ސްޓެލްކޯގެ އިންޖީނުތަކުން އުނދަގޫވާ މައްސަލަ ހައްލުކުރަން ހަތް ހުށަހެޅުމެއްް
ސްޓެލްކޯގެ އިންޖީނުތަކުން އުނދަގޫވާ މައްސަލަ ހައްލުކުރަން ހަތް ހުށަހެޅުމެއްް

ސްޓެލްކޯ ހުންނަ ސަރަައްދުގައި ދިރިއުޅޭ މީހުންނަށް އެ ކުންފުނީގެ އިންޖީނުތަކުގެ ސަބަބުން ވާ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ޕޮލިސީ ލެވެލެއްގައި ވިސްނުމަށް ގޮވާލައި، ހަތް ރިކޮމެންޑޭޝަނަކާ އެކު ރައްޔިތުން މަޖިލީހުގެ ކޮމިޓީއަކުން މިއަދު ރިޕޯޓެއް ފާސްކޮށްފި އެވެ.

ސްޓެލްކޯގެ އިންޖީނުތަކުން އިވޭ އަޑާއި ނުކުންނަ ދުމާއި އަދި ވައިބްރޭޝަންތަކުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނަށް ގެއްލުންވަމުންދާ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް އެވެ. އޭނާގެ އެ ގަރާރެއް ހުށަހެޅެއްވުމުން އެ މައްސަލަ ބަލައިފައި ވަނީ ތިމާވެއްޓާ ބެހޭ ކޮމެޓީ އާއި އެސްއޯއީ ކޮމެޓީ ގުޅިގެން އުފެއްދި ސަބް-ކޮމެޓީއަކުންނެވެ.

މި ސަބް-ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށް ފަހު، ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ ސަރުކާރަށް ހަތް ރިކޮމެންޑޭޝަނެއް ހުށަހަޅަން ފާސްކޮށްފަ އެވެ. ނަމަވެސް ސަބް ކޮމިޓީގެ ނިންމުން އެސްއޯއީ ކޮމިޓީ އަށް ގެންގޮސް އެއާ މެދު އަދި ގޮތެއް ނިންމަން ޖެހޭނެ އެވެ. މަޖިލީހުގެ ތަޅުމުން އެ ކަންކަން ފާސްކުރާނީ އެސްއޯއީ ކޮމިޓީން ތައްޔާރުކުރާ ރިޕޯޓަށް ރިއާޔަތް ކޮށެވެ.

1. އިންޖީނުތައް ސައުންޑް ޕްރޫފް ކުރުމާއި ވައިބްރޭޝަން ކުޑަކުރާ ސިސްޓަމެއް ހަރުކޮށް، 31 ޑިސެމްބަރުގެ ކުރިން ދުންހޮޅިތައް އުސްކުރަން އެންގުން. އަދި މި ރިޕޯޓް މަޖިލީހުން ފާސްކުރާތާ 45 ދުވަހުގެ ތެރޭގައި ބެކަޕް ޕަވާ ހައުސްތައް އަޕްގުރޭޑް ކުރާނެ ގޮތުގެ ޕްލޭނާއި ޓެންޓޭޓީވް ޝެޑިއުލެއް ސްޓެލްކޯ އިން އެކުލަވައިލާ އެސްއޯއީ ކޮމިޓީ އަށް ފޮނުވުން.

2. މި މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ޕޮލިސީ ލެވެލެއްގައި ގޮތްތަކެއް ނިންމުމަށް އެންގުން.

3. އިންޖީނުގެ ހިންގުމާ ގުޅޭ މިންގަނޑުތަކަށް، އަޑު އަދި ވައިބްރޭޝަން ހިމެނޭ ގޮތަށް އިންޖީނުގެ ހިންގާތޯ ގަވާއިދުން މޮނިޓާކުރުމަށާއި ވައިގެ ކޮލިޓީ އާއި ވައިބްރޭޝަންގެ އަސަރު ދެނެގަނެވޭނެ ލެބް އިކުއިޕްމަންޓާއި ތަމްރީނު ލިބިފައިވާ މުވައްޒަފުންނާއި ވަސީލަތްތައް ބިނާކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަށް އެންގުން.

4. މުސްތަގުބަލުގައި މާލެ އަށް ކަރަންޓު ދޭން ރާވާފައި ވަނީ ތިލަފުއްޓާއި ހުޅުމާލެއިން ކަމަށް ވާތީ، އެކަން ކުރުމަށް ކަނޑައެޅިފައިވާ ސުންގަނޑިތަކަށް އެ މަސައްކަތް ނިންމުން އަވަސްކުރަން ކަމާބެހޭ އިދާރާތަކަށް އެންގުން.

5. ސްޓެލްކޯގެ ގޯތިތެރޭގައި ހުރި ތެޔޮ ތާންގީތަކުން ނުރައްކާތެރި ހާދިސާއެއް ދިމާނުވާނެ ކަން ކަށަވަރުކުރުމާއި ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލަން އެންގުން.

6. ސްޓެލްކޯއިން ބަންދުކޮށްފައިވާ މަގުތައް އާންމުނަށް ހުޅުވާލަން އެންގުން.

7. އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދަން މިންވަރު އިތުރު ކުރަން ސްޓެލްކޯ އަށް އެންގުން

ސްޓެލްކޯގެ ޖަނެރޭޓަރުތަކާ ހެދި، އެ ސަރަަހައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވާ ވާހަކަ އާއި ސިއްހީ މައްސަލަތަކުގެ ވާހަކަ ދައްކާތާ އެތައް އަހަރެއްވި ނަމަވެސް، މިއީ ވެސް މާލޭގައި ހައްލު ނުުކުރެވޭ ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެއް ކަންތަކެވެ.

މި މައްސަލަ ހައްލުކޮށްދެއްވުމަށް އެދި މިދިޔަ ޖޫން މަހު މެމްބަރު މީކާއިލް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރުން އަވަސްކުރުމަށާއި އެ މަސައްކަތް ނިމެންދެން ވަގުތީ ހައްލެއް ވިޔަސް ހޯދައިދެއްވުމަށެވެ. އެ ސަރަހައްދުގެ ޖައްވުގައި އަބަދު ތެޔޮ ވަސް ހިފާފައި ހުރުމާއި ދުމުގެ ސަބަބުން ވައި ނުސާފުވުމަކީ ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި އޭގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގެ ލިސްޓެއް ވެސް ހުށަހެޅުއްވި އެވެ.

މި މައްސަލަތަކާ ގުޅިގެން ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ސްޓެލްކޯގެ އިސްވެރިން ވެސް ކޮމިޓީ އަށް ހާޒިރުކޮށް، ކަންކަން ސާފުކުރި އެވެ.