ސާފް ޗެމްޕިއަންޝިޕް: ނައިޖީރިއާ އަށް އުފަން ފޯވާޑެއް ބަންގްލަދޭޝްގެ ޓީމުގައި
ސާފް ޗެމްޕިއަންޝިޕް: ނައިޖީރިއާ އަށް އުފަން ފޯވާޑެއް ބަންގްލަދޭޝްގެ ޓީމުގައި

އަންނަ މަހު ރާއްޖޭގައި ބާއްވާ، ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ބަންގްލަދޭޝްގެ ގައުމީ ސްކޮޑުގައި ނައިޖީރިއާ އަށް އުފަން އެލެޓާ ކިންގްސްލީ ހިމަނައިފި އެވެ.

ސާފް ޗެމްޕިއަންޝިޕް: ނައިޖީރިއާ އަށް އުފަން ފޯވާޑެއް ބަންގްލަދޭޝްގެ ޓީމުގައި
ސާފް ޗެމްޕިއަންޝިޕް: ނައިޖީރިއާ އަށް އުފަން ފޯވާޑެއް ބަންގްލަދޭޝްގެ ޓީމުގައި

ފޯވަޑަކަށް ކުޅޭ ކިންގްސްލީ ކުޅެމުން ދަނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަށުންދަރާ ކިންގްސް އަށެވެ. ބަންގަލަދޭޝްގެ ލީގުގައި އޭނާ ކުޅެން ފެށީ 2011 ގަ އެވެ. ބަންގަލަދޭޝްގެ ރަށްވެހިކަން ހޯދަން އޭނާ ހުށަހެޅުމުން އެކަން ކާމިޔާބުވީ މި އަހަރު އެވެ.

ބަންގްލަދޭޝްގެ ރަށްވެހިކަން އޭނާ އަށް ލިބުނަސް އެ ގައުމުގެ ގައުމީ ޓީމަށް އޭނާ އަށް ކުޅެވޭނީ އެކަމުގެ ކްލިއަރެންސް ފީފާއިން ލިބުމުންނެވެ. އޭނާ އަށް އަދި ފީފާ އިން ކްލިއަރެންސް ލިބިފައެއް ނުވެ އެވެ.

ފީފާގެ ގަވައިދުގައި ބުނެފައި ވަނީ އިންޓަނޭޝަނަލް ލެވަލްގައި ސީނިއާ ޓީމަށް ނުކުޅޭ ކުޅުންތެރިޔަކަށް ނެޗުރަލައިޒޭޝަންގެ ދަށުން އެހެން ގައުމީ ޓީމަކަށް ކުޅެވިދާނެ ކަމަށެވެ. ޗައިނާގެ ގައުމީ ޓީމުން ވަނީ މީގެ ކުރިން ބްރެޒިލްގެ އެލްކީސަން ޑެ އޮލިވިއޭރާ ކާޑޯސޯ، (އައިކީސަން) އެ ގައުމަށް ކުޅުވައިފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި 2019 ގައި އޭނާ ވަނީ ޗައިނާގެ ގައުމީ ޓީމުގައި ހިމެނިގެން ރާއްޖެއާ ދެކޮޅަށް ވެސް ކުޅެފަ އެވެ.

ފީފާއިން ކްލިއަރެންސް ނުލިބުނަސް ބަންގްލަދޭޝްގެ ފެޑްރޭޝަންގެ ހުއްދައާ އެކު އެ ގައުމުގެ ގައުމީ ކޯޗް ޖެމީ ޑޭ ވަނީ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި ކިންގްސްލީ ހިމަނައިފަ އެވެ.

މުބާރާތަށް ތައްޔާރު ވުމަށް ބަންގްލަދޭޝް ޓީމުން ރަސްމީކޮށް ޕްރެކްޓިސް ފަށާނީ މި މަހު 21 ގަ އެވެ.

- އޮކްޓޯބަރު 1 ރޭގަނޑު: ސްރީ ލަންކާ - ބަންގްލަދޭޝް

- އޮކްޓޯބަރު 4 ރޭގަނޑު: ބަންގްލަދޭޝް - އިންޑިއާ

- އޮކްޓޯބަރު 7 ރޭގަނޑު: ދިވެހި ރާއްޖެ - ބަންގްލަދޭޝް

- އޮކްޓޯބަރު 13 ހަވީރު: ބަންގަލަދޭޝް - ނޭޕާލް