13 ސެޕްޓެމްބަރ 2021 - 18:34

ސިވިލް ސާވިސްގެ ފަންނީ މުވައްޒަފުން ވަކި ފެންވަރެއްގެ ސަނަދެއް ހޯދުމުން ދޭ "ސެޓިފިކެޓް ޕްރޮމޯޝަން" އަލުން ދޭން ފަށަން ނިންމައިފި އެވެ.
ސެޓިފިކެޓް ޕްރޮމޯޝަން ދިނުން ހުއްޓާލާފައި ވަނީ ކޮވިޑް-19އާ ގުޅިގެން ދިމާވި އިގްތިސާދީ ދަތިތަކާ ހެދި ފިނޭންސް މިނިސްޓްރީން އެޅި ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ އޮފިޝަލަކު ކަށަވަރުކޮށްދިން ގޮތުގައި ފަންނީ ދާއިރާގެ އޮނިގަނޑުގައި ސެޓިފިކެޓް ޕްރޮމޯޝަން ލިބޭ ގޮތަށް އޮންނަ ހުރިހާ މުވައްޒަފުންނަށް އަންނަ މަހުގެ 1 އިން ފެށިގެން ސެޓިފިކެޓް ޕްރޮމޯޝަނަށް ހުށަހެޅޭނެ އެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ޓީޗަރުންނާއި ނަރުހުން ފަދަ މުވައްޒަފުން ހިމެނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ސީއެސްސީގެ އެންގުމާ އެއްގޮތަށް އެ މިނިސްޓްރީގެ ހުރިހާ ފަންނީ މުވައްޒަފުންނަށް ސެޓިފިކެޓް ޕްރޮމޯޝަނަށް ހުށަހެޅުމަށް އަލުން ހުޅުވާލަން ނިންމާފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
ސެޓިފިކެޓް ޕްރޮމޯޝަން ލިބުނު ނަމަވެސް، އެއާ އެއްގޮތަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ފަރާތްތަކަށް ނުލިބި ހުރި މުސާރަ އާއި އިނާޔަތްތައް ވެސް އެ މުއްދަތުން ފެށިގެން ދޭން ފަށަން ވެސް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އަންގައިފަ އެވެ.
މީގެ ކުރިން ސެޓިފިކެޓް ޕްރޮމޯޝަނަށް ހުށަހެޅުމުން ޕްރޮމޯޝަން ދީ، އެކަމަކު އެއާ އެއްގޮތަށް ނުދެވި ހުރި މުސާރަ އާއި އިނާޔަތްތައް ދިނުމާ ގުޅިގެން ސިިވިލް ސާވިސް ކޮމިޝަނުން ކުރަމުންދާ މަޝްވަރާތަކަށް ފަހު އެ ފައިސާ ދިނުމާ މެދު ވަކި ގޮތެއް ނިންމާނެ އެވެ.