އިންސާފަށް އެދި ފަސް ވެރިކަމެއްގެ "އަނިޔާ"ގެ 400 މައްސަލަ!
އިންސާފަށް އެދި ފަސް ވެރިކަމެއްގެ "އަނިޔާ"ގެ 400 މައްސަލަ!

ރާއްޖޭގެ ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތައް ބެލުމަށް ގާނޫނަކުން ބޮޑެތި ބާރުތައްދީ އުފެއްދި އޮފީހަށް 400 އަށް ވުރެން ގިނަ މައްސަލަ ހުށަހަޅައިފި އެވެ.

މައްސަލަ ހުށަޅަން ހުޅުވާލި މުއްދަތު މި ހަފުތާގައި ހަމަވިއިރު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން 2018 ގައި ނިމުނު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް 68 އަހަރުގެ މައްސަލަތައް ހުށަހަޅާފައި އެބަހުއްޓެވެ.

މީޑިއާއާ ހަމައަށް ތިލަވި، ފާހަގަކޮށްލެވޭ މައްސަލަތަކުގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން 1953 ގައި ވައްޓައިލުމަށް ފަހު، އެ މަނިކުފާނަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދުމާއި 1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލުމުގެ ސަބަބުން ލިބުނު ގެއްލުމާއި އއ. ކުރަމަތިން މީހުން ބަދަލުކުރުމާއި ސަލާމަތީ ބާރުތަކުން ޓީވީއެމަށް ވަނުމާއި ފެބުރުއަރީ 7، 2012 ގައި، ވެރިކަން ބަދަލުވުމާ ގުޅޭ އިތުރު މައްސަލަތައް ހިމެނެ އެވެ.

މިދިޔަ އަހަރު ފާސްކޮށް، އަމަލުކުރަމުން އަންނަ އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮތް ގޮތުން އެ ގާނޫނުގެ ދަށުން އިންސާފު ހޯދޭނީ ޖެނުއަރީ 1، 1953 އިން ނޮވެމްބަރު 17، 2018 އާ ހަމައަށް ހިންގާފައިވާ ކަންކަމަށެވެ. އެ މުއްދަތުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުން ގާނޫނުން އެ އޮފީހަށް ލާޒިމްކޮށްފައިވެ އެވެ.

އެ މުއްދަތުގެ ތެރެއަށް ފެތޭ ގިނަ މައްސަލަތަކެއް ހުށަހަޅާފައި ވިޔަސް ބަލައިގަންނާނީ ދިރާސާކުރުމަށް ފަހު، ބެލޭނެ ކަމަށް ކަނޑައަޅާ މައްސަލަތަކެވެ.

ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް "މިހާރު" އަށް މިއަދު ވިދާޅުވީ މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވާން ދެ ދުވަހަށް ވުމުން ގިނަ މައްސަލަތަކެއް ލިބުނު ކަމަށެވެ. ސީދާ އަދަދެއް މިހާތަނަށް ބެލިފައި ނުވިޔަސް އެންމެ ފަހުން ނެގުނު މައުލޫމާތުގައި ވެސް 400 އަށް ވުރެން ގިނަ ކަމަށް ވިދާޅުވި އެވެ.

މި މައްސަލަތައް ނިންމަން ގާނޫނުގައި ކަނޑައަޅާފައި އޮތް މުއްދަތަކީ ދެ އަހަރެވެ. އެއީ އެކަށީގެންވާ މުއްދަތެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މައްސަލަތައް ހުށަހަޅާ ނިމުމުން ދެން މި އޮތީ ބޮޑު މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

އަބްދުއްސަލާމް ވިދާޅުވި ގޮތުގައި މައްސަލަތައް ބެލުމުގައި އެ އޮފީހުން މަސައްކަތްކުރާނީ މުއައްސަސާތަކާ ގުޅިގެންނެވެ.

މައްސަލަތައް ހުށަހަޅާފައި ރައްޔިތުން މިހާރު އުއްމީދުކުރަނީ އިންސާފަށް ކަމަށާއި އެ ސުވާލު އުފެދެން ވެސް ޖެހޭ ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ.

އިންސާފަށް އެދި ހުށަހެޅީ ވަރަށް ކުރީގެ މައްސަލަތަކެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި ގޮތުގައި ދިމާވެދާނެ އެންމެ ބޮޑު އުނދަގޫ ކަމަކީ ހެކީގެ ގޮތުގައި ބޭނުންވެދާނެ ބައެއް ލިއުންތައް ނުވަތަ އޭރު އަމަލުކުރި އުސޫލްތައް ނުލިބުމެވެ. އެކަމުގައި ގައުމީ އަރުޝީފްއާ އެކު މަޝްވަރާކުރި އިރު ވެސް ހުރިހާ ލިއުމެއް ޑޮކިއުމެންްޓް ކުރެވިފައި ނުވާ ކަމަށް އެނގުނު ކަމަށް ވިދާޅުވި އެވެ.

އެއީ ދިމާވެދާނެ ބޮޑު ގޮންޖެހުމެއް ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ.

އެހެންވިޔަސް ވިސްނުމަކީ ވީހާވެސް އަވަހަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ބެލުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުއްމީދަކީ ގިނަ މައްސަލަތަކަށް އިންސާފު ހޯދައި ދިނުމެވެ.

މައްސަލަތައް ބަލައި ދައުވާކުރަން ފޮނުވުމާއި ބަދަލު ނަގައިދޭން ކޯޓަށް ހުށަހެޅުން ފަދަ ގާނޫނީ ބޮޑެތި ބާރުތަކެއް އެ އޮފީހަށް ދީފައިވެ އެވެ. އަދި އެ އޮފީހުގެ އެންގުންތަކަށް އަމަލުނުކުރާ ނަމަ ޖިނާއީ ދައުވާކުރުމުގެ ފުރުސަތު ވެސް ގާނޫނުން އޮތީ ފަހިކޮށްދީފަ އެވެ.