14 ސެޕްޓެމްބަރ 2021 - 12:15

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އޮފީސްތަކަށް އެކި ކަންކަން ހުށަހެޅުމަށް "ގަވް.އެމްވީ" މެސެޖުގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިރިއުޅުމުގެ އަސާސީ ހުރިހާ ހިދުމަތެއް މިހާރު އަންނަނީ ޑިޖިޓަލް ކާޑެއްގެ އެހީގައި އިނގިލި ކުރިއާ ހަމައަށް ތިލަވަމުން ކަމަށެވެ. އެގޮތުން، ފައިސާގެ މުއާމަލާތްތަކާއި ގައުމުތަކަށް އެތެރެވެ ބޭރުވުމާއި ދަރިންނަށް ކިޔަވައިދިނުމާއި ބޭސްފަރުވާގެ ހިދުމަތްތައް ވެސް ޑިޖިޓަލް ވިއުގައިގެ ތެރެއިން ފަސޭހަވަމުން އަންނަކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި މިހާރު މި ވަނީ ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީއެއް ގާއިމުކުރަން ޖެހިފަ އެވެ. ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގެ ތެރެއިން ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމުން ހިދުމަތް ހޯދުމުގައި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޑިޖިޓަލް އައިޑެންޓިޓީގެ ހިދުމަތް ތައާރަފުވެގެން އަންނައިރު ގާނޫނީ ގޮތުން ވެސް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާތީ އެކަމަށް ދުރާލައި ހައްލެއް ހޯދުމުގެ ގޮތުން އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލެއް މިހާރު ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފަ އެވެ.
ރައީސް ވިދާޅުވީ ޑިޖިޓަލް ހިދުމަތްތައް ތައާރަފުކުރާ އިރު، އެންމެ ބޮޑަށް ފާރަވެރިވެ ރައްކާތެރިކޮށް ދޭންޖެހެނީ ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތުތަށް ކަމަށެވެ. އިންޓަނެޓްގެ ޒަރީއާއިން ހިންގާ އެކި ޖަރީމާތަކުން ރައްޔިތުން ހިމާޔަތްކޮށްދިނުމަކީ ވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، ޒާތީ މައުލޫމާތު ހިމާޔަތްކޮށްދޭނެ ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއް މިހާރު އަންނަނީ ތައްޔާރު ކުރަމުންނެވެ. ރާއްޖޭގެ އިންޓަނެޓު ވިއުގައަކީ، ޑިޖިޓަލް ހިދުމަތްތަކަށް ރައްކާތެރި ވެއްޓެއްކަން ކަށަވަރު ކުރުމަށްޓަކައި، ސައިބަ ކްރައިމްގެ ބިލެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދެ އެވެ.
ކޮވިޑް-19ގެ ދަތިކަމުގައި ހޭދަކުރި ދޮޅު އަހަރުގެ ތެރޭގައި، ޑިޖިޓަލްކޮށް ހިދުމަތް ދިނުމާއި ހިދުމަތް ލިބިގަތުމުގެ މުހިއްމުކަން ކަށަވަރުވެއްޖެކަން ކަން ފާހަގަކުރައްވައި ލޮކްޑައުންގައި ތިބެގެން ޑިޖިޓަލް ކްލާސް ރޫމުގައި ތިބެގެން ކިޔަވައިދިނުމާއި ވިޔަފާރި އާއި އިގުތިސޯދީ މުއާމަލާތްތައް ހިންގީ ޑިޖިޓަލް ވަސީލަތްތަކުން އަދި ސަރުކާރުގެ ވަރަށް ގިނަ ހިދުމަތްތައް އޮންލައިންކޮށް ދިންކަން ރައީސް ފާހަގަކުރެއްވި އެވެ.
"ހިދުމަތްތައް ޑިޖިޓަލްވެގެން އަންނަ އިރު، ސަރުކާރު އޮފީސްތަކަށް އާއްމު ރައްޔިތުން ހުށަހަޅާ ކަންކަން އިތުރުވެ، ސަރުކާރުގެ ހިދުމަތްތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ވަރަށް ބޮޑަށް ތަނަވަސްވެގެންދާނެ. މިއީ، ރައްޔިތުންނަށް ހިދުމަތް ދެއްވަން ތިއްބެވި ސަރުކާރުގެ މުވައްޒަފުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންޖެހޭނެ ކަމެއް" ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންނާ ސަރުކާރާ ދެމެދު ފަސޭހަ ނިޒާމަކުން ގުޅިގެން ދާއިރު، އެ ނިޒާމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ލިބޭނީ އޮފީސްތަކުން ކަންކަން ނިންމައި ރައްޔިތުންނަށް ޖަވާބު ދޭ މިންވަރު އިތުރުކޮށްގެން. އެކަން ކުރެވޭނީ، އާއްމު ރައްޔިތަކު ސަރުކާރުގެ އޮފީހަކަށް ހުށަހަޅާ ކަމަކަށް ދޭ ޖަވާބު، އޭނާ އިތުރު ބުރައެއް އުފުލަން ނުޖެހި، ލިބޭނެ ލުއިފަސޭހަ އިންތިޒާމުތަކެއް އޮފީސްތަކުގައި ގާއިމުކުރެވިގެން."
ގަވް.އެމްވީ މެސެޖުގެ ހިދުމަތް ފެށުމުން ސަރުކާރު އޮފީސްތަކުން ހިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ އާއްމު މިންގަނޑުތަކާ ހިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކުރާ ސާވިސް ޗާޓަރުތައް އާންމުކުރާނެ އެވެ. އޭރުން އެ ޗާޓަރުތަކާ އެއްގޮތަށް ހިދުމަތް ދޭކަން ކަށަވަރުކުރާނެ މެކޭނިޒަމެއް އޮފީސްތަކުގައި ގާއިމުކުރާނެ އެވެ.