01 ޑިސެމްބަރ 2016 - 11:53

އެންމެ ކުރިއަރާފައިވާ ރާއްޖޭގެ ކުންފުނިތައް ހޮވައި، "ގޯލްޑް 100"ގެ ނަމުގައި ލިސްޓެއް އެކުލަވާލުމަށް ކުރަމުން އަންނަ މަސައްކަތަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
ކޯޕަރޭޓް މޯލްޑިވްސް މަޖައްލާ އިން އެކުލަވާލާ "ގޯލްޑް 100"ގެ ލިސްޓިން އާއި އެ ލިސްޓުގައި ހިމެނޭ ކުންފުނިތަކަށް އެވޯޑް ދިނުމަށް ބާއްވާ ހަފްލާ ސްޕޮންސަކުރުމުގެ އެއްބަސްވުމުގައި ބީއެމްއެލް އާއި އެ މަޖައްލާ ނެރޭ މޯލްޑިވްސް ގެޓަވޭސް އިން މިއަދު ވަނީ ސޮއިކޮށްފަ އެވެ.
"ބޭންކުން މިދަނީ ރާއްޖޭގެ ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރު ކުރަމުން. އަޅުގަނޑު ދެކޭ ގޮތުގައި ކޯޕަޜޭޓް މޯލްޑިވްސް އިން ރާއްޖޭގެ އެންމެ މޮޅު ކުންފުނިތަކުގެ ޕްރޮފައިލް އާއި ހިދުމަތްތައް ޝާއިއުކުރުމަކީ އެ ކުންފުނިތަކަށް ލިބޭނެ ފައިދާއެއް،" ބީއެމްއެލްގެ ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރު ކުލްދީޕް ޕަލިވާލާ ވިދާޅުވި އެވެ.
ކޯޕަރޭޓް މޯލްޑިވްސް އަކީ ވިޔަފާރިތަކާއި މާލީ ދާއިރާއާ ގުޅުން ހުރި ހަބަރުތައް ގެނެސްދޭ އޮންލައިން މަޖައްލާ އެކެވެ. އެ މަޖައްލާ އިން އަހަރަކު އެއް ފަހަރު ޝާއިއުކުރާ "ގޯލްޑް 100" ލިސްޓުގައި އެންމެ ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ރާއްޖޭގެ 100 ވިޔަފާރިއެއްގެ ޕްރޮފައިލް ޝާއިއުކޮށް، އެކި ދާއިރާތަކަށް ހާއްސަ ވިޔަފާރިތައް ވަކިން ލިސްޓް ކުރެ އެވެ.
"ގޯލްޑް 100" ލިސްޓުގައި ހިމަނާ ކުންފުނިތައް އިވެލުއޭޓް ކުރަނީ އަމިއްލަ ކޮންސަލްޓަންސީ ފާމަކުންނެވެ. އެ ލިސްޓުގެ ފުރަތަމަ އަދަދު އާންމު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ގައި ކުރުނބާ މޯލްޑިވްސްގައި ބާއްވާ ހަފްލާއެއްގަ އެވެ.