13 ސެޕްޓެމްބަރ 2021 - 16:21

އިޒްރޭލުން ހިސޯރުކޮށްފައި އޮތް ފަލަސްތީނުގެ ގާޒާގައި އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންގޮސް، އެ ސަރަހައްދު ތަރައްގީކުރަން ބޭނުންވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލުގެ އުތުރުގައި ހުންނަ ރައިޝްމާން ޔުނިވަސިޓީގައި އިއްޔެ ބޭއްވި ޓެރަރިޒަމަށް މަސައްކަތް ކުރުމާ ބެހޭ އަހަރީ މަހާސިންތާގައި ވާހަކަ ދައްކަވަމުން އިޒްރޭލުގެ ހާރިޖީ ވަޒީރު ޔައީރް ލިޕީޑް ވިދާޅުވި ގޮތުގައި، ހަމާސް ޖަމާއަތުން ގާޒާގައި ހަމަޖެހުން ގާއިމުކޮށް، ދިގު މުއްދަތަކަށް ސުލްހަ ދަމަހައްޓައިދޭ ނަމަ، ގާޒާގެ ހާލަތު ރަނގަޅު ކުރެވިދާނެ އެވެ.
ގާޒާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމުގެ ރޭވުންތަކެއް އިޒްރޭލު ސަރުކާރުގައި އެބަހުރި ކަމަށާއި، ނަމަވެސް އެކަން ކުރެވޭނީ ގާޒާގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ކަށަވަރުވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާޒާ އާރާސްތުކުރުމުގެ ރޭވުމަށް އިޒްރޭލުން ދީފައިވާ ނަމަކީ "ގާޒާގެ ހަމަޖެހުމުގެ މުގާބިލުގައި އިގްތިސާދު" އެވެ.
އިޒްރޭލުގެ މި ރޭވުމާ ބެހޭ ގޮތުން، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އާއި ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވްއާ ވެސް މަޝްވަރާ ކުރެއްވި ކަމަށް، އިޒްރޭލުގެ ހާރިޖީ ވަޒީރު ވިދާޅުވި އެވެ. އޭގެ އިތުރުން މިސްރާއި ވިލާތުގެ އިއްތިހާދާއި ގަލްފުގެ ގައުމުތަކާ އެކުގައި ވެސް މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަހާސިންތާގައި ތަގުރީރު ކުރައްވަމުން ލިޕިޑް ވިދާޅުވި ގޮތުގައި، ގާޒާ އާރާސްތުކުރުމުގެ ރޭވުމާ އެއްގޮތަށް އަމަލު ކުރިޔަސް، ގާޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންގެ އަތުން ހަތިޔާރު އަތުލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާޒާ އަށް އިގްތިސާދީ ގޮތުން ކުރިއެރުން ހޯދައިދިނުމާ ގުޅޭ ރޭވުން ތަންފީޒު ކުރަން ވިސްނާފައި އޮތީ ދެ މަރުހަލާއަކުންނެވެ.
އޭގެ ތެރެއިން ފުރަތަމަ މަރުހަލާގައި އޮންނާނީ، ގާޒާ އަލުން އާރާސްތުކޮށް ބިނާކުރުމާ އެކު، ގާޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އޭގެ ބަދަލުގައި، ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީގައި، ހަމާސް ޖަމާއަތުގެ އަސްކަރީ ބާރު ދަށްކުރުމެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ދެވަނަ މަރުހަލާގައި އޮންނާނީ، އިގްތިސާދީ ރޭވުން ފުރިހަމަ އަށް ތަންފީޒުކުރުމެވެ. އެއީ ގާޒާގެ އަމަންއަމާންކަން ކަށަވަރުވުމަށް ފަހުގަ އެވެ. އަދި އެއީ ގާޒާގެ އިދާރީ އެންމެހައި ކަންކަމާއި އިގްތިސާދީ ހުރިހާ ކަމެއް ވެސް، ހަމާސް ޖަމާއަތުގެ ބަދަލުގައި، ފަލަސްތީނު ސަރުކާރުގެ ފަރާތުން ބަލަހައްޓަމުންދާ ގޮތުގެ މަތިންނެވެ.
ދެ ވަނަ މަރުހަލާގެ ތެރޭގައި، ގާޒާގެ އައްސޭރި ފަށުގައި ރަށެއް ހިއްކައިގެން، އެތަނުގައި ބަނދަރެއް ތަރައްގީކުރެވޭނެ އެވެ. އޭގެ އިތުރުން ގާޒާ އާއި ހުޅަނގު އައްސޭރިއާ ދެމެދު މުވާސަލާތީ ވިއުގައެއް ގާއިމުކުރެވޭނެ އެވެ.
