15 ސެޕްޓެމްބަރ 2021 - 11:34

ގަދަ ވަޔާ އެކު ހެނދުނު އައި ކޮޅިގަނޑެއްގައި ދަތުރުފަތުރަށް ބުރޫ އަރައިފި އެވެ.

ފަތިހުން ފެށިގެން ބަނަކޮށް އޮތުމަށް ފަހު ހެނދުނު 8 ޖެހި ފަހުން ވާރޭ ވެހެން ފެށީ ގިނަ ބަޔަކު އޮފީސްތަކަށް ދިޔަ ވަގުތު އެވެ. ބޯކޮށް ވާރޭ ވެހެން ފެށިއިރު އައި ގަދަ ވައިގެ ސަބަބުން ސައިކަލް ނުދުއްވިގެން ހުއްޓި ވެސް ތިބެން ޖެހުނެވެ. އެ ވަގުތު ސިނަމާލެ ބްރިޖްގައި ސައިކަލުގައި ދިޔަ މީހުން ވެސް ނުދުއްވިގެން ސައިކަލް މަޑުކޮށްގެން ތިއްބެވެ. ބައެއް ތަންތަނުގައި ޕާކުކޮށްފައި ހުރި ސައިކަލްތައް ގަދަ ވަޔާ އެކު ވެއްޓުނެވެ.

ކޮޅިގަނޑު އައި ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބައެއް ފްލައިޓްތަކަށް ނުޖެއްސިގެން ޑައިވާޓްކުރަން ޖެހުނުކަން ފްލައިޓް ރާޑާގެ މައުލޫމާތުން އެނގެ އެވެ. އަދި ބައެއް ފްލައިޓްތަކަށް ނުޖެއްސިގެން ވައިގެ ތެރޭ އެތައް އިރަކު ދަތުރުކުރަން ވެސް ޖެހުނެވެ.

ގަދަ ވައިގެ ސަބަބުން ބައެއް ގަސްތައް ވެއްޓި އެކި ވަރުގެ ގެއްލުންތައް ވެސް ވަނީ ވެފަ އެވެ.
މެޓް އޮފީހުން ބުނީ މި ވިއްސާރަ އަކީ ދިގުލައިގެންދާނެ ވިއްސާރައެއް ނޫން ކަމަށާއި ވިއްސާރަ ކުރާނީ މިރެއާ ހަމައަށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ޔެލޯ އެލާޓު ނެރެފަ އެވެ. އެ އޮފީހުން ބުނި ގޮތުގައި މިއަދު ބޯކޮށް ވާރޭވުހުމާ އެކު ގުގުރުން ވެސް އެކަށީގެންވެ އެވެ.
މެޓްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއަދު ކުރަމުންދާ ވިއްސާރައަކީ މި ސަރަހައްދުގައި ކޮޅިގަނޑެއް އުފެދިގެން އުޅޭތީ ކުރާ ވިއްސާރައެއް ނޫނެވެ. އޭނާ ލަފާ ކުރެއްވި ގޮތުގައި މިރޭ ވިއްސާރަ އަލިވާނެ އެވެ. އަދި މާދަމާ މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެއްވި އެވެ.
"މި ސަރަހައްދުގައި ކޮޅިގަނޑެއް އެއްޗެއް އޮވެގެނެއް ނޫން ވިއްސާރަކުރަނީ. މިއީ މާ ދިގުދެމިގެންދާނެ ވިއްސާރައެއް ނޫން. މިރެއާ ހަމަައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވެނީ،"
އޭނާ ވިދާޅުވި ގޮތުގައި ވައި ވެސް އާދައާ ހިލާފަށް ގަދައެއް ނޫނެވެ. ވައި ހުރީ އަށް މޭލާއި އަށާރަ މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށާއި އެއީ އެވްރެޖު ބާރުމިނެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވިދާޅުވި އެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް މަގުތައް ފެންބޮޑުވެ، ބައެއް ތަންތަނަށް ވަނީ ގެއްލުންވެފަ
އެވެ. އަދި ކަނޑުދަތުރުފަތުރު ކުރުމަށް ދަތިވާ ވަރަށް ކަނޑު ވެސް ގަދަ އެވެ.
ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ނެރުނު ޔެލޯ އެލާޓުގެ މުއްދަތަކީ ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:00 އަށެވެ. ޔެލޯ އެލާޓް ނެރެފައިވާ ނަމަ ކަނޑުދަތުރުކުރާއިރު ސަމާލުވާން މެޓް އޮފީހުން އަބަދުވެސް އިލްތިމާސްކުރެ އެވެ.