15 ސެޕްޓެމްބަރ 2021 - 06:52

ބޮލީވުޑްގައި މިހާތަނަށް ހަދާނެ އެންމެ އަގު ބޮޑު ފިލްމަށް ވާނެ ކަމަށް ބެލެވޭ ވަރުގަދަ ބޮޑު ޕްރޮޖެކްޓަކަށް އަޖޭ ދޭވްގަން ތައްޔާރުވަމުން އަންނަ ކަމަށް ޕިންކްވިލާ އިން ބުނެފި އެވެ.
މި ވަގުތު ބެއާ ގްރިލްސްގެ ޝޯ "އިން ޓު ދަ ވައިލްޑް" ގެ ޝޫޓިން އަށް ރާއްޖޭގައި ހުރި އެކްޓަރުގެ މެގަ ޕްރޮޖެކްޓާ ބެހޭ ގޮތުން ޕިންކްވިލާ އިން ބުނި ގޮތުގައި މިއަށް 400 ކްރޯޑް ރުޕީސް (54.34 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވެ އެވެ. އަޖޭގެ ކޮންސެޕްޓަކަށް ހަދަން ނިންމާފައިވާ ފިލްމުގެ ސްކްރީންޕްލޭ މިހާރު ލިޔުންތެރިންގެ ޓީމަކާ ހަވާލުކޮށްގެން ކުރިއަށްދާ ކަމަށް ވެސް ޕިންކްވިލާ އިން ބުނެ އެވެ.
މި ޕްރޮޖެކްޓާ ގުޅުން ހުރި ބަޔަކާ ހަވާލާދީ އެ ނޫހުން ބުނި ގޮތުގައި އަޖޭ މިހާތަނަށް މަސައްކަތްކުރާ އެންމެ ބޮޑު ޕްރޮޖެކްޓްގެ މަސައްކަތް ފަށާނީ އޭނާ ޑައިރެކްޓްކުރަން ފަށާފައި އޮތް ތިން ވަނަ ފިލްމު "މޭޑޭ" ގެ ހުރިހާ މަސައްކަތްތަކަކުން އަތްދޫކޮށްލުމަށް ފަހު އެވެ. އެ ފިލްމަކީ އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
ޕިންކްވިލާ އިން ބުނީ އަޖޭ ސޮއިކޮށްފައި ހުރި ގިނަ ޕްރޮޖެކްޓްތަކެއް މިހާރު ވެސް ހުރުމާ އެކު އެ ހުރިހާ އެއްޗެއްގެ މަސައްކަތް ނިންމާލައި، ވަރަށް ހަމަޖެހިލައިގެން އޭނާގެ ބިޔަ ޕްރޮޖެކްޓްގެ ޝޫޓިން ފަށާނީ 2024 ގަ އެވެ. އަދި މިއީ ގިނަ އަދަދަކަށް ވީއެފްއެކްސް ވެސް ހިމެނޭ ކަހަލަ ވާހަކައެއް ކިޔައިދޭނެ، ވަރަށް ތަފާތު މޮޅު ފިލްމަކަށް ވާނެ ކަމަށް ބުންޏެވެ.
އަޖޭ ޑައިރެކްޝަނަށް ނުކުތީ 2008 ގެ "ޔޫ، މީ އޯރް ހަމް" އިންނެވެ. އަދި އޭނާގެ ދެވަނަ ޑައިރެކްޝަނަކީ 2016 ގެ "ޝިވާއޭ" އެވެ.
އަޖޭ 400 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު ބަޖެޓަކުން އަމިއްލަ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާ އިރު، ރިލީޒްވާން ހުރި އޭނާގެ ފިލްމުތަކުގެ ތެރެއިން އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އަކީ ވެސް 400 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
އަޖޭގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ގަންގޫބާއީ ކަތިއަވާޅީ"، "މައިދާން"، "ތޭންކް ގޯޑް"، ތަމަޅަ ފިލްމު "ކައިތީ" ގެ ރިމޭކްގެ އިތުރުން "ޗަނަކިއާ" ހިމެނެ އެވެ. މީގެ އިތުރުން އޭނާ މިހާރު އަންނަނީ އަލަށް "ރުދުރާ" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.