02 ޑިސެމްބަރ 2016 - 06:28

ސަންޖޭ ދަތުގެ ހަޔާތާ ބެހޭ ގޮތުން ހަދާ ފިލްމުގައި އޭނާގެ ރޯލު އަދާކުރަނީ ރަންބީރު ކަޕޫރެވެ. ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އެގޮތަށް ނިންނި ނަމަވެސް އެ ރޯލަށް ރަންބީރު ފިޓް ނުވާ ކަމަށް ސަންޖޭ ދަތު ގަބޫލު ކުރެ އެވެ. އަދި އެ ވާހަކަ އޭނާ ވަނީ ރަންބީރާ ދިމާލަށް ވެސް ބުނެފަ އެވެ.
ސަންޖޭ ދަތުގެ ރޯލަށް ރަންބީރު ފިޓް ނުވާ ކަމަށް ގަބޫލުކުރަނީ ރަންބީރުގެ ހަށިގަނޑު ހުންނަ ގޮތުންނެވެ. އޭނާގެ ރޯލު ކުޅެން ޖެހޭނީ ވަރަށް ވަރުގަދަ ހަށިގަނޑެއް ހުންނަ އެކްޓަރެއް ކަމަށް ސަންޖޭ ދަތު ގަބޫލުކުރެ އެވެ.
ސަންޖޭ ދަތުގެ ހަޔާތާ ބެހޭ ފިލްމު ފަށާކަން އިއުލާން ކުރީއްސުރެ ތަފާތު މައްސަލަތަކާ ދަނީ ކުރިމަތިވަމުންނެވެ. އެ ފިލްމު އުފެއްދިޔަ ނުދޭން ބައެއް މީހުން އުޅެނީ ސަންޖޭގެ އަމިއްލަ ދިރިއުޅުމާއި ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކާ ގުޅުންތަކެއް ވާތީ އެވެ. އެމީހުންގެ ވާހަކަތައް ފިލްމެއްގެ ސިފައިގައި ދުނިޔެއަށް ހާމަވާން ބޭނުމެއް ނުވެ އެވެ.
މި ފިލްމު އުފައްދަން ބޭނުންނުވާ މީހުންގެ ތެރޭގައި ސަންޖޭގެ ހަޔާތަށް އައިސް ގޮސްފައިވާ ވަރަށް ގިނަ ފިލްމީ ބަތަލާ އިން ވެސް ހިމެނެ އެވެ. ނަމަވެސް ދާދި ފަހުން ސަންޖޭ ބުނެފައިވަނީ އޭނާގެ ވާހަކަ އިން ފެންނާނީ ހަޔާތުގައި ދިމާވި ބައެއް ހާދިސާތައް ކަމަށާއި ހުރިހާ ހާދިސާތަކެއް ނުހިމެނޭނެ ކަމަށެވެ. މި ފިލްމު ބޮޑަށް ޚާއްސަކުރަނީ ސަންޖޭ ޖަލަށް ދާން ޖެހުނު މައްސަލައަށާއި ޖަލުގައި އޭނާ ހޭދަކުރި ދުވަސްތަކުގައި ކަންތައްތައް ވީ ގޮތަށް ކަމަށް ވެއެވެ.
ވަރަށް ފަހުން އަމިއްލަ ގޭގައި އޮތް ޕާޓީއެއްގައި ސަންޖޭ ދަތު ވަނީ އޭނާ ކަހަލަ ވަރުގަދަ ހަށިގަނޑެއް ރަންބީރުގެ ނެތުމުން އެކަމާ މަލާމަތް ވެސް ކޮށްފަ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ޑީއެންއޭގައިވާ ރިޕޯޓެއް ބުނާ ގޮތުން އެ ޕާޓީގައި ރާޖްކުމާރު ހިރާނީ އާއި ޑޭވިޑް ދަވަންގެ އިތުރުން ރަންބީރު ވެސް ބައިވެރިވި އެވެ.
"އަހަރެން ފިލްމެއް ޕްރޮޑިއުސްކުރަން ބޭނުން. އެ ފިލްމުގެ ބަތަލަކަށް ހަމަޖައްސާނީ ކަލޭ،" އެ ޕާޓީގައި މަސްތުވެގެން ހުރެ ރަންބީރާ ދިމާއަށް ސަންޖޭ ދަތު ބުނި ކަމަށް ވެއެވެ.
ސަންޖޭ އެހެން ބުނުމުން "އާއެކޭ، އެންމެ ރަނގަޅޭ" ރަންބީރު ބުންޏެވެ. ނަމަވެސް އެހިސާބުން ސަންޖޭ ދަތުގެ ވާހަކައެއް ނުނިމުނެވެ. މަލާމާތްކުރަން ފެށުނީ އެހިސާބުންނެވެ. އޭނާގެ ހަޔާތާ ބެހޭ ފިލްމު ކުޅެން ރަންބީރަށް ދިނީ ކާކުތޯ ސަންޖޭ ދަތު ސުވާލު ކުރި އެވެ. އަދި އޭނާ ކަހަލަ ހަށިގަނޑު ވަރުގަދަ މީހަކަށް ވެ، ބަޑި ހިފައިގެން އެކްޝަން ފިލްމުތައް ކުޅެން ރަންބީރު ގާތު ބުންޏެވެ.
"އަހަންނާއި ސަލްމާން އަދި އަޖޭ ކަހަލަ އެކްޓަރުންނަށް މިހާ ގިނަ ދުވަހު ފިލްމު އިންޑަސްޓްރީގައި ދެމި ތިބެވުނީ ކީއްވެގެން ކަމަށްތަ ކަލެއަށް ހީވަނީ؟ އެއީ ވަރުގަދަ އެކްޝަން ރޯލުތައް ކުޅޭތީ،" ސަންޖޭ ދަތު ބުނި ކަމަށް މީޑިއާ އިން ރިޕޯޓްކުރި އެވެ.
އެ ވާހަކަތަކުން ރަންބީރު ބަސް ހުއްޓިފައި ހުރީ އެވެ. އެވަގުތު އެދެމެދަށް ސަންޖޭގެ އަންހެނުން ވަދެ، ވާހަކަ ހުއްޓުވީ އެވެ. ރަންބީރަށް ދުރަށް ދެވުނީ އެހިސާބުންނެވެ.
މި ހާދިސާއަށް ފަހު ސަންޖޭ ދަތުގެ ހަޔާތާ ބެހޭ ފިލްމުގައި މަސައްކަތް ކުރަން ރަންބީރު ދެކޮޅުހެދުން އެކަށީގެންވާ ކަމަށް ބައެއް ނޫސްތަކުން ބުނެ އެވެ.