15 ސެޕްޓެމްބަރ 2021 - 11:08

ބާން، ސްވިޒަލެންޑް (ސެޕްޓެމްބަރު 15) - މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ސްވިޒަލެންޑްގެ ޔަންގް ބޯއީސް އަތުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ޖެސީ ލިންގާޑް ބޮލަށް ނުޖެހޭނެ ކަމަށް ޔުނައިޓެޑްގެ ކެޕްޓަށް ހެރީ މެގުއާ ބުނެފި އެވެ.
މެޗުގެ އެންމެ ފަހު މިނެޓުގައި ޔަންގު ބޯއީސް މޮޅުކޮށްދިން ލަނޑު ޖެހީ ޖޯޑަން ސީބާޗޫ އެވެ. އޭނާ ލަނޑު ޖެހީ ލިންގާޑަށް ހެދުނު ބޮޑު ގޯހަކުންނެވެ. ލިންގާޑް މަސައްކަތް ކުރީ ބޯޅަ ފަހަތަށް ދޭށެވެ. ނަމަވެސް ބަޅަ ލިބުނީ އެމެރިކާގެ ފޯވަޑް ސީބާޗޫ އަށެވެ. ލިންގާޑު ފަހަތަށް ޖައްސާލި ބޯޅަ ޑިފެންޑަރުންނަށް ވުރެ ކުރިން ސީބާޗޫ ހޯދާ ވަނީ ޔުނައިޓެޑުގެ ސަޕޯޓަރުންގެ ހިތް މަރާލައިފަ އެވެ.
މެޗަށް ފަހު މެގްއާ ވަނީ ލިންގާޑްގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ އެއްވެސް ކުޅުންތެރިޔަކު މިސްޓޭކު ހަދަން ބޭނުން ނުވާނެ ކަމަށާއި ނަމަވެސް އެއީ ފުޓްބޯޅައިގެ ބައެއް ކަމަށެވެ.
"އަހަރެމެންނަކީ އިންސާނުން ކޮންމެ ފުޓްބޯޅަ ކުޅުންތެރިޔަކަށް ވެސް މިސްޓޭކު ހެދޭނެ. އެކަންކަމުން އަހަރެމެން ކަންކަން ދަސްކުރަނީ. ޖެސީ (ލިންގާޑް) ވެސް އެކަމުން ކަންކަން ދަސް ކުރާނެ،" މެގްއާ ބުންޏެވެ. "އޭނާ އަމިއްލަ އަށް އެ ހާލަތުން އަރައިގަންނާނެ. އަދި އޭނާ ހުންނާނީ އާދިއްތަ ދުވަހުގެ މެޗަށް ތައްޔާރަށް."
މެޗުގައި ފުރަތަމަ ލީޑު ނެގީ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ ލަނޑު ޖެހީ ބުރުނޯ ފެނާންޑޭޒް ތަނަވަސްކޮށް ދިން ފުރުސަތުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން 10 މިނެޓަށްވެފައި ވަނިކޮކޮށް ޔުނައިޓެޑުގެ އާރޮން ވެން ބިސާކާ އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. މެޗުގެ 66 ވަނަ މިނެޓުގައި ނިކޮލަސް އެންގަމަލޫ ވަނީ ޔަންގު ބޯއީސް އަށް ނަތީޖާ ހަމަހަމަކޮށް ދީފަ އެވެ.
މެޗު އެއްވަރު ކުރި ފަހުން ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ރޮނާލްޑޯ އާއި ފެނާންޑޭޒް ބަދަލު ކޮށްފަ އެވެ. ރޮނާލްޑޯގެ ބަދަލުގައި ކުޅެން ނުކުތީ ލިންގާޑް އަދި ފެނާންޑޭޒްގެ ބަދަލުގައި ކުޅެން ނުކުތީ މަޓިޗެވެ.
ސޯލްޝެއާ ބުނީ މަޓިޗު އާއި ލިންގާޑް ކުޅެން ނެރުނީ އެ ދެ ކުޅުންތެރިން މެޗަށް މުހިންމު ވާތީ ކަމަށެވެ.
"މެޗުން 70 މިނެޓު ކުޅެވިފައި އޮތީ. އެ ދެ ކުޅުންތެރިން (ރޮނާލްޑޯ އާއި ފެނާންޑޭޒް) ހޮނިހިރު ދުވަހާއި މިއަދު ވެސް ވަރަށް ގިނަ ވަގުތު ދަނޑުގައި ދުވަން ޖެހުނު، އަދި އަހަރެމެން މި ކުޅުނީ އާޓިފިޝަލް ޓާފެއްގައި އެހެންވީމަ ބަދަލެއް ބޭނުންވޭ. ނެމެންޔާ (މަޓިޗް) ގެ ތަޖުރިބާ އަދި ޖެސީގެ ފައިގެ ވަރުގަދަކަން އަހަރެމެންނަށް މުހިންމު."