01 ޑިސެމްބަރ 2016 - 14:59

މަލިކުގައި ސިނާއަތެއްގެ ގޮތުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ މަޝްހޫރު ވެބްސައިޓެއް ކަމަށްވާ ޓްރެވަލް ޑެއިލީ އޭޝިއާ އިން އިއްޔެ ބުނި ގޮތުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް މަލިކުގެ ފަސް ރަށެއް ވަނީ ކަނޑައަޅައިފަ އެވެ. އެ ރަށްތައް ތަރައްގީ ކުރުމަށް ބޭނުންވާނެ ޕްލޭންތައް އެކުލަވައިލުމުގެ މަސައްކަތް އިންޑިއާގެ ޓޫރިޒަމް މިނިސްޓްރީ އާއި މަލިކުގެ އޮފިޝަލުން ގުޅިގެން ވަނީ ފަށާފައިވާ ކަމަށް ވެސް އެ ވެބްސައިޓުން ބުންޏެވެ.
"އެކަމާ ބެހޭ ގަވާއިދުތައް އެކުލަވައިލުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި،" މަލިކުގެ އޮފިޝަލަކާ ހަވާލާ ދީ ޓްރެވަލް ޑެއިލީ އޭޝިއާ އިން ބުންޏެވެ.
މި ޕްލޭންތަކުގެ ތެރޭގައި ހޮޓާތަކާއި އެ ނޫން ވެސް ޓޫރިޒަމަށް ބޭނުންވާނެ ވަސީލަތްތައް ތަރައްގީ ކުރުން ހިމެނެ އެވެ. އެ ގޮތުން، އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ ތިމާވެއްޓާ ރަށްޓެހި ހޮޓާތަކާއި ޑައިވިން ސެންޓަރުތަކާއި އެ ތަންތަނަށް އަންނަ ޓޫރިސްޓުންނަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރުމެވެ.
މަލިކުގެ ޓޫރިޒަމަށް އިންޑިއާ ސަރުކާރުން ހަރަދު ކުރުމުގެ އިތުރަށް، އަމިއްލަ އިންވެސްޓަރުން ހޯދުމަް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
މަލިކަށް މިހާރު ވެސް ކޮންމެވެސް ވަރަކަށް ޓޫރިސްޓުން ދެ އެވެ. އެކަމަކު، އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން އެ ތަނުގައި އަދި ސިނާއަތެއްގެ ގޮތުގައި ޓޫރިޒަމް ތަރައްގީއެއް ނުވެ އެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓޫރިޒަމް އިންޑަސްޓްރީ އޮތް ރާއްޖޭގެ އުތުރުން، ގާތްގަނޑަކަށް 130 ކިލޯމީޓަރު ދުރުގައި އޮންނަ މަލިކުގައި ޓޫރިޒަމް ތަރައްގީ ކުރަން އިންޑިއާ ސަރުކާރުން ނިންމިއިރު، އިންޑިއާގެ ބެލުމުގެ ދަށުގައި އޮންނަ އެހެން ޒަޒީރާއެއް ކަމަށްވާ އަންދަމަން އެންޑް ނިކޮބާ އައިލެންޑްސް ވެސް ވަނީ 2010 ގައި ޓޫރިޒަމަށް ހުޅުވާލައިފަ އެވެ.
ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކާއި އެ ޖަޒީރާގެ މީހުންނާއި ދިވެހިންނާ ވަރަށް އެއްގޮތެވެ. އާއްމުކޮށް ދިވެހިންނަށް މިހާރު މަލިކަށް ނުދެވުނަސް، މަލިކަށް ދިވެހިން ފޮނުވައިދިނުމުގެ ހިދުމަތް ދޭން އަމިއްލަ ކުންފުންޏަކުން ވަނީ ފަށައިފަ އެވެ. އަދި ރާއްޖެ އާއި މަލިކާ ދެމެދު ލޯންޗު ދަތުރުރައް ފަށަން ވެސް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.