01 ޑިސެމްބަރ 2016 - 14:14

މއ. ކަފިދޫގޭގައި ހުރި ބްރަދަހުޑްގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނާ ކައިރީގައި ހުރި އެމްއެސް ކާޕެންޓްރީއަށް ލިބުނު ގެއްލުން 18 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.

މިދިއަ ހޯމަދުވަހު ހިނގި އަލިފާނުގެ އެ ބޮޑު ހާދިސާގަައި އެ ވަޑާންގޭގެ އިތުރުން ދެ ގެއަކަށް އަސަރު ކުރި އެވެ. އޭގެ ތެރޭގައި ގުދަނުގެ ބިއްދޮށުގައި އަލަށް ހަދާ ނިމިފައިވާ 10 ބުރީގެ އިމާރާތެއް ވެސް ހިމެނެ އެވެ.

ސަރުކާރާއި އަމިއްލަ ބައެއް މަޝްރޫއުތައް ހިންގަމުން އަންނަ އެމްއެސް ކާޕެންޓްރީގެ އިސް ބޭފުޅަކު ވިދާޅުވީ މުވައްޒަފުން ދިރިއުޅޭ ތަނާއި ބޮޑެތި މެޝިންތައް ބަހައްޓާފައި ހުރި ގުދަނާއި އޮފީސް މަސައްކަތަށް ހާއްސަކޮށްފައިވާ ތިން ބުރި ވެސް އެއްކޮށް އަނދާފައިވާ ކަމަށެވެ.

"ވަރަށް ބޮޑު ގެއްލުމެއް މި ލިބުނީ،" އޭނާ ވިދާޅުވި އެވެ.
"އިމާރާތް ބޭނުންްނުކުރެވޭ ވަރަށް ހުލިވެފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
އިމާރާތް އެނދުމުން މުުހިއްމު ލިޔެކިޔުންތަކާއި އުޅަނދުތަކުގެ ރަޖިސްޓްރީ އަދި އެކި ފަރާތްތަކުން ދީފައިވާ ސެޓްފިކެޓްތައް ވެސް ވަނީ ހުލިވެފަ އެވެ.
ކުންފުނިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށް ބޮޑެތި ދަތިތަކެއް އެރިޔަސް ހުއްޓާނުލާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެމްއެސް ކާޕެންޓްރީން ވަނީ ހުޅުލޭ ވީއައިޕީ ފާލަމާއި ބައެއް ބޭންކުތަކާއި އައިޖީއެމްއެޗް ޑައިލަސިސް ސެންޓަރުގެ އެތެރޭގެ މަސައްކަތްކޮށްފަ އެވެ. އެ ކުންފުނިން މިހާރު އަންނަނީ ދެކުނު ހާބަރުގައި ތަރައްގީކުރާ ފުޑް ކޯޓުތަކުގެ ބައެއް މަސައްކަތްތައް ވެސް ކުރަމުންނެވެ.
ވަޑާމުގެ މަސައްކަތް ކުރަމުން އަންނަތާ 38 އަހަރު ވެފައިވާ އެމްއެސް ކާޕެންޓްރީއަށް، ސަރުކާރުން ވަނީ 2007 ގައި އެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ދީފަ އެވެ.