ޕާޓީ "ނިދާފައި" އޮންނަނީ އެކްޓިވްވުމުން އަނިޔާކުރާތީ: ގާސިމް
ޕާޓީ "ނިދާފައި" އޮންނަނީ އެކްޓިވްވުމުން އަނިޔާކުރާތީ: ގާސިމް

ޖުމްހޫރީ ޕާޓީ ކޮންމެ ފަހަރަކު ނިދާފައި އޮންނަނީ ޕާޓީ އެކްޓިވްވުމުން "އަނިޔާ" ލިބެން ފަށާތީ ކަމަށް އެ ޕާޓީގެ ލިޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އެ ޕާޓީއަކީ ނިދާފައި އޮންނަ ޕާޓީއެއް ކަމަށް ބުނެ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދެވި މެންބަރުންގެ ފާޑު ކިޔުން އަމާޒުވާ ކަމަށެވެ.

އެއީ ތެދު ވާހަކައެއް ކަމަށާއި ޖޭޕީ ހަގީގަތުގައި ވެސް ވަރަށް ގިނަ ފަހަރަށް ނިދާފައި އޮންނަ ކަމަށް ގާސިމް ވިދާޅުވި އެވެ. ސަބަބަކީ އެ ޕާޓީ އެކްޓިވްވެ ސަރުކާރާ ދެކޮޅަށް އެއްޗެހި ބުނަން ފެށުމުން އަނިޔާ ލިބޭތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ އިރެއްގައި އޮންނަ ސަރުކާރަކާ ދެކޮޅަށް ވާހަކައެއް ދައްކާލާއިރަށް އެންމެ ފުރަތަމަ ހަމަލާ އަންނާނީ އަޅުގަނޑާ ދިމާލަށް. ދެން ވެސް އާންނާނީ އަޅުގަނޑާ ދިމާލަށް. ދެން ޕާޓީއަށް،" ގާސިމް ވިދާޅުވި އެވެ.

ކޯލިޝަނެއްގެ ތެރެއިން ވެރިކަން ހޯދައިދިނުމުން ކޮންމެ ފަހަރަކު ވެސް ވަނީ އެހެން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ކޮންމެ ފަހަރަކު ޖަލަށްލާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން މުދަލާއި އަނބިދަރިންނަށް ވެސް ގޯނާ ކުރާތީ މިހާރު ބަލައިލައިގެން އުޅެން ޖެހޭ ކަމަށާއި ރައްޔިތުންނަށް ވިސްނައިގެން ހަލަބޮލި ނުކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

މި ސަރުކާރުން ވެސް ޖުމްހޫރީ ޕާޓީއާ އެކު އެއްބަސްވެފައިވާ ގޮތަށް އަދި އެ ޕާޓީއަށް ހައްގު މިންވަރަކަށް ސަރުކާރުން ޖާގައެއް ނުލިބޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެހެން ނަމަވެސް ހަމަނުޖެހުން އުފައްދަން ބޭނުން ނުވާތީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމް އިން ވެސް ތިބެނީ "ޝުކުރު ކޮށްލައިގެން" ކަމަށް ގާސިމް ވިދާޅުވި އެވެ.