ސަލްމާންގެ "ކަބީ އީދު ކަބީ ދިވާލީ" ހުއްޓާލި ވާހަކަ ދޮގުކޮށްފި
ސަލްމާންގެ "ކަބީ އީދު ކަބީ ދިވާލީ" ހުއްޓާލި ވާހަކަ ދޮގުކޮށްފި

ސަލްމާންގެ އެންމެ ފަހުގެ ފިލްމު "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" އަށް އުންމީދުކުރި ވަރުގެ ތަރުހީބެއް ލިބިފައި ނުވާތީ އޭނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރެއިން "ކަބީ އީދު ކަބީ ދިވާލީ" ނުހަދަން ނިންމައި، އޭގެ މަސައްކަތް ހުއްޓައިލި ކަމަށް ބައެއް މީޑިއާތަކުން ފެތުރި ވާހަކަތައް އެ ފިލްމުގެ ސްޓޫޑިއޯ ނަދިއަދުވާލާ ގްރޭންޑްސަން އިން ދޮގުކޮށްފި އެވެ.

ނަދިއަދުވާލާ ގްރޭންޑްސަން އިން ކުރި ޓްވީޓެއްގައި ބުނީ ފިލްމު ހުއްޓާލި ވާހަކަ އަކީ ދޮގެއް ކަމަށެވެ. އެ ސްޓޫޑިއޯ އިން އެ ވާހަކަ ހޭޝްޓެގްތަކާ އެކު ސިފަކުރީ "ފޭކް ނިއުސް" އާއި "އެމްބަރަސިން ޖާނަލިޒަމް" ގެ ގޮތުގަ އެވެ.

"ފިލްމުގެ ސެޓް ވަނީ ހަދާ ނިމިފައި. ލަވަތައް ވެސް ރެކޯޑްކޮށް ނިންމައިފި. [އެހެންވީމާ] ދެ މަހެއްގެ ތެރޭގައި ފިލްމުގެ ޝޫޓިން ފެށޭނެ،" ނަދިއަދުވާލާ ގްރޭންޑްސަން އިން ބުންޏެވެ.

އެ ސްޓޫޑިއޯ އަކީ ސަލްމާންގެ ގާތް އެކުވެރިޔާ އަދި އޭނާ ކުޅުނު ބައެއް ފިލްމުތަކުގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ކުންފުންޏެކެވެ. ސަލްމާނާ އެކު 2014 ގެ "ކިކް" އިން ޑައިރެކްޝަނަށް ވެސް ނުކުތް ސާޖިދުގެ "ކަބީ އީދު ކަބީ ދިވާލީ" އަކީ ފަރުހާދު ސަމްޖީ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު އިއުލާންކުރީ 2019 ގަ އެވެ. އޭރު ފިލްމު އިއުލާންކުރީ މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރާ ގޮތަށެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ފިލްމުގެ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ.

ފިލްމުގެ ބަތަލާއަކަށް ޕޫޖާ ހެގްޅޭ ނަގާފައިވާ އިރު، ކާސްޓްގައި ސަލްމާންގެ ޅިޔަނު އާޔޫޝް ޝަރުމާ އާއި ސަލްމާން ޕްރޮޑިއުސްކޮށް 2019 ގައި ނެރުނު "ނޯޓްބުކް" އިން ތައާރަފުކުރި އެކްޓަރު ޒަހީރު އިގްބާލް ވެސް ހިމެނެ އެވެ.

ދާދި ފަހުން ބައެއް މީޑިއާތަކުން ބުނީ "ކަބީ އީދު ކަބީ ދިވާލީ" ގެ ނަން މިހާރު "ބައިޖާން" އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު އެކަން އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

ސަލްމާން މިހާރު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޓައިގާ 3" ގެ މަސައްކަތްކުރަމުން އަންނަ އިރު، މި ހަފުތާފައި އެ ފިލްމުގެ ތުރުކީ ޝެޑިއުލް ވެސް ވަނީ ނިންމާލައިފަ އެވެ. ދެން ކާސްޓާއި ކްރޫ ދާ ގޮތަށް އޮތީ އޮސްޓްރިއާށެވެ.

އެންމެ އަވަހަށް ދެން ރިލިޒްވާން އޮތް ސަލްމާންގެ ފިލްމަކީ މިހާރު ޕްރޮމޯޓްކުރަން ފަށާފައިވާ "އަންތިމް: ދަ ފައިނަލް ޓުރުތު" އެވެ. ބައެއް މީޑިއާތަކުން ބުނި އެ ފިލްމު އަންނަ މަހުގެ 15 ގައި ރިލީޒްކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.