16 ސެޕްޓެމްބަރ 2021 - 14:14

ދެ ކޮރެއާ އިން ވެސް އަޖުމަ ބެލުމުގެ ގޮތުން ބެލެސްޓިކް މިސައިލެއް އުދުއްސާލައި، ދެ ކޮރެއާގެ ދެމެދުގައި މަސްރަހު ހޫނުވާން ފަށައިފި އެވެ.

ދެ ކޮރެއާ އިން ބެލެސްޓިކް މިސައިލް އަޖުމަ ބެލީ، އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރުގެ ޕްރޮގްރާމް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ޑިޕްލޮމެޓިކް ގޮތުން އެ ގައުމަށް ފިއްތުންތަކެއް ކުރިމަތިކުރަމުން ދާ ދުވަސްވަރެއްގަ އެވެ.

ދެކުނު ކޮރެއާގެ ރިއާސީ ގަނޑުވަރުން އިއްޔެ ބުނި ގޮތުގައި ކަނޑު އަޑިން ފޮނުވައިލެވޭ ގޮތަށް އެ ގައުމުގައި ތަރައްގީ ކުރި ފުރަތަމަ ބެލެސްޓިކް މިސައިލް، އަޖުމަ ބެލުމުގެ ގޮތުން އުދުއްސައިލީ އިއްޔެގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ކަނޑު އަޑީގައި އޮތް ސަބްމެރިންއަކުން ފޮނުވައިލި އުދުއްސައިލި އެ މިސައިލް ކަނޑައެޅިފައިވާ އަމާޒަށް ދިޔަ ކަމަށް ރިއާސީ ގަނޑުވަރުން ބުނެ އެވެ.
ރިއާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އިއްޔެ އަޖުމަ ބެލި ބެލެސްޓިކް މިސައިލްގެ ސަބަބުން، ބޭރުގެ އުދުވާނީ ހަމަލާތަކުން އަމިއްލަ ނަފްސު ދިފާއުކުރުމުގެ ގާބިލްކަން ދެކުނު ކޮރެއާ އަށް ލިބިގެން ދާނެ އެވެ. އަދި އަސްކަރީ ގާބިލްކަން އިތުރުވުމުން، ކޮރެއާ ސަރަހައްދުގައި ސުލްހަ ދެމިއޮތުމަށް މަގު ފަހިވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އިއްޔެ އަޖުމަ ބެލި ބެލެސްޓިކް މިސައިލާ އެކު ދެކުނު ކޮރެއާ ވެގެން އެ ދިޔައީ، ބެލެސްޓިކް މިސައިލް އުފެއްދުމުގެ ގާބިލްކަން ލިބިގެންވާ ހަތް ވަނަ ގައުމަށެވެ.
ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ-އިން ވިދާޅުވި ގޮތުގައި ދެކުނު ކޮރެއާ އިން ބެލެސްޓިކް މިސައިލެއް ތަރައްގީކުރަން މަޖުބޫރުކުރީ، އުތުރު ކޮރެއާ އިން ތަރައްގީކޮށް ކުރިއަރުވަމުން އަންނަ އެ ގައުމުގެ އަސްކަރީ ގާބިލްކަމެވެ. އަދި މިއީ އުތުރު ކޮރެއާ އިން ކުރިމަތިވެދާނެ ނުރައްކަލަކުން ދިފާއުވުމަށްޓަކައި ކުރަންޖެހުނު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ދެކުނު ކޮރެއާގެ ރައީސްގެ މި ވާހަކަތަކަށް އުތުރު ކޮރެއާ އިން އިންކާރު ކުރެ އެވެ. އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުންގެ ނުފޫޒު ގަދަ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގް ވިދާޅުވި ގޮތުގައި، ދެކުނު ކޮރެއާގެ ރައީސް މޫން އެ ދެއްކެވީ އެއްވެސް ހަމައަކުން ބަލާއިރު ހަމަޖެހޭ ވާހަކަތަކެއް ނޫނެވެ. އަދި އެފަދަ ތުހުމަތުތަކުން ދެ ގައުމުގެ ގުޅުމަށް ހީނަރުކަން އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުތުރު ކޮރެއާގެ އަސްކަރީ ހަރަކާތްތަކަކީ އެ ގައުމުގެ އަމިއްލަ ދިފާއަށްޓަކައި ހިންގާ ހަރަކާތްތަކެކެވެ. އެއީ ވަކި ބަޔަކަށް ބިރު ދައްކަން ނުވަތަ ނުރައްކާ ކުރަން ހިންގާ ހަރަކާތްތަކެއް ނޫނެވެ.
