ސިޓީ ކައުންސިލުން މާފަށް އެދިއްޖެ: "އެއީ ކޮށްގެންވާނެ ކަމެއް ނޫން"
ސިޓީ ކައުންސިލުން މާފަށް އެދިއްޖެ: "އެއީ ކޮށްގެންވާނެ ކަމެއް ނޫން"

މާލޭ މަގުމަތީގައި ހުރި ކުނިތައް ނެގުމަށްފަހު އެ ކުނިތައް ވެމްކޯގެ ކުނި ކަލެކްޝަން ސެންޓަރުގެ ދޮރު މައްޗަށް އެޅި މައްސަލައިގައި މާލެ ސިޓީ ކައުންސިލުން މިއަދު މައާފަށް އެދިއްޖެ އެވެ.

ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވެމްކޯ ކަލެކްޝަން ސެންޓަރުގެ ދޮރުމައްޗަށް ކުނި އެޅުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ، ނާތަހުޒީބު ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއަށްފަހު، ސިޓީ ކައުންސިލުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ ދޮރުމައްޗަށް ކުނި އެޅި މައްސަލައިގައި މައާފަށް ވެސް އެދިފަ އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ވެމްކޯގެ އިސްވެރިންނާ ވާހަކަދައްކައި، އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެވުނު ކަމަށެވެ. އަދި ކައުންސިލްގެ މުވައްޒަފުން ފޮނުވައިގެން ވަގުތުން އެ ކުނިތައް ނެގި ކަމަށް ނަރީޝް ވިދާޅުވި އެވެ.

"ކޮންމެ ގޮތަކަށް ވިޔަސް މިސް ކޮމިއުނިކޭޝަނަކާ ހެދި އެކަމެއް ހިނގާފައި އޮތީ. ހިނގި ކަމުގައި ވިޔަސް އެއީ ނާތަހުޒީބު އަމަލެއް. އެކަން އަޅުގަނޑު ގަބޫލުކުރަން. ވެމްކޯގެ ހުރިހާ މުވައްޒަފުންނާއި މެނޭޖްމަންޓުގެ ފަރާތުން ސިޓީ ކައުންސިލުން މައާފަށް ވެސް އެދެން. އެއީ ހިނގައިގެން ވާނެ ކަމަކަށް ގަބޫލެއް ވެސް ނުކުރަން،" ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުނިތައް އުކާލަން ދިޔައިރު ސިޓީ ކައުންސިލްގެ އުޅަނދަށް ހުއްދަ ނުލިބޭ ކަމަށެވެ. އެހެންވެ، ވެހިކަލްތައް ބާއްވާފައި އޮތުމުން އެ އުޅަނދު ހުސްކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން ދެ ފަރާތުން ވެސް ބަހުގެ ހަމަލާތަކެއް ހިނގާދިޔަ ކަމަށާއި ގޭޓު ދޮރުމައްޗަށް ކުނި އުކާލީ އެ ހަމަލާތަކުގައި ކަމަށް ކައުންސިލުން ބުންޏެވެ.

ރަޖިސްޓްރީކޮށްފައިވާ އެޕާޓްމަންޓުތަކުން އެކަނި ކުނި ނަގަން ރޭ ފެށުމާއެކު ބައެއް އެޕާޓްމެންޓްތަކުން ކުނިތައް ވަނީ މަގުމައްޗަށް ނެރެފަ އެވެ. އެފަދަ ކުނި ނަގާނީ ސިޓީ ކައުންސިލުން ކަމަށް ވެމްކޯ އިން ބުނެ އެވެ. އަދި ސިޓީ ކައުންސިލުން ވެސް ބުނެފައި ވަނީ އެއްބަސްވެފައިވާ ގޮތަށް ވެމްކޯ އަށް ކުނި ނުނެގޭ ކަމަށާއި އެކަން ސިޓީ ކައުންސިލުން ކުރާނެ ކަމަށެވެ.

ނަރީޝް ވިދާޅުވީ މާލެތެރެ ސާފުކޮށް ބޭއްވުމަށް އެ ކައުންސިލުން ވެމްކޯއަށް ކޮންމެ މަހަކު 3.1 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށެވެ. އަދި އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، މަގުމަތީގައި ހުންނަ ކުނިތައް ނެގުމަކީ ވެމްކޯއިން ކުރަންޖެހޭ ކަމަކަށް ވިޔަސް އެ ގޮތަށް އަމަލުނުކުރާ ކަމަށް ނަރީޝް ވިދާޅުވި އެވެ.

"ވެމްކޯއާއެކު މަޝްވަރާކުރަމުން މި ދަނީ އިތުރު ދައްޗެއް ކުރިމަތިނުވެ ކުރިއަށްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް. މާލޭގެ މަގުތައް، ސާފު، ރީތި މަގުތަކުގެ ގޮތުގައި ބޭއްވުމަށް ސިޓީ ކައުންސިލުން އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅެއް އަޅަމުން ގެންދާނެ ވާހަކަ ދަންނަވާލަން. އެކަމާ ގުޅިގެން މި ކައުންސިލުން ނިންމަންޖެހޭ ކޮންމެ ނިންމުމެއް ނިންމަން ފަސްނުޖެހޭނެ،" ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.