ޒުވާން ގައުމީ ޓީމަށް ކޯޗުން ހޯދަން ވީއޭއެމް އިން ހުޅުވާލައިފި
ޒުވާން ގައުމީ ޓީމަށް ކޯޗުން ހޯދަން ވީއޭއެމް އިން ހުޅުވާލައިފި

ރާއްޖޭގެ ޖޫނިއާ ގައުމީ ވޮލީބޯޅަ ޓީމުތަކަށް ކޯޗުން ހޯދަން، ވީއޭއެމުން ހުޅުވާލައިފި އެވެ.

ވީއޭއެމް އިން ބުނީ ކޯޗުން ބޭނުންވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމަށެވެ. އެ ޓީމަށް ހެޑް ކޯޗަކާއި ދެ އެސިސްޓެންޓް ކޯޗުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.

އެ އެސޯސިއޭޝަނުން ނެރެފައިވާ އިއުލާނުގައި ބުނެފައި ވަނީ އަންނަ އަހަރު ބާއްވާ މުބާރާތްތަކުގައި ވާދަކުރާ ޒުވާން ޓީމަށް އެފްއައިވީބީ ކޯޗިން ލެވަލް 1 ސެޓްފިކެޓް ހާސިލުކޮށްފައިވާ ކޯޗުން ބޭނުންވާ ކަމަށެވެ. އެ މަގާމުތަކަށް ކުރިމަތިލާ ކޯޗުންނަކީ ވީއޭއެމްގައި ރަޖިސްޓްރީ ކޮށްފައިވާ ކޯޗުންގެ ތެރެއިން މިދިޔަ ފަސް އަހަރު ވޮލީގައި ހަރަކާތްތެރިވެފައިވާ ކޯޗުންނަށް ވާންޖެހޭނެ ކަމަށް ވީއޭއެމުން ބުންޏެވެ.

އެ މަގާމަށް ހަމަޖައްސާ ކޯޗުންގެ މުސާރަ ކަނޑައަޅާނީ ދެފަރާތް އެއްބަސްވާ ގޮތަކަށެވެ.

ޒުވާން ގައުމީ ޓީމަށް ވުރެ ކުރިން ސީނިއާ އަންހެން ޓީމަށް ސެންޓްރަލް ޒޯން މުބާރާތް އެބައޮތެވެ. އެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ވެސް ރާއްޖޭގަ އެވެ. އަންހެން ޓީމަށް އެންމެ ފަހު އިރުޝާދު ދީފައި ވަނީ މުހައްމަދު އަދީލް (ބޭބެ) އެވެ.