ބޮލީވުޑްގެ ކުރިމަގާ މެދު އަރިޖީތުގެ ޝައްކުތަކެއް!
ބޮލީވުޑްގެ ކުރިމަގާ މެދު އަރިޖީތުގެ ޝައްކުތަކެއް!

ސޮނީ ޓީވީން 2005 ގައި ދެއްކި މަޝްހޫރު ރިއަލިޓީ ޝޯ "ފޭމް ގުރުކުލް" ގައި ބައިވެރިވި ޒުވާން ލަވަކިޔުންތެރިންގެ ތެރޭގައި އަރިޖީތު ސިންގް ހިމެނުނެވެ. ނަމަވެސް އެ ޝޯގައި އޭނާއަށް ކުރިމަތިވީ ބޮޑު ނާކާމިޔާބީއަކާ އެވެ. ޝޯގެ ފަނޑިޔާރުންނާއި ބެލުންތެރިން އޭރުވެސް އެއްބަސްވި ގޮތުގައި އަރިޖީތު އަކީ އިންޑިޔާގައި މަދުން ނޫނީ ނޫފެދޭވަރުގެ ކުޅަދާނަ ލަވަކިޔުންތެރިއެކެވެ.

ބޮލީވުޑްގެ ކުރިމަގާ މެދު އަރިޖީތުގެ ޝައްކުތަކެއް!
ބޮލީވުޑްގެ ކުރިމަގާ މެދު އަރިޖީތުގެ ޝައްކުތަކެއް!

ޝޯ ނިމުމަށް ފަހު އަރިޖީތު ވަނީ ލަވަކިޔުމުގެ ރޮނގުން ކެރިއަރެއް ބިނާކުރަން ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރަން ހަ އަހަރު ދުވަހު އޭނާ މަސައްކަތް ކުރި ފަހުން ބޮލީވުޑް ފިލްމަކަށް ލަވަކިޔުމުގެ ފުރުސަތު ދިނީ މިއުޒިކް ޑައިރެކްޓަރު ޕްރީތަމް އާއި ޝަންކަރް-އެހެސާން-ލޯއީ އެވެ.

"މާޑާ 2" އަށް އޭނާ ކިޔައިދިން "ޕިރް މުހައްބަތު" ވަގުތުން ހިޓްވި އެވެ. އޭގެ ފަހުން އޭނާ ކިޔައިދިން "އާޝިގީ 2"ގެ ލަވަ އަދިވެސް ގިނަ ބައެއްގެ އެންމެ މަގްބޫލު ލަވަތަކުގެ ތެރޭގައި ހިމެނެ އެވެ. އިންޑިއާގައި ހުރި އެންމެ މަޝްހޫރު އަދި މަގްބޫލު ލަވަކިޔުންތެރިޔާއަށް އަރިޖީތު ވި އެވެ. ޝާހްރުކް ޚާނުން ފެށިގެން ރަންބީރު ކަޕޫރު، އަކްޝޭ ކުމާރު ފަދަ ގިނަ އެކްޓަރުންގެ އަޑަކީ މިހާރު އަރިޖީތުގެ އަޑަށް ވަނީ ވެފަ އެވެ.

"އޭ ދިލް ހެ މުޝްކިލް" ގައި ހިމެނޭ 'ޗަންނާ މެރެޔާ' ލަވަ ކިޔައިގެން ވެސް އޭނާ އަށް ލިބުނު މަޝްހޫރުކަން ކުޑައެއް ނޫނެވެ.

ނަމަވެސް ދާދި ފަހުން އިންޑިއާގެ މިޑް ޑޭ ނޫހަށް ދިން އިންޓަވިއުއެއްގައި އަރިޖީތު ބުނީ އޭނާގެ ބޮލީވުޑް ކެރިއަރު މާ ގިނަ ދުވަހަށް ދެމިގެންދާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ.

"އަހަންނަކަށް ހިއެއް ނުވޭ މާ ގިނަ ދުވަހެއް ދެން އޮތް ހެނެއް. ފަހަރެއްގައި މިއީ އަހަރެން ބޮލީވުޑް ލަވަތައް ކިޔާ އެންމެ ފަހު އަހަރު ކަމަށް ވެސް ވެދާނެ. ކޮންމެ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގައި އާ ލަވަކިޔުންތެރިން އައިސް އެ އިރެއްގެ އެންމެ މަގްބޫލު ލަވަކިޔުންތެރިންގެ މަގާމު އަތުލާ،" އަރިޖީތު ބުންޏެވެ.

ނަމަވެސް އަރިޖީތު ބުނީ އޭނާ ކަހަލަ ލަވަކިޔުންތެރިއަކަށް އެހެން ގޮތަކަށް އެކަން ބަދަލުކޮށްލެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަށް އޮތް އެންމެ މުހިންމު ޝަރުތަކީ ވަކި ވައްތަރެއްގެ ލަވަތަކަށް ޚާއްސަވެގެން ދެމިހުރުމެވެ. އޭރުން އެ ވައްތަރުގެ ލަވަތައް ކިޔޭ ހަމައެކަނި މީހާއަށް އޭނާ ވާނެ އެވެ. ފަހަރެއްގައި އެ މަގުން ދަތުރުކޮށްގެން ބޮލީވުޑްގައި ސަލާމަތުން ހުރެވިދާނެ ކަމަށް ގަބޫލުކުރެ އެވެ.

އަރިޖީތު ބުނީ މީޑިއާގެ ސަމާލުކަމާ ދުރުގައި އުޅެން ވެސް އޭނާ ބޭނުންވާ ކަމަށެވެ.

"އަހަންނަކީ ވަރަށް ހަމަހިމޭން ދިރިއުޅުމަކަށް ލޯބިކުރާ މީހެއް. އެހެން ބައެއްގެ އުނދަގުލެއް ނެތި. ފާއިތުވީ ތިން އަހަރު އަހަރެންގެ ފޭނުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ހިނގައްޖެ. ނަމަވެސް އެމީހުންނަށް ވެސް އެނގެން ޖެހޭނެ އަހަންނަކީ އެހެން މީހުންނާ މާ ބޮޑަށް ގުޅިގެން އުޅެން ބޭނުންވާ މީހެއް ނޫންކަން. ސޯޝަލް މީޑިއާ ފުޅާވެގެން ގޮސް މިހާރު އެއީ ވަރަށް އުނދަގޫ ކަމަކަށް ވަނީ ވެފައި،" އަރިޖީތު ބުންޏެވެ.

އޭނާ އެ ބުނީ އެއްގޮތަކުން ބަލާއިރު ވަރަށް ބޮޑު ތެދެކެވެ. އޭނާ ބުނި ކަހަލަ ދުވަސްތައް ވަރަށް ގިނަ ލަވަކިޔުންތެރިންނަށް ދިމާވެފައި އެބަ ހުއްޓެވެ. ކުމާރު ސާނޫ، ޝާން، ސޯނޫ ނިގަމް ފަދަ ކުޅަދާނަ ލަވަކިޔުންތެރިންނަށް ފުރުސަތު ދޭނެ މިއުޒިކް ޑައިރެކްޓަރުން މިހާރު ވަރަށް ނުވެ އެވެ.

ރިއަލިޓީ ޝޯތަކުން ކޮންމެ އަހަރަކު ނުކުންނަ ލަވަކިޔުންތެރިންނަށް ބޮޑު ތަރުހީބެއް ލިބެމުންދާތީ ގިނަ ބަޔަކު މިހާރު ބޭނުންވަނީ މުޅިން އާ އަޑުތަކުން ކިޔާފައި ހުންނަ ލަވަތަކެވެ.