14 ސެޕްޓެމްބަރ 2021 - 14:04

އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ސަޕޯޓަރުން ދަނޑަށް ވަދެވޭނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށާއި އެކަމާ ގުޅޭ ސިއްހީ ގައިޑްލައިނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ވިދާޅުވީ ކޮވިޑުގެ ހާލަތުގައި ކަމަށް ވުމުން ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ހެލްތު ގައިޑްލައިނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު ދަނޑަށް މީހުން ވެއްދުމުގައި ކޮވިޑް-19 ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވުން ގައިޑްލައިންގައި ހިމަނާފައި ވާނެ ކަމަށެވެ.
ދަނޑަށް ސަޕޯޓަރުން ވެއްދުމަށް އެފްއޭއެމުން ދަނީ، ގައުމީ ފުޓްބޯޅަ ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ދަނޑުގެ ދެކުނު ފަޅި އާއި އިރުމަތީ ފަޅި ބަންދުކުރިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ ދެފަޅި އަށް ވެސް ސަޕޯޓަރުން ވެއްދޭނެ ފެންވަރަށް މަރާމާތު ކުރުމަށް އެފްއޭއެމުން ދަނީ މަސައްކަތް ކުރަމުންނެވެ.
ސާފް ޗެމްޕިއަންޝިޕުގެ ކެމްޕޭން ލޯންޗު ކުރުމަށް ބޭއްވި ހަފުލާގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމަށް ސަޕޯޓަރުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.
ރާއްޖެ ކުޅޭ މެޗުތަކަށް ހާއްސަކޮށް ސަޕޯޓަރުންގެ ފޯރި އިތުރު ކުރުމަށް އެފްއޭއެމުން ވަނީ ހަރަކާތްތަކެއް ހިންގަން ރާވައިފަ އެވެ. "މިހާރު" އަށް އިއްޔެ ދެއްވި އިންޓަވިއުގައި ބައްސާމް ވިދާޅުވީ ސަޕޯޓަރުންގެ ދެ ކޮމިޔުނިޓީއަކާ އެކު އެފްއޭއެމުން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ގައުމީ ޓީމުގެ ސަޕޯޓާސް ގުރޫޕެއް އޮވޭ. ވަރަށް ގިނަ ރައްޔިތުންތަކެއް ހިމެނޭ. އަޅުގަނޑުމެން އެބޭފުޅުންނާ އެކުގައި ވެސް އިށީންދެ ޗާންޓްތަކާ ބޭނުން ކުރާނެ ގޮތުގެ ވާހަކަ ވެސް ހިއްސާ ކުރާނަން،" ބައްސާމް ވިދާޅުވި އެވެ.
"މީގެ ކުރިން ގައުމީ ޓީމު ކުޅުނު އެކި މެޗުތަކުގައި ވެސް ހުންނާނެ ދަނޑުގެ އެކި ސަރަހައްދުތަކަށް ސަޕޯޓަރުންގެ އެކި ލީޑާސް ލާފައި. އެ ލީޑަރުން އަންގާލާ ގޮތަކަށް މަސައްކަތް އެ ގުރޫޕެއްގެ ސަޕޯޓަރުންގެ މަސައްކަތް ފެށިގެންދާނެ."
ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމުގެ ތީމް އަކީ "މަގޭ މަހަލްދީބު" އެވެ. ގައުމީ ޓީމުގެ ޝިއާރަކީ "ތިން ވަނަ ފަހަރު.. މިއީ އެފަހަރު" އެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ދަނީ ގަތަރުގައި މިހާރު ޓްރޭނިން ހަދަމުންނެވެ. ޓީމު މާލެ އަންނާނީ މި މަހު 28 ގަ އެވެ.
- އޮކްޓޯބަރު 1: ރާއްޖެ - ނޭޕާލް
- އޮކްޓޯބަރު 7: ރާއްޖެ - ބަންގްލަދޭޝް
- އޮކްޓޯބަރު 10: ރާއްޖެ - ސްރީ ލަންކާ
- އޮކްޓޯބަރު 13: ރާއްޖެ- އިންޑިއާ
ސާފް ޗެމްޕިއަންޝޕުގައި ވާދަކުރަނީ ފަސް ޓީމެވެ. މުބާރާތް ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި ފަހަރުގެ މުބާރާތުގައި ބޫޓާން އާއި ޕާކިސްތާން ވާދައެއް ނުކުރާނެ އެވެ. މުބާރާތުގައި ވާދަނުކުރަން ބޫޓާން ނިންމީ އެ ގައުމުގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން ގައުމުން ބޭރަށް ފުރައިގެންދާން ފުޓުބޯޅަ ޓީމަށް ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާ ސަސްޕެންޝަނުގަ އެވެ.