ކުށްކުރީ ކުޑައިރު، ޝަރީއަތް ކުރަނީ ބޮޑު މީހެކޭ އެއްފަދައިން
ކުށްކުރީ ކުޑައިރު، ޝަރީއަތް ކުރަނީ ބޮޑު މީހެކޭ އެއްފަދައިން

ނިއު ދިއްލީ (ޖޫން 5) - އިންޑިއާގައި ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު ކުރި ކުށަކާ ގުޅިގެން ބޮޑު މީހެކޭ އެއްފަދައިން އޭނާގެ ޝަރީއަތް ހިންގަން ނިންމައިފި އެވެ.

އާންމު އުސޫލުން ހުރިހާ ގައުމުތަކެއްގައި ވެސް އޮންނަނީ ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުށެއް ކޮށްފި ނަމަ އެ މީހެއްގެ ޝަރީއަތް ހިންގާނީ ކުޑަކުދިންގެ ކޯޓެއްގައި އެ ކަމަށް އޮންނަ ވަކި ޚާއްސަ އުސޫލަކުންނެވެ. އަދި ކުށް ސާބިތުވިޔަސް އެ މީހަކަށް ދޭނީ ގާނޫނުގައި އެ ކުށަކަށް އޮންނަ އަދަބަށް ވުރެ ލުއި އަދަބެކެވެ. އެގޮތުން އިންޑިއާގައި ކުޑަކުދިން ކުރާ ކުށްތަކަށް އެންމެ ބޮޑު އަދަބަކަށް ދެވެނީ އިސްލާހިއްޔާއެއްގައި ތިން އަހަރު ވަންދެން ބެހެއްޓުމެވެ.

އެކަމަކު ކުޑަކުއްޖެއްގެ ގޮޮތުގައި ހުރެ ކުރި ކުށަކާ ގުޅިގެން ބޮޑު މީހެކޭ އެއްފަދައިން ޝަރީއަތް ހިންގަން އިންޑިއާގައި ފުރަތަމަ ފަހަރަށް ނިންމީ ކުޑަކުއްޖަކު ދުއްވި ކާރަކުން ޖެހި މީހަކު މަރުވި މައްސަލައެއްގަ އެވެ. އެ ހާދިސާ ހިނގިއިރު އެ ކުއްޖާއަށް 18 އަހަރު ފުރެން ބާކީ އޮތީ އެންމެ ހަތަރު ދުވަހެވެ.

އެ މައްސަލާގައި އިންޑިއާގެ ޖުވެނައިލް ޖަސްޓިސް ބޯޑުން ނިިންމީ ބޮޑު މީހެކޭ އެއްފައިން އެ ކުއްޖާގެ ޝަރީއަތް ހިންގަން އާންމު މައްސަލަ ބަލާ ކޯޓަކަށް ފޮނުވުމަށެވެ. އޭރަށް ކުށް ސާބިތުވެއްޖެ ނަމަ އެ ކުއްޖާ އަށް އަންނާނީ ބޮޑު މީހަކަށް ވެސް އަންނަ އަދަބެވެ.

ޖުވެނައިލް ޖަސްޓިސް ބޯޑުގެ ނިންމުމުގައިވަނީ ހާދިސާ ހިނގިއިރު އެ ކުއްޖާއަށް 18 އަހަރު ނުފުރުނަސް އެކަމުގައި އެ ކުއްޖާ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އޭނާ އެކަން ކުރީ ތަސައްރަފު ފުދިފައިވާ ހާލަތެއްގައި ހުރެ، އެކަމުން ނިކުންނާނެ ނަތީޖާ ވެސް އެނގިގެން ކަމަށެވެ. އަދި އެ ހާދިސާ އަށް ފަހު އޭނާ ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

އެކަމަކު ޖުވެނައިލް ޖަސްޓިސް ބޯޑުގެ އެ ނިންމުން ބަދަލު ކުރުމުގެ ބާރު ކޯޓަށް އޮންނާނެ އެވެ.

އެ ހާދިސާ ހިނގާފައިވަނީ އެ ކުއްޖާގެ ބައްޕަގެ އަގުބޮޑު މާސިޑީޒް ކާރު ނަގައިގެން ދުއްވަނިކޮށެވެ. އެ ކުއްޖާ ވަނީ ކާރުން ޖެހުނު މީހާ މަރުވުމުން އެ ތަނުން ފިލައިފަ އެވެ.

ކުޑަކުދިންގެ ޝަރީއަތް ބޮޑެތި މީހުންނެެކޭ އެއްފަދައިން ހިންގަން އިންޑިއާގައި ބާރު އަޅަން ފެށީ ޑިސެމްބަރު، 2012 ގައި ނިއުދިއްލީގެ ބަހެއްގެ ތެރޭގައި އަންހެނަކު ރޭޕްކޮށް، ބޮޑެތި އަނިޔާތަކެއް ދިނުމުން ސަބަބުން މަރުވި މައްސަލައިގަ އެވެ. އެ ހާދިސާގައި ވެސް އެންމެ ބޮޑަށް ބައިވެރިވި އެކަކީ 16 އަހަރުގެ ކުއްޖެކެވެ.

އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވިޔަސް އެ ކުއްޖާ އަށް އައީ ކުޑަކުއްޖަކަށް ދެވޭ އެންމެ ބޮޑު އަދަބު ކަމަށްވާ ތިން އަހަރު ވަންދެން އިސްލާހިއްޔާގައި ބެހެއްޓުމުގެ ހުކުމެވެ. އެކަމާ ދެކޮޅަށް އިންޑިއާ ސުޕްރީމް ކޯޓަށް ބަޔަކު މައްސަލަ ހުށަހެޅިޔަސް އެ ކޯޓުން ނިންމީ ކޮންމެ ކޮންމެ މައްސަލައެއްގައި ކުށްކުރާ ކުޑަކުދިންގެ ޝަރީއަތް ބޮޑު މީހެކޭ އެއްފައިން ނުހިންގޭނެ ކަމަށާއި އެކަމަކު މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލައި، ވަކިވަކި މައްސަލަތަކުގައި އެގޮތަށް ޝަރީއަތް ހިންގަން ކޯޓަށް ނިންމިދާނެ ކަމަށެވެ.