"ގާޒާގެ ގޭހާއި ކަރަންޓުގެ ހިދުމަތް ވެސް ރަނގަޅުކުރެވޭނެ. ލޮނުން ފެން އުފައްދާނެ ޕްލާންޓެއް ގާއިމުކޮށް، ބޯފެން ލިބުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ. އޭގެ އިތުރުން، ނަރުދަމާ ނިޒާމުގެ ފެންވަރު މަތިކޮށް، ދުޅަހެޔޮކަން އިތުރުވެ، ދަތުރުފަތުރުގެ ހިދުމަތްތައް މިހާރަށް ވުރެ ފަސޭހަ ވެގެންދާނެ،" ލިޕިޑް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެ ވަނަ މަރުހަލާގެ މަސައްކަތް ކުރިއަށް ދާއިރު، ގާޒާ އިން ބައިނަލްއަގްވާމީ އިންވެސްޓްމެންޓްތައް ފެންނަން ފަށާނެ އެވެ. އަދި އިޒްރޭލާއި ފަލަސްތީނު ސަރުކާރާއި މިސްރުން ގުޅިގެން ހިންގާ އިގްތިސާދީ މަޝްރޫއުތައް ވެސް ކުރިއަށް ދާނެ އެވެ.
"އޭގެ މުގާބިލުގައި ހަމާސް ޖަމާއަތް ޖެހޭނެ ދިގު މުއްދަތަކަށް މައިތިރިވެގެން އޮންނަން."
އޭނާ ވިދާޅުވި ގޮތުގައި ގާޒާ އާރާސްތުކުރުމަށް އެކުލަވައިލި މިރޭވުމުގެ މައިގަނޑު އަމާޒަކީ، ފަގީރުކަމާއި ވަޒީފާ ނުލިބުމާއި އަނިޔާވެރިކަމުގެ ތެރޭގައި، އަދި އެއްވެސް އުންމީދެއް ނެތި، ގާޒާގެ ރައްޔިތުން މިހާރު ތަހައްމަލް ކުރަމުންދާ ހިތްދަތި ދިރިއުޅުމުގެ ހަގީގީ ސަބަބަކީ ހަމާސް ޖަމާއަތްކަން ހާމަކޮށްދިނުމެވެ.
"މިދިޔަ ދިގު މުއްދަތުގައި ގާޒާގެ ކަންކަމުގައި އަމަލު ކުރަން އޮތް ހަމައެކަނި ދެ ގޮތަކީ، ގާޒާ އަށް ހަމަލާ ދިނުމާއި، ނިމުމެއް ނެތް ގޮތުގައި އަނިޔާވެރި އަމަލުތައް ހިންގުން. އެކަމަކު މި ދެ ގޮތަކީ ވެސް ވަރަށް ނުބައި ދެ ގޮތް."
ލިޕިޑް ވިދާޅުވީ އިޒްރޭލާއެކު ސުލްހައިގެ ވާހަކަތައް ދައްކަން ހަމާސް ޖަމާއަތަށް ދައުވަތު ނުދޭނެ ކަމަށެވެ. ސަބަބަކީ އިޒްރޭލަކީ އެ ގައުމު ނައްތައިލުމަށް މަސައްކަތް ކުރާ ޓެރަރިސްޓް ޖަމާއަތްތަކާ ވާހަކަ ދައްކާނެ ގައުމަކަށް ނުވާތީ އެވެ.
އިޒްރޭލުން ގާޒާ ހިސާރު ކުރީ، 2006 ވަނަ އަހަރު ބޭއްވި ފަލަސްތީނުގެ އާންމު އިންތިހާބުގައި، ވެރިކަންކުރާ ފަތަހް ޖަމާއަތް ބަލިކޮށް، ހަމާސް ކާމިޔާބު ހޯދުމުންނެވެ. އިޒްރޭލުގެ ހިސޯރުގައި މިވީ 15 އަހަރުގެ ތެރޭގައި، އިޒްރޭލުން އެތައް ފަހަރަކު ހަމާސް ޖަމާއަތާ ދެކޮޅަށް ގާޒާ އަށް ވަރުގަދަ ހަމަލާތަކެއް ދީފައިވެ އެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ހުސްވި މެއި މަހުގެ 10-21 އަށް 11 ދުވަސް ވަންދެން އިޒްރޭލުން ދިން އުދުވާނީ ހަމަލާތަކެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 200 އަށް ވުރެ ގިނަ މީހުން ޝަހީދުވި އެވެ.