01 ޑިސެމްބަރ 2016 - 16:43

ކުރީގެ ނަސަންދުރަ ޕެލަސް ހޮޓެލް ހުރި ބިމުގައި ޓޫރިސްޓު ހޮޓަލަކާ އެކު ތަރައްގީ ކުރާ އެޕާޓްމަންޓްތައް ގަތުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގެ އެންމެ ޒަމާންވީ ޓޫރިސްޓް ހޮޓާ ކަމަށްވާ ނަސަންދުރަ ހުރި ބިން ސަރުކާރުން ވަނީ މިދިޔަ އަހަރު އިތުރު ބިމަކާ އެކު 50 އަހަރަށް ކުއްޔަށް ދީފަ އެވެ. ވިހި ބުރި އަށް ހަދާ އެ ތަނުގައި ޓޫރިސްޓް ހޮޓަލެއްގެ އިތުރުން، ވިއްކާ އެޕާޓްމަންޓުތަކެއް ވެސް ތަރައްގީ ކުރާނެ އެވެ.

އިއްޔެ ލޯންޗުކުރި ނަސަންދުރައިގެ އާ ވެބްސައިޓުގައިވާ ގޮތުން ރާއްޖޭގެ އެންމެ އުސް ރެސިޑެންޝަލް އިމާރާތުގައި ތަފާތު 13 ވައްތަރެއްގެ 118 އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރިން ފެށިގެން ހަތަރު ކޮޓަރިއާ ދެމެދުގެ އެޕާޓްމަންޓުތަކާއި ޕެންޓްހައުސްތައް ވެސް ހުންނަ އިރު، މާލޭގައި އާއްމުކޮށް ހަދާ އެޕާޓްމަންޓުތަކަށް ވުރެ މި ހުރިހާ ތަނެއް ވެސް ބޮޑުވެފައި ޖާގަ ތަނަވަހެވެ. އެ ގޮތުން، ބައެއް އެޕާޓްމަންޓުތައް ހަދާފައި ވަނީ ދެ ބުރި އަށް ވާ ގޮތަށެވެ. އަދި ބައެއް ތަންތަން 3،000 އަކަފޫޓަށް ވުރެ ވެސް ބޮޑުވާނެ އެވެ.

އެންމެ މަތީ ފަންތީގެ މި އެޕާޓްމަންޓުތައް އެންމެ ޒަމާނީ ފެންވަރަށް، އެންމެ ފަހުގެ އާލާތްތަކާއި އެންމެ ފެންވަރު ރަނގަޅު ފަރުނީޗަރާ އެކު ތަރައްގީ ކުރާ އިރު، އެޕާޓްމަންޓުތަކުގައި އުޅޭ މީހުންނަށް އެ ތަނުގައި ހިމެނޭ ހޮޓަލުގެ ވަސީލަތްތައް ބޭނުންކުރެވޭނެ އެވެ. އޭގެ ތެރޭގައި ސްވިމިން ޕޫލާއި ޖިމް އަދި ސެލޫން ފަދަ ތަންތަން ހިމެނޭ އިރު، ޝޮޕިން މޯލެއް ވެސް އެ ތަނުގެ ތެރޭގައި ހުންނާނެ އެވެ.
ޗައިނާގެ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ހަދާ ނަސަންދުރަ އިން އެޕާޓްމަންޓް ވިއްކާ އަގުތައް އަދި އާއްމެއް ނުކުރެ އެވެ. އެކަމަކު، 3338866 އަށް ގުޅައިގެން އެޕާޓްމަންޓް ބުކް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ނަސަންދުރަ ހުރި ތަން ސަރުކާރުން މިދިޔަ އަހަރު ދިނީ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ ހިއްސާ އޮންނަ އެންޕީއެޗް އިންވެސްޓްމަންޓްސް އަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލަ ފެންމަތިވުމުން، އޮޑިޓަ ޖެނެރަލް ވަނީ ނަސަންދުރަ ދިން ގޮތާ މެދު ވެސް ސުވާލު އުފައްދަވައިފަ އެވެ. ސަރުކާރަށް އެއްވެސް ފައިސާއެއް ނުދައްކައި އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނަންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިން އިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފުސީލެއް ހިމަނާފައި ނުވާތީ، އެއްބަސްވުމާ މެދު ގޮތެއް ނިންމަން އޮޑިޓަ ޖެނެރަލް ވަނީ ސަރުކާރަށް ލަފާ ދެއްވައިފަ އެވެ.
އެކަމަކު، ނަސަންދުރައިގެ މަސައްކަތް ފަށައިގެން މިހާރު ވަރަށް ބާރަށް ކުރިއަށް ދާއިރު ވެސް، ސަރުކާރުން ވަކި ގޮތެއް ނިންމި ކަމެއް ނޭނގެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޮޑިޓަ ޖެނެރަލް ތައްޔާރުކުރެއްވި ހާއްސަ އޮޑިިޓްގައި ބުނެފައިވާ ގޮތުގައި ކުރިން އޮތް ނަސަންދުރައިގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ޖެނުއަރީ 27، 2015 ގައި ބާތިލްކޮށް، ހަމަ އެ ދުވަހު ނަސަންދުރައިގެ ބިމާއި އެތަނާ ޖެހިގެން ކުރިން އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިން ވެސް އެމްއެމްޕީއާރުސީ އަށް ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރި އެވެ.
އޭގެ ފަހުން އެ ދެ ބިން ކުއްޔަަށް ދިނީ، އޮޑިޓް ރިޕޯޓުގައި ނަން ޖަހާފައި ނުވިޔަސް، އެންޕީއެޗަށް ކަމަށް ބެލެވެ އެވެ.
ސްރީ ލަންކާގެ އޮންލައިން ނޫހަކުން ކުރިން ޝާއިއުކުރި ހަބަރަކުން އެނގޭ ގޮތުން، ނަސަންދުރަ ހުރި ބިމުގައި 150 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލަކާއި 100 އެޕާޓްމަންޓް ތަރައްގީކުރަން ލަންކާގެ ބްރައުންސް ހޮޓެލްސް އެންޑް ރިސޯޓްސްއާ އެކު އެންޕީއެޗުން ވަނީ ސޮއިކޮށްފަ އެވެ. އެންޕީއެޗުގެ އިތުރުން މި އިންވެސްޓްމަންޓްގައި، މަނިކުގެ ހިއްސާ އޮންނަ އެހެން ކުންފުންޏެއް ކަމަށްވާ އަލްފާ ކިނަމް ހޯލްޑިން ވެސް ބައިވެރިވެ އެވެ.