01 ޑިސެމްބަރ 2016 - 13:39

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ހުންނެވީ ގާނޫނާ ހިލާފުވެވަޑައިގެން ކަމަށާއި ނަމަވެސް ގާނޫނު އަރާ ހަމަކުރާނެ ދުވަހެއް އަންނާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އާއިލާއިން މިއަދު ބުނެފި އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުއްވި ކަމުގެ ކުށުގައި ޖަލަށް ހުކުމްކޮށްފައިވާ ނާޒިމްގެ މައްސަލަ ބަލައި ދިނުމަށް އެދި ނާޒިމްގެ ފަރާތުން ޕީޖީއަށް މިއަދު ވަނީ ސިޓީއެއް ހުށަހަޅުއްވައިފަ އެވެ.
ޕީޖީ އޮފީހުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ބައްދަލުކުރައްވައި ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވީ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފުވެއްޖެ ނަމަ، އެ ބޭފުޅުންނާ ދޭތެރޭގައި ފިޔަވަޅު އެޅޭނެ ދުވަހެއް އަންނާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނާ ހިލާފަށް ކަންކަން ކުރެއްވި ހުރިހާ ބޭފުޅުންނާ ދެކޮޅަށް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރާ ފުރަތަމަ ދުވަހުން ފެށިގެން ދައުވާ އުފުލާނެ އެވެ.
"ޕީޖީ ގަބޫލު ކުރައްވަން ޖެހޭނެ ރައީސް ޔާމީން ސަރުކާރު އަބަދު ދެމި ނޯންނާނެ ކަން. ރައީސް ޔާމީންގެ ސަރުކާރު ނިމޭނެ ދުވަސް ކައިރީގައިވާ ކަން ގަބޫލު ކުރައްވަން ޖެހޭނެ. ނާޒިމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުނުވެ، ޕީޖީ އެ ހުންނަވަނީ ގާނޫނާ ހިލާފަށް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވިދާޅުވި ގޮތުގައި ނާޒިމަށް އިންސާފު ނުލިބިދާ ކޮންމެ ދުވަހެއްގެ ޒިންމާ ޕީޖީ ނަންގަވަން ޖެހޭނެ އެވެ.
މި މައްސަލާގައި ޕީޖީ ހަނު ނުހުންނަވައި، މަސްއޫލިއްޔަތުތައް އަދާކޮށް ނާޒިމަށް އިންސާފު ހޯދައިދޭން އޭނާ ގޮވާލެއްވި އެވެ. އަދި ގާނޫނުއަސާސީ ދެމެހެއްޓުމާއި ނެގެހެއްޓުމުގެ ޒިންމާ އާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަކީ ޕީޖީ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ހުސެން ފާހަގަކުރެއްވި ގޮތުގައި ފުލުހުންގެ ފޮރެންސިކް ރިޕޯޓުން ނާޒިމްގެ ކޮޓަރީގައި އޮތް ފިސްތޯލައިން ފެނުނު ޑީއެންއޭ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭއާ ދިމާވިކަން އެނގުމާ އެކު، ނާޒިމް ވީހާވެސް އަވަހަކަށް މިނިވަން ކުރަން ޖެހޭނެ އެވެ.
ކޯޓުތަކުން ކޮންމެ ގޮތަކަށް ހުކުމް ކުރިޔަސް، ފުލުހުންނަށް ލިބުނު ހެކިތަކުން އެޕާޓްމަންޓުން ފެނުނު ފިސްތޯލައަކީ ނާޒިމްގެ އެއްޗެއް ނޫން ކަން ޔަގީންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖިނާއީ މައްސަލަތައް ސާބިތު ކުރަން ޖެހޭނީ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ބެލުމަށް ފަހު. ފިސްތޯލައަކީ ނާޒިމް އެއްޗެއް ނޫންކަން ސާބިތުވުމުން ޕީޖީ ކުރައްވަން ޖެހޭނެ ކަމަކީ ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވަންވީ މި މައްސަލަ ބަލައިދޭން،" އަލީ ހުސެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް ހެދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި، އެ މީހަކު އަދާކުރަން ޖެހޭ ޒިންމާއެއް އަދާ ނުކުރުމަކީ ކުށެއް ކަމަށެވެ. އަދި ގާނޫނުއަސާސީން ޕީޖީއާ މަތިކޮށްފައިވާ ޒިންމާ އަދާ ނުކުރާ ނަމަ، އެއީ ކުށެއް ކަމަށާއި އެކަމާ ދެކޮޅަށް ދައުވާ ކުރެވޭނެ ދުވަހެއް އަންނާނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
ނާޒިމް މައްސަލަައިގެ ތިން މަރުހަލާ ވެސް މިހާރު ވަނީ ނިމިފަ އެވެ. އެކަމަކު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ފެނުނު މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ނުކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ސުޕްރީމް ކޯޓަކީ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާ ކަމަށް ވެފައި ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެކު އިސްތިއުނާފްގެ ހުރިހާ ދޮރެއް ނާޒިމަށް ބަންދުވީ އެވެ. އެ އަދަބުން ނާޒިމަށް ދެން ސަލާމަތްވެވޭނީ މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އޭނާ އަށް ރައީސުލްޖުމްހޫރިއްޔާ މައާފް ދެއްވުމުން ނުވަތަ އަދަބު ލުއިކޮށް ދެއްވުމުންނެވެ. ނުވަތަ މައްސަލަ އަލުން ބަލައި، އެ ކުށް ސާބިތުނުވެގެންނެވެ.