21 ސެޕްޓެމްބަރ 2021 - 06:18

ވަރުބަލިވާން މެދުވެރިވާ ބައިވަރު ސަބަބުތައް ހުރެ އެވެ. އަބަދު އޮށޯވެ އޮތަސް ވަރުބަލިކަން ނުފިލާ ފަހަރު އާދެ އެވެ. މާ ގިނައިން ވަރުބަލިކަން އިހުސާސް ކުރެވޭ ނަމަ، ވަރުބަލިވާންޖެހޭ ސަބަބު ހޯދަންޖެހެ އެވެ.
މޫޑު ހުންނަ ގޮތަކުން ވަރުބަލި ވާނެ ހެއްޔެވެ؟ ނޫނީ ކަމަކާ ދެރަވުމުން ވަރުބަލި ވަނީ ހެއްޔެވެ؟ ނުވަތަ ވަރުބަލި ވެގެން ދެރަވަނީ ހެއްޔެވެ؟ މިއީ މުޅިން ވެސް ބުނެދޭން ނޭނގޭ ހާލަތްތަކެކެވެ. ސައިކޮލޮޖީ ޓުޑޭ ވެބްސައިޓުގައި ކިޔައިދީފައި ވަނީ ވަރުބަލިވާން މެދުވެރިވާ ބައެއް ކަންކަމެވެ.
މިކަންކަން ބޮޑަށް ކުރިމަތިވަނީ އަހަރެމެންނަށް ކެއިންބުއިމަށް ބޭނުންކުރެވޭ ބައެއް އެއްޗެހީގެ ސަބަބުންނެވެ. ހަށިގަނޑަށް ހަކަތަ ލިބެނީ ކާނާއިން ކަމަށް ވާތީ ޑައެޓުކުރި ނަމަވެސް، މާ ބޮޑަށް ސްޓްރިކްޓް ނުވާށެވެ.
ޑައެޓުގައި ކާބްސް ބޭނުން ކުރާ މިންވަރު އިތުރު ކޮށްލާށެވެ. ހެނދުނުގެ ސައި ނުބޮއެ ދޫކޮށްލާ ނަމަ ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ. އޭގެ ބަދަލުގައި އޯޓްސްމީލް އެއް ބޭނުން ކޮށްލުން ރަނގަޅުވާނެ އެވެ. އެއިން ހަށިގަނޑަށް ލިބެންވާ ގިނަ މާއްދާތަކެއް ލިބެ އެވެ. މެންދުރުގެ ކެއުމާ ހަމައަށް ވެސް ހަށިގަނޑުގައި ވަރު ހުންނާނެ އެވެ. ވަރުބަލިކަން އިހުސާސްވުން ކުޑަކޮށްދޭނެ އެވެ.
ކާބްސް ބޭނުން ކުރާއިރު ވެސް ޕޮޓޭޓޯ ޗިޕްސް، ޕާން ފަދަ ތަކެތި މާގިނައިން ބޭނުން ކުރުމުން ހަށިގަނޑު އިތުރަށް ވަރުބަލި ކޮށްލަ އެވެ. ޗިޕްސް ފަދަ ތަކެތި ހަކުރަށް ބަދަލުކޮށްލަ އެވެ. ކާ ވަގުތު ހަށިގަނޑުގައި ވަރު ޖެހުނު ކަމުގައި ވިއަސް ހަށިގަނޑު މަޑުމަޑުން ބަލިކޮށްލަ އެވެ.
ޖިމަށް ދާއިރު، ހެނދުނުގެ ސައި ނުބޮއެ ގޮސްގެން ހަށިގަނޑަށް ލިބޭނީ އިތުރު ގެއްލުމެކެވެ. އެއީ ހަށިގަނޑަށް ދެވޭ އަނިޔާއެކެވެ. އިތުރަށް ވަރުބަލި ކޮށްލަ އެވެ.
ޑައެޓު ކުރާއިރު، ދަގަނޑުގެ ބައި މާ ބޮޑަށް ދަށްކޮށްލުމުން ވެސް ވަރުބަލިވުމަށް މަގުފަހިވެ އެވެ. އަދި ލޭމަދުވުން ފަދަ ކަންކަން ކުރިމަތި ވާނެ އެވެ. މިހެން ދިމާވަނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ހިމޯގްލޮބިން ނުލިބުންނެވެ. ލޭމަދުވުމުން ހަށިގަނޑުގައި އުފެދޭ ރެޑް ބްލަޑް ސެލް މަދުވެ އެވެ. މިކަމުގެ ސަބަބުން ހަންގަނޑު ޕޭލްވެ، ބޮލުގެ ރިހުން އިތުރުވެ، ނޭވާލުމަށް އުނދަގޫތަކެއް ކުރިމަތިވެ އެވެ. އަދި ބޯ އެނބުރުން ފަދަ ކަންކަން ކުރިމަތިވެ އެވެ.
ކިތަންމެ ގިނަ އިރަކު އެނދުމަތީ އޮތަސް ނުނިދާ ނަމަ އެކަމުން ކުރާނެ ފައިދާއެއް ނެތެވެ. ނިދުމަށް އެންމެ ރަނގަޅު ގޮތަކީ ކޮންމެ ރެއަކު ވެސް އެއް ގަޑިއެއްގައި ނިދަން އާދަ ކުރުމެވެ. އޭރުން ހަށިގަނޑަށް ލިބެންވާ ހަކަތަ ލިބި، ވަރުބަލިކަމެއް ނެތި މީހާ އިތުރަށް ހަރަކާތްތެރިވެ އުޅެވޭނެ އެވެ.