އޭނާ ވިދާޅުވީ ދެކުނު ކޮރެއާ އިން ހިންގާ އަސްކަރީ ހަރަކާތްތަކަކީ، ކޮރެއާ ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ގާނޫނީ އިމުގެ ތެރެއިން ކުރާ މަސައްކަތެއް ކަމަށް ސިފަކޮށްފައި، އުތުރު ކޮރެއާގެ އަސްކަރީ ހަރަކާތްތަކަކީ، ކޮރެއާ ސަރަހައްދުގެ ސުލްހަ އަށް ކުރިމަތިކުރާ ނުރައްކަލެއް ކަމަށް ދެއްކުމަކީ ވަރަށް މޮޔަ ކަމެއް ކަމަށެވެ.
އުތުރު ކޮރެއާ އިން އިއްޔެ ހެނދުނު ބެލެސްޓިކް މިސައިލެއްގެ އަޖުމަ ބެލިކަން އެ ގައުމުން އިއުލާން ކުރި އެވެ. ދެކުނު ކޮރެއާ އިން ވެސް ބުނެފައިވަނީ، އުތުރު ކޮރެއާ އިން ބެލެސްޓިކް މިސައިލެއް އުދުއްސައިލިކަން އެ ގައުމުގެ ދިފާއީ ނިޒާމުން ދެނެގަނެވިފައިވާ ކަމަށެވެ.
ދެކުނު ކޮރެއާ އިން އިއްޔެ ކަނޑު އަޑިން ސަބްމެރިނަކުން މިސައިލް އުދުއްސައިލި އިރު، އުތުރު ކޮރެއާ އިން އަޖުމަ ބެލި މިސައިލް އުދުއްސައިލީ ރޭލަކުންނެވެ. އެހެންކަމުން، މިއީ ކޮރެއާ ސަރަހައްދަށް އަސްކަރީ ގޮތުން ކުރިމަތިވާ އިތުރު ނުރައްކަލެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
އުތުރު ކޮރެއާ އިން ބެލެސްޓިކް މިސައިލެއްގެ އަޖުމަ މި ބެލީ، އެ ގައުމުގައި އަމިއްލަ އަށް އުފެއްދި ކުރޫޒް މިސައިލެއްގެ އަޖުމަ ބެލިތާ އެންމެ ފަސް ދުވަހުގެ ތެރޭގަ އެވެ. އެ ގައުމުން އުފެއްދި ކުރޫޒް މިސައިލް އެންމެ ފުރަތަމަ އަޖުމަ ބެލީ މިމަހުގެ 11 ވީ ހޮނިހިރު ދުވަހު އެވެ. އަދި ދެ ވަނަ ފަހަރަށް އަޖުމަ ބެލީ، 12 ވީ އާދީއްތަ ދުވަހު އެވެ.
ކްރޫޒް މިސައިލެއް ދެ ފަހަރެއްގެ މަތިން އަޖުމަ ބެލި އިރު ވެސް، ދެކުނު ކޮރެއާގެ ދިފާއީ ނިޒާމަށް ވެސް އަދި ދެކުނު ކޮރެއާގައި ގާއިމުވެ ތިބި އެމެރިކާގެ ސިފައިންނަށް ވެސް އެކަން ދެނެގަނެވިފައެއް ނުވެ އެވެ.
ދެކުނު ކޮރެއާ އިން ބުނި ގޮތުގައި އުތުރު ކޮރެއާ އިން އިއްޔެ އަޖުމަ ބެލި ބެލެސްޓިކް މިސައިލް އުދުއްސައިލީ، އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ މިސައިލް 800 ކިލޯމީޓަރަށް ދަތުރު ކުރުމަށް ފަހު، ވެއްޓުނީ ޖަޕާނާއި ކޮރެއާއާ ދެމެދުން ކަނޑުގެ ސަރަހައްދަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދެ ކޮރެއާ އިން އެއްފަހަރާ ބެލެސްޓިކް މިސައިލް އަޖުމަ ބެލުމަކީ ވަރަށް އާދަޔާ ހިލާފު ކަމެކެވެ. އަދި މިއީ އެ ސަރަހައްދުގައި ހަތިޔާރުގެ ވާދަވެރި ރޭހެއް އުފެދިފައިވާ ކަމުގެ ހެއްކެކެވެ.
އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އުތުރު ކޮރެއާގެ މިސައިލްތަކުން އެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންނަށް ވެސް އަދި އެމެރިކާގެ ބައިވެރިންނަށް ވެސް ނުރައްކަލެއް ނެތް ކަމަށެވެ.