ސޮއި ކޮށްފައި ނުވާނެ،" އާދަމް ވިދާޅުވި އެވެ.

އާދަމް މިހެން ވިދާޅުވީ މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކުރާ ކަމަށް މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

ކޮވިޑް-19އާ ގުޅިގެން، ވެމްކޯއިން ކުނި ނަގާ އުސޫލަށް ގެނައި ބަދަލުތައް ރެއިން ފެށިގެން ވަނީ އުވާލައިފަ އެވެ. އެހެންކަމުން ދެން ކުނި ނަގާނީ ކުރިން ވެސް ނަގަމުން އައި ގޮތަށް ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން ވަކި ވަކި އެޕާޓްމަންޓުތަކަށް ވެމްކޯގެ މުވައްޒަފުން ގޮސްގެންނެވެ.

ނަމަވެސް ރަޖިސްޓްރީކޮށްފައިވާ އެޕާޓްމަންޓުތަކުން އެކަނި ކުނި ނަގަން ރެއިން ރޭ ފެށުމާއެކު ބައެއް އެޕާޓްމެންޓްތަކުން ކުނިތައް ވަނީ މަގުމައްޗަށް ނެރެފަ އެވެ. މިގޮތަށް ކަންކަން ނުކުރުމަށާއި ވީހާ ވެސް އަވަހަށް ހުރިހާ ގެތަކުން ރަޖިސްޓްރީ ވުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